ޓްރީޓޮޕް ހޮސްޕިޓަލް: ހުޅުވި މަގުސަދު މިހާރުވެސް ދަނީ ހާސިލުވަމުން

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ބިނާކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަކީ އެތައް ބައެއްގެ ހުވަފެންތަކާ ގުޅިފައިވާ ތަނެކެވެ. ހާއްސަކޮށް އެ ހޮސްޕިޓަލު ހެދުމުގެ ހިޔާލުކޮށް، އެކަމަށް އިންވެސްޓުކުރި ދިވެހި ކުންފުނިތަކުގެ އިސްބޭފުޅުންނެވެ.

ޓްރީޓޮޕް

ޓްރީޓޮޕު ހޮސްޕިޓަލަކީ ކާސާ ހޯލްޑިންގްސް އާއި ޗަމްޕާ ބްރަދާސް އަދި ކްރައުން ކޮމްޕެނީ އާއި ކުރެއްދޫ ހޯލްޑިންގްސް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓުމެންޓުން ހަރަދުކޮށްގެން އަޅާފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ލޯގޯގައި ހިމެނޭ ހަތަރު ފަތް ރަމްޒުކޮށްދެނީ މި ހަތަރު ކުންފުންޏެވެ.

ޓްރީ ޓޮޕް އިންވެސްޓުމެންޓު އުފެއްދީ އެއް ކުންފުންޏަކަށް ބޮޑެތި އިންވެސްޓުމެންޓު ނުކުރެވޭނެތީ، ހަތަރު ކުންފުނި އެއްވެގެން ބޮޑެތި އިންވެސްޓުމެންޓު ކުރުމުގެ ބޭނުމުގައެވެ. މި ކުންފުނިން ވަނީ މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެލްއެފްސީ) ގަނެ، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީއެމްބީ)ގެ ނަމުގައި ބޭންކެއް ހިންގަން ފަށައިފައެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ ކުންފުނިން މިހާތަނަށް ކުރި އެންމެ ބޮޑު އިންވެސްޓުމެންޓެވެ.

ޓްރީޓޮޕް އިންވެސްޓްމެންޓްސްގެ އެއް ހިއްސާދާރު އަދި ތަޖުރިބާކާރު އާކިޓެކްޓް (ގަދަގޭ) އަހްމަދު ސަލީމް -- ސަން ފޮޓޯ/ މުހައްމަދު ޝާމިން

"އަޅުގަނޑުމެން ވިސްނީ ވަރަށް އެމްބިޝަސް ކުންފުންޏަކަށް ވާންޖެހޭނެއޭ. އަނެއް ވިސްނުމަކަށް ވިސްނުނީ ކޮންމެ ގަހެއްވެސް އުފެދެނީ ވަރަށް ކުޑަ އޮށަކުންނޭ. އުފެދިގެންނޭ ބޮޑުވަމުން އައިސް ގަހަކަށް މިވަނީ. ކޮމްޕެނީގެ އެމްބިޝަން އެއް އެއީ ވަރަށް ކުޑަކޮށް ފެށިގެން ވަރަށް ބޮޑެތި ކަންތައް ކުރެވޭތޯ ބެލުން." ޓްރީ ޓޮޕް އިންވެސްޓުމެންޓުގެ އެއް ޑިރެކްޓަރު ގަދަގޭ އަހުމަދު ސަލީމް ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ހޮސްޕިޓަލެއް ބިނާކުރުމުގެ ހިޔާލަކީ ކުންފުނީގެ ހިއްސާދާރުންކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާގެ ގިނަ ދުވަސްވީ ހުވަފެނެއް ކަމަށެވެ.

"ދެބޭފުޅުން ވަރަށް ކުރީއްސުރެވެސް ގެންގުޅުއްވާ ހިޔާލެއް ރާއްޖޭގައި ޓާޝަރީ ލެވެލްގެ ރަނގަޅު ހޮސްޕިޓަލެއް ބިނާ ކުރުން. އެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ދެކެވިފައި އޮތީ ޓްރީޓޮޕް ހުޅުވުމުގެ މާ ކުރިންވެސް. ޓްރީޓޮޕް ކުންފުނި އުފައްދާފަ އަސްލު އެ ދެބޭފުޅުން އެންމެ ބޮޑަށް އެ އައިޑިއާ ޕުޝްކުރެއްވީ. އެހެން ޑިރެކްޓަރުންނަށްވެސް ފެނިވަޑައިގަތީ މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށް، އަދި ރާއްޖޭގައި ނެތް ފެންވަރުގެ ހޮސްޕިޓަލެއް އުފައްދަން،"

އަމާޒަކީ ބޭސްފަރުވާއަށް ބޭރަށް ދާ ދިވެހީން މަދުކުރުން

ސަލީމް ވިދާޅުވީ އެންމެ ބޮޑު އަމާޒަކަށްވީ ބޭސްފަރުވާއަށް ދާ ދިވެހިން މަދުކުރަން ކަމަށެވެ.

މިސާލެއްގެ ގޮތުން ސަލީމް ނެންގެވީ ގިނަ އަދަދެއްގެ ދިވެހިން ކެންސަރަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދާ ދިއުމެވެ. ކެންސަރަށް ފަރުވާއެއް ކަމުގައިވާ ކީމޯތެރަޕީއަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ތިބެގެން ހޯދާ ފަރުވާއެއް ކަމަށާއި، ނަމަވެސް ހަގީގަތުގައި ކީމޯތެރަޕީއަކީ ވަރަށް ކުޑަ ވަގުތުކޮޅެއް ނަގާ ކަމެއް ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ އެމްއާރުއައި މެޝިނު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެ ކީމޯ ސެޝަން ދޭތެރޭ ގިނަ ވަގުތު ނަގާ ކަމަށާއި އެއްވެސް ކަމެއް ނުކޮށް އެ ދުވަސްތަކުގައި ރާއްޖެއިން ބޭރުގައި ތިބެން ޖެހޭ ކަމަށާއި އެކަމަށް ހަރަދުތަކެއް ހިނގާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބެލި ބެލުމުގައި އެވްރެޖުކޮށް ބަލިމީހާ އާއެކު ތިން މީހުން ބޭރަށް އެބަދޭ. އަޅުގަނޑުމެންނަށް ވިސްނުނީ މިއީ އިކޮނޮމީއަށް އަންނަ ވަރަށް ބޮޑު ޑްރެއިނެއްގެ ގޮތުގައި. އަނެއްކާ ބައެއް ފަރާތްތަކުން ވަޒީފާވެސް ދޫކޮށްލާ އެހާ ދުވަހަށް ބޭރަށްދާން ޖެހޭތީ. އެހެންވެ އަޅުގަނޑުމެންނަށް ވިސްނީ މިއީ ވަރަށް މުހިއްމު ކަމެކޭ،" ސަލީމް ވިދާޅުވިއެވެ.

ހަމައެކަނި ފެކްޓްރީއެއް ހެން ބަލިމީހުންނަށް ބޭސްދިނުމެއް ނޫން އަޅުގަނޑުމެންގެ ބޭނުމަކީ،(ގަދަގޭ) އަހްމަދު ސަލީމް

ސަލީމް ވިދާޅުވީ މި އަހަރުގެ ޖޫން މަސް ނިމޭއިރު ޓްރީޓޮޕްގައި ކީމޯތެރަޕީގެ ޚިދުމަތް ފަށާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް އެ ހޮސްޕިޓަލުގައި އެބަހުރިކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން އޯޕަން ހާޓް ސާޖަރީވެސް ޖޫންމަހުގެ ފަހުން ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ހުންނަ ކުޑަކުދިންގެ ތެރަޕީ ރޫމް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑުމެން ވިސްނީ މި ފެންވަރުގެ ހޮސްޕިޓަލެއް ރާއްޖެއަށް އެބަ ބޭނުންވެޔޭ. އެ މަގުސަދުގައި އެކަން ކޮށްފަ މިއޮތީ،"

ހޮސްޕިޓަލަށް، މިހާރުވެސް ބޮޑެތި ކަންކަމުގައި މީހުން އަންނަކަން ސަލީމް ފާހަގަކުރެއްވިއެވެ. އެގޮތުން ހޮސްޕިޓަލަށް ޒިޔާރަތްކުރި ހިތުގެ ބަލި މީހެއްގެ ވާހަކަ ސަލީމް ހިއްސާ ކުރެއްވިއެވެ.

"އޭނާ ހާޓް ވެއިލް އިންޑިއާގައި ލައްވައިގެން، ކޮންމެ ހަމަހުން އެބަޖެހޭ ދާން ބެންގަލޫރަށް. ދެން އޭނާގެ ހާލަތު ހުންނަ ގޮތުން އެބަދޭ ދެ މީހުން. ދަތުރަށް އެބަ ހޭދަވޭ ހައެއްކަ ދުވަސް. އިއްޔެ އޭނާ މި ހޮސްޕިޓަލަށް އައިސް ހަތަރު ގަޑިއިރު ތެރޭ ފަރުވާ ނިންމާލައިގެން ދިޔައީ،"

ސަލީމް ވިދާޅުވީ އެ ބަލިމީހާގެ ތަޖުރިބާއާއެކު، ހޮސްޕިޓަލު ހުޅުވި މަގުސަދު ފުދެމުންދާ މަންޒަރު ފެނިއްޖެ ކަމަށެވެ.

"ހަމައެކަނި ޑޮކްޓަރަށް ދައްކާކަށް ނޫން. ރަޖިސްޓްރީ ކޮށްފައި މިތަން ބަލާލަން އަންނަ މީހުންވެސް އެބަތިބި. އިއްޔެ މިތަނަށް އެގޮޮތަށް އައި މީހަކާ، އަޅުގަނޑުމެންގެ ސްޕީޗް ތެރަޕިސްޓާ ދިމާވި. އަޅުގަނޑާ އެބޭފުޅާ ދިމާވެގެން ވިދާޅުވީ އަޅުގަނޑުމެން ބޭނުންވާ ހުރިހާކަމެއް އެބަވެޔޭ މިތަނުން. މީގެ ފަހުން ނުދާނަމޭ ބޭރަކަށް ފަރުވާއަށް،" ހޮސްޕިޓަލު ހުޅުވި މަގުސަދު ހާސިލުވާކަން މި ދެ ހާދިސާއިން އެނގުނުކަމަށް ސަލީމް ވިދާޅުވިއެވެ.

"ވަރަށް އުފާވި އެމަންޒަރު ފެނިފަ. ހުރިހާ ކަމެއް އެސްޓެބްލިޝް ވުމުން އެކަން އަދި އިތުރަށް ފުރިހަމަވާނެ،"

ޓްރީޓޮޕް އިންވެސްޓުމެންޓުގައި ހިމެނިވަޑައިގަންނަވާ ޑިރެކްޓަރުންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފުންނާބު އުސް، ތަޖުރިބާކާރުންނެވެ. މިއާއެކު ޓްރީޓޮޕުން މަސައްކަތް ކުރަނީ ބަލިމީހާއަށް އެންމެ ބޮޑު އިސްކަމެއް ދީގެން ޚިދުމަތް ކުރާ ގޮތަށެވެ. އެ ހޮސްޕިޓަލުގައި ބަލިމީހުންނަށް މުޚާތަބު ކުރަނީވެސް މެހެމާނެއް ނުވަތަ "ގެސްޓު"ގެ ނަމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޕްރެޒިޑެންޝަލް ސުއިޓް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ބަދަލާއެކު ހޮސްޕިޓަލަށް ޒިޔާރާތްކުރާ ބަލިމީހުންގެ ފަރާތުން ލިބޭ ފީޑްބެކް ވަރަށް ފުރިހަމަކަމަށް ސަލީމް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި މިހާރު 32 ގައުމެއްގެ ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުން ހިދުމަތް ދެއްވައެވެ. މީގެ ބޭނުމަކީ ހޮސްޕިޓަލުގެ ފިލޯސޮފީގައި (ބަލިމީހާ ކުރިއަށްލައިގެން) މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާ ކޮންމެ ''ގެސްޓެއް" ވެސް ޑޮކްޓަރާއެކު އެއްގަޑިއިރު ހޭދަކުރާނެއެވެ. އެއަށްވުރެ އިތުރަށްވެސް ވަގުތު ދާ ކަމަށާއި މީގެ ބޭނުމަކީ ބަލިމީހާއަށް ބަލިތަކާ ގުޅޭގޮތުން ކިޔައިދީ އޮޅުންފިލުވައިދިނުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އަޅުގަނޑުމެން ބޭނުންވޭ ކޮންމެ ބަލިމީހަކުވެސް ޑޮކްޓަރާ ވާހަކަ ދައްކާފައި ނިކުންނައިރު ހިތްހަމަޖެހިގެން ދާން. އެއީ ހަމައެކަނި ވާހަކަދައްކާ ދައްކާގޮތަކަށް ނޫން. ބައްޔާ ބެހޭގޮތުން އެކްސްޕްލެއިން ކޮށްދީ އެ ހުރިހާ ކަމެއް.(ގަދަގޭ) އަހްމަދު ސަލީމް

އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ފަރާތުން ލިބޭ ހިދުމަތަށް ބަލާއިރު، ބަލިމީހުން އަތުން ނަގާ ފީއަކީ ބޮޑު އެއްޗެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބަލިމީހުންގެ ފަރާތުންވެސް އެފަދަ ރިއެކްޝަނެއް ނުލިބޭކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ހޮސްޕިޓަލު ހުޅުވި ފުރަތަމަ ދުވަހުވެސް 86 ބަލިމީހުން ޚިދުމަތް ހޯދި ކަމަށެވެ. އެއީ އެބޭފުޅުން ލަފާކުރެއްވި އަދަދަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ނަގާ އަގާ އެއްވަރުގެ ސާވިސްއެއް އެބަދެވޭ،"

ވިޔަފާރިކުރުމަށް ވުރެ ބޮޑަށް ޚިދުމަތް ފޯރުކޮށްދިނުމަށް

ޓްރީޓޮޕް ހޮސްޕިޓަލް ބިނާކުރީ ރައްޔިތުންނަށް ހިދުމަތެއް ދިނުމުގެ މަގުސަދުގައި ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ "މިއީ 100 ޕަސެންޓު ބިޒްނަސް ޕްރޮޕޯޒަލްއެއް ނޫން" ކަމަށެވެ. ރިސޯޓެއް ހަދައިގެން ލިބޭނެ ފަދަ ފައިދާއެއް ނުލިބޭނެކަން ހުރިހާ ޑިރެކްޓަރުންވެސް ގަބޫލު ކުރައްވާކަމަށް ސަލީމް ވިދާޅުވިއެވެ. މިއަހަރު ހޮސްޕިޓަލް ހިންގާނީ ގެއްލުމުގައި ކަމަށް ފޯކާސްޓުތައް ދައްކާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ގްރާންޓް މަޑްލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"އަޅުގަނޑުމެން ހިތްވަރުކޮށްގެން މިތިބީ ސަސްޓެއިން ކުރަން. އަންނަ އަހަރުގެ ބަޖެޓު އައުމުން އެނގޭނީ އަންނަ އަހަރު ވާނެ ގޮތެއް. އެކަމަކު މިއަހަރު ލޮސްއަކަށް ޕްލޭންކޮށްގެން، މިއަހަރު އެއްވެސް ޕްރޮފިޓެއް ނުލިބޭނެކަން ޔަގީން،"

ޓްރީޓޮޕް ހޮސްޕިޓަލު މެނޭޖުކުރަން ހަވާލުކޮށްފައިވަނީ ރެމްސީ ސައިމް ޑާބީއާއެވެ. މިއީ މެލޭޝިއާ އާއި އޮސްޓްރޭލިއާގައި ހޮސްޕިޓަލު މެނޭޖުކުރުމުގެ ކަންތައް ކުރިއަށްގެންދާ، ތަޖުރިބާކާރު ކުންފުންނެކެވެ. އެއީ އޮސްޓްރޭލިއާއާއި ފްރާންސްގައިވެސް އެންމެ ބޮޑު ހޮސްޕިޓަލް އޮޕަރޭޓަރެވެ.

މިއާއެކު ޓްރީޓޮޕުގައި ސްޕެޝަލިސްޓަކު ނެތް ހާލަތެއްގައި، އެކުންފުނިން ހިންގާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ގެނެސްގެން ހިދުމަތް ދޭނެއެވެ.

އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާއެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެއެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފައެވެ.

comment ކޮމެންޓް