ރިޔާސީ އިންތިޚާބުތަކަށް ގާސިމް ޚަރަދުކުރެއްވީ މީރާއަށް ދައްކަންޖެހޭ ފައިސާ: ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ރިޔާސީ އިންތިޚާބުތަކުގައި ޚަރަދުކުރި ފައިސާތަކަކީ ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާ ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ތުހުމަތު ކުރައްވައިފި އެވެ.

"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ގެ ނަމުގައި ރޭ ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ކުރިމަތީގައި ބޭއްވި ޖަލްސާގައި ފަލާހު އެހެން ވިދާޅުވީ، މީގެ ކުރީގެ ރިޔާސި އިންތިޚާބު ތަކުގައި ގާސިމް ހުންނަ ފަޅިއަށް ނަތީޖާ ބުރަވާތީވެ، ގާސިމާ ނުލައި ސަރުކާރަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

"ގާސިމް އިބްރާހިމް މިދިޔަ ރިޔާސީ އިންތިޚާބު ތަކުގައި ޚަރަދުކުރި ފައިސާއަކީ ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާ އޭ. އެ ފައިސާ ޚަރަދުނުކޮށް ރިޔާސީ އިންތިޚާބަކަށް ގާސިމް އިބްރާހިމް ނުކުމެއްޖެކަމަށްވާނަމަ އޭނާއަށް 2000 ވޯޓު ވެސް މިރާއްޖެއިން ނުލިބޭނޭ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު އެފަދަ ތުހުމަތުތަކެއް ގާސިމަށް ކުރެއްވިއިރު، ގާސިމަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ބަލިވުމުން ކޯލިޝަންގެ ތެރެއިން ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ބޮޑެތި ޚަރަދުތަކެއް ކުރެއްވި ބޭފުޅެކެވެ.

ނަމަވެސް އެފަހަރު ކޯލިޝަންގެ ސަރުކާރު ރޫޅި ފަހުން ގާސިމް ވަނީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ.

އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ވަކި ކެނޑިޑޭޓެއްގެ ގޮތުގައި ނުކުތުމުން ވެސް ބަލިވެ، ފަހުން ކޯލިޝަނެއްގެ ތެރެއިން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ގާސިމް ގިނަ މަސައްކަތްތަކެއް ކުރެއްވިއެއެވެ. ކޯލިޝަންގެ ތެރެއިން އެފަހަރު އޮތް ރައްޔިތުން މަޖިލީހަށް ވެސް ގާސިމް ވަނީ ބޮޑެތި ހޭދަތަކެއް ކުރައްވައިފަ އެވެ.

ނަމަވެސް މަޖިލިސް އިންތިޚާބަށްފަހު ކޯލިޝަންގެ ތެރޭގައި އުފެދުނު މައްސަލަތަކެއްގައި ގާސިމް ވަނީ އޭރު އޮތް ކޯލިޝަނުން ވަކިވެވަޑައިގަތްފައެވެ.

އަދި އޭގެ ފަހުން ވިލާ ގްރޫޕްގެ އެކި ކުންފުނިތަކަށް ރިސޯޓު ހެދުމަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ހޯދަން ދައުލަތުން ދަނީ ދައުވާ ކުރަމުންނެވެ. ނަމަވެސް ވިލާ އިން ބުނެފައިވަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

ފަލާހު ވިދާޅުވީ ރައީސް ޔާމީން މިގައުމަށް ގެންނަވާ ކުރިއެރުމާއި ތަރައްގީގެ ސަބަބުން ވޭތުވެދިޔަ ހަތަރު އަހަރަކީ އިދިކޮޮޅު ފަރާތްތަކުގެ ހަޔާތުގައި ދިމާވި ހިތާމަވެރި އަހަރުތަކެއް ކަމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ވާދަކޮށްފިނަމަ އެއިން ބޭފުޅަކަށް 2000 ވޯޓު ވެސް ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރުން މަސައްކަތްކުރަންވީ ރައީސް ޔާމީން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވައިގެން އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

comment ކޮމެންޓް