ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ޝިއްދަތު"ގައި ކުރީގެ ބަތަލާ ސްރީދޭވީ ކުޅެން ހަމަޖެހުނު ރޯލަށް މާދުރީ ދިކްޝިޓް ހަމަޖެއްސުމަށް ކަރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ސްރީދޭވީ މަރުވި އިރު، އޭނާ ވަނީ ކަރަންގެ ފިލްމަށް އެއްބަސްވެފަ އެވެ. އަދި ކަރަންއާ އެކު މަސައްކަތް ކޮށްލަން ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ވެސް ސްރީދޭވީ ވަނީ ބުނެފަ އެވެ.
ސްރީދޭވީ އާއިލީ މެމްބަރެއްގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށް ދުބާއީއަށް ގޮސް އުޅެނިކޮށް، ކޮޓަރީގެ ފާޚާނާގައި ހުރި ބާތު ޓަބް ތެރެއަށް ގެނބިގެންނެވެ.
ސްރީދޭވީ މަރުވި އިރު، ދެ މަސް ދުވަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ހުރިހާ ތައްޔާރީއެއް ވަނީ ވެފަ އެވެ. ސްރީދޭވީގެ ކުއްލި މަރުގެ ސަބަބުން ފިލްމުގެ މަސައްކަތް ނުފަށައި ހުއްޓާލުމަށް ކަރަން ނިންމި ކަމަށް ވެސް ޚަބަރުތައް ބުންޏެވެ.
ނަމަވެސް މިހާރު ޚަބަރުތައް ބުނާ ގޮތުން، ފިލްމާ އެކު ކުރިއަށް ދާން ކަރަން މިވަނީ ނިންމައިފަ އެވެ. އަދި ސްރީދޭވީގެ ބަދަލުގައި ފިލްމުން ދެން ފެނިގެން ދާނީ މާދުރީ ކަމަށްވެ އެވެ.
އެގޮތުން މާދުރީއާ އެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި "ޝިއްދަތު"އަކީ ސްރީދޭވީ އަށް ދޭ ޓްރިބިއުޓެއް ކަމުގައި މާދުރީ ގަބޫލު ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކާމިޔާބު ފިލްމު "2 ސްޓޭޓްސް"ގެ ޑައިރެކްޓަރު އަބީޝެކް ވަރްމަން ޑައިރެކްޓު ކުރާ އެ ފިލްމަކީ ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމެކެވެ.
ފިލްމުގެ ބައެއް ތަރިންގެ ތެރޭގައި ވަރުން ދަވާން، އާލިއާ ބަޓް، ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ، އަދި އަދިއްތުޔަ ރޯއީ ކަޕޫރު ހިމެނެ އެވެ.