"އޭބީސީޑީ 3"ގައި ވަރުގަދަ ކާސްޓެއް!

އޭބީސީޑީ ފްރެންޗައިޒްގެ ޑައިރެކްޓަރު ރޭމޯ ޑިސޫޒާ(މ)، ޖެކްލީން އަދި ވަރުން އާއެކު ---

'އޭބީސީޑީ' ފްރެންޗައިޒްގެ ކާމިޔާބު ދެ ފިލްމަށް ފަހު، ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އެ ސީރީޒްގެ ތިންވަނަ ފިލްމަކަށް ތައްޔާރުވެއްޖެއެވެ.

'އޭބީސީޑީ 3' އަށް ރޭމޯ ތައްޔާރުވެފައިވާ އިރު، ފިލްމުގެ ކާސްޓު ވެސް ވަރުގަދައެވެ. ޕިންކްވިލާ ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ލީޑު އެކްޓަރުގެ ތެރޭގައި ސަލްމާން ޚާން، ވަރުން ދަވާން، ޖެކްލީން ފާނަންޑޭޒް އަދި ކެޓްރީނާ ކައިފް ހިމެނެއެވެ.

ރޭމޯގެ ފިލްމާ ގުޅޭގޮތުން ޓްރޭޑް އެނަލިސްޓް ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައިވަނީ 'އޭބީސީޑީ 3' އަކީ މިހާތަނަށް ފެނިފައިނުވާ ވަރުގެ ބޮޑު ޑާންސް ފިލްމަކަށް ވާނެ ކަމަށެވެ. ފިލްމުގައި ފެނިގެންދާނީ ބޮލީވުޑްގެ ފުންނާބު އުސް ފަންނާނުން ކަމުގައި ބުނި ނަމަވެސް، ފިލްމު އުފައްދާ ފަރާތުން ފިލްމުގެ ކާސްޓު ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިލްމުގެ ކާސްޓު ހާމަކުރާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ތަރަންގެ ޓުވީޓުގައި ބުނެފައިވެއެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ރޭމޯ އަދި ޓީ-ސީރީޒްގެ ބުޝަން ކުމާރެވެ.

މިއީ ރޭމޯ އާއި ބުޝަން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ރޭމޯ މިހާރު އުޅެނީ 'ރޭސް 3'ގެ މަސައްކަތުގައި އަވަދިނެތިއެވެ.

އެ ފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް 'އޭބީސީޑީ 3'ގެ މަސައްކަތް ފަށާނެއެވެ. އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން، ފިލްމުގެ ކާސްޓަށް ގިނަ ތަމްރީނުތަކެއް ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފައެވެ.

ފިލްމުގައި ކެޓްރީނާ ފެނިގެންދާނީ ޕާކިސްތާން އަންހެން ކުއްޖެއްގެ ރޯލުން ކަމަށާއި، ޖެކްލީން ފެނިގެންދާނީ އިނގިރޭސިވިލާތު އަންހެން ކުއްޖެއްގެ ރޯލުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކާސްޓު ފައިނަލް ވެއްޖެ ނަމަ، 'އޭބީސީޑީ 3' ވެގެންދާނީ ވަރުން އަދި ކެޓްރީނާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ޖެކްލީން ވަނީ މީގެ ކުރިން ސަލްމާން އަދި ވަރުންއާއެކު މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް