ބ. އޮޅުގިރި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޕްލޭން އެކުލަވާލައިފި

ބ. އޮޅުގިރި --ފޮޓޯ/ އޭދަފުށި ޓައިމްސް

ހިމާޔަތްކޮށްފައިވާ ބ. އޮޅުގިރި އާއި އެރަށުގެ ވަށައިގެންވާ ފަޅުގެ ސަރަހައްދުތަކުގެ ދިރުންތަކާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޕްލޭން އެކުލަވާލައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމު ކުރި ޕްލޭންގައި ވަނީ އެރަށް ހިމާޔަތްކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކަނޑައަޅައިފައެވެ.

އެގޮތުން އެރަށުގެ ވެއްޓާއި އެ މާހައުލުގައި ވަޒަންވެރިވެގެން ދިރިއުޅޭ ދިރުންތަކާއި، ހާއްސަކޮށް ހޯރައާއި އެސޮރުމެން ދިރިއުޅޭ ގަސްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ. އަދި އެރަށުގެ ފަރުތައް ރައްކާތެރިކޮށް ދިރުން ދަމަހައްޓައި އެ ރަށުން އިގްތިސާދީގޮތުން ފައިދާ ހޯދޭނެ ގޮތްތައްވެސް ޕްލޭންގައި ވަނީ ކަނޑައަޅައިފައެވެ.

ބ. އޮޅުގިރި --ފޮޓޯ/ އޭދަފުށި ޓައިމްސް

ޕްލޭންގައި ބުނީ އެރަށް ރައްކާތެރިކުރުމަށްް ބ. އަތޮޅު ކައުންސިލާއި ބ. ތުޅާދޫ އަދި ހިތާދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއް ހެދިގެން ދާނެ ކަމަށެވެ. އަދި ބުނީ އޮޅުގިރި ސަރަހައްދު ބެލެހެއްޓިގެން ދާނީ އެ ކައުންސިލްތަކާއި އަދި ބ. އޭދަފުށިގައި ހުންނަ ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް އޮފީހުގެ އެހީތެރިކަމާއެކީ ކަމަށެވެެ.

އޭގެ އިތުރުން ކައުންސިލްތަކާއި އެންވަޔަރަމަންޓު ޕްރެޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ދެމެދު އެއްބަސްވުމެއް ހެދިގެން ދާނެ ކަމަށްވެސް ޕްލޭންގައި ބުނެފައެވެ.

ބ. އޮޅުގިރި --ފޮޓޯ/ ބަޔޮސްފިއާ ރިޒާވް އޮފީސް

ފަތުރުވެރިން ސްނޯކްލިންގްއަށާއި ޑައިވިންގްއަށް ގެންދިޔުމުގެ ހުއްދަ ވަކި އުސޫލުތަކެއްގެ މަތިން ސަފާރީ އުޅަނދުތަކަށާއި ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް ދެވިގެންދާނެ ކަމަށްވެސް އެ ޕްލޭންގައި ބުންޏެވެ. އަދި އެ ފަރާތްތަކުން އޮޅުގިރިއަށް އަރާ ކޮންމެ ފަހަރަކު "ބ. އޮޅުގިރި އެކްސެސް ޕާމިޓް" ބައްލަވައި ގަންނަން ޖެހޭނެ ކަމަށް އެ ޕްލޭންގައި ބުނެފައިވެއެވެ.

އޮޅުގިރި ޕްލޭންގައި ވަނީ ވިޔާފާރިގެ އުސޫލުން ޓީވީ ޗެނަލްތަކުން ވީޑިއޯ އަދި ފޮޓޯނެގުން ފަދަ ކަންތައްތަކުގައި އަގު ނަގާނެ އުސޫލުވެސް ބަޔާންކޮށްފައެވެ. އެގޮތުން ވިޔަފާރީގެ ކަންކަމުގައި އޮޅުގިރިއަށް ވަންނަ ކޮންމެ ދުވަހަކަށް 3،885 ރުފިޔާ ވަނީ ނެގުމަށް ހަމަޖެހިފައެވެ.

comment ކޮމެންޓް