މާލޭގެ ގުދަންތައް ސިނާއީ ސަރަހައްދަށް ބަދަލުކުރަނީ

ސިނާއީ ސަރަހައްދުގައި ލޮޖިސްޓިކް ވެއާ ހައުސްތަކާއި ވޯކްޝޮޕްތައް އިމާރާތްކޮށް ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ

މާލޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކޮށްފައިވާ ވެއާ ހައުސްތައް ސިނާއީ ސަރަހައްދަށް ބަދަލު ކުރުމަށް ލޮޖިސްޓިކް ވެއާ ހައުސްތަކާއި ވޯކްޝޮޕްތައް އިމާރާތްކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އާ ހަވާލު ކޮށްފި އެވެ.

މިއަދު މެންދުރު ފަހު ހައުސިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްއާ އެ މަޝްރޫއު ހަވާލު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޕީއެލްގެ ފަރާތުން އެ މަޝްރޫއުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ދެމަސް ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓްގެ ފައިނަލް ކުރެހުންތައް ނިންމައި، އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެ މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން 18 ބުރީގެ ޕާކިންގް ބިލްޑިންގްއެއްގެ އިތުރުން ވޯކްޝޮޕްތަކާއި މަލްޓި ސްޓޯރީ ވެއާ ހައުސްތަކަށް ހާއްސަ ކޮށްގެން ފަސް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު-- ސަން ފޮޓޯ

"މި އިމާތްތަކުގައި ޖުމްލަ 1.2 މިލިއަން އަކަފޫޓްގެ ސަރަހައްދެއް ވޯކްޝޮޕްތަކާއި ވެއާ ހައުސްތަކަށް ހާއްސަ ކުރެވިގެންދާނެ. އޭގެ ތެރޭގައި ހިމެނެނީ ވޯކްޝޮޕްތަކާއި މަލްޓި ސްޓޯރީ ވެއާ ހައުސިންގް އަށް ހާއްސަ ކުރެވިގެން އިމާރާތް ކުރާ 650،000 އަކަފޫޓްގެ ސަރަހައްދާއި ކޮންސްޓްރަކްޝަން މެޓީރިއަލް ރައްކާކުރާ ވެއާ ހައުސްތަކަށް ހާއްޞަ ކުރެވިގެންދާ 480،000 އަކަ ފޫޓްގެ ސަރަހައްދެއް." މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގެ ކުދި ކުދި ގޯޅިތަކުގައި ބައިވަރު ގުދަންތައް ހަދާފައި ހުރުމުގެ ސަބަބުން އާންމުންނަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށާއި މި މައްސަލަ ހައްލު ކުރުމަށް ޓަކައި ވެއާ ހައުސްތައް ސިނާއީ ސަރަހައްދަށް ބަދަލު ކުރުމަށް ނިންމީ ކަމަށެވެ.

"އަޅުގަނޑުމެން މިތަން އެކި ފަރާތްތަކަށް ކުއްޔަށް ދިން ނަމަ ވަރަށް މަދު ބަޔަކަށް އެ ފުރުސަތު ދެވެނީ. އެޔާ ހިލާފަށް މީގައި ފައިދާ ވާނެ ގޮތަކީ ގިނަ ފްލޯތަކަކަށް ގިނަ އިމާރާތްތަކެއް އަޅައި ތަރައްގީ ކުރުން. ކުއްޔަށް މިދެނީ ޖާގަ، ބިމެއް ނޫން. އެހެންވީމާ މާލެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާ މިންގަނޑުން ބޭރުގައި ހުރި ތަންތަން މި އިމާރާތްތަކަށް ބަދަލު ކުރެވޭނެ." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް ފަރުމާ ކުރެވިފައި ވާނީ ތިމާވެއްޓާއި ރައްޓެހި ކޮންސެޕްޓަކަށް ކަމަށާއި މީގެ ސަބަބުން މާލެއަށް ބޮޑު ބަދަލެއް އައިސް ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭތަކެއް ގެނުވާނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

comment ކޮމެންޓް