ޗެމްޕިއަން ސައިކްލޯންއަށް، މޮޅު ކުޅުންތެރިއަކަށް ޝިއުރާ

މުބާރާުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝިއުރާ މިދިޔަ އަހަރުގެ މުބާރާތުގައި --- އެމްބީއޭ

ގައުމީ ބާސްކެޓް ބޯޅައެސޯސިއޭޝަން (އެމްބީއޭ) ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ސައިކްލޯން ބާސްކެޓްބޯލް ކްލަބުން ހޯދައިފިއެވެ.

ކުޅިވަރު އެކުވެނީގެ އެތެރެވެށީ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ސައިކްލޯންއިން ޗެމްޕިއަންކަން ހޯދީ އދ. މަހިބަދޫ ޖިބިލީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

މިއަދުގެ މެޗު ސައިކްލޯން ކާމިޔާބުކުރީ 48 ޕޮއިންޓް 36 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސައިކުލޯން އަށް 13 ޕޮއިންޓް ހޯދައިދިން ރައިފާ އިބްރާހީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖިބިލީ ސްޕޯޓްސްއަށް މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އައިމިނަތު ޝިއުރާއެކެވެ. ޝިއުރާއަކީ ރާއްޖޭގެ ކުޅިވަރު މައިދާނުގައި ފާހަގަކުރެވޭ ޝަހުސިއްޔަތެކެވެ. މީގެ ކުރިންވެސް ބާސްކެޓް އަދި ނެޓްބޯޅަ ފަދަ މުބާރާތް ތަކުގައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފާ ޝިއުރާއަކީ ހޭންޑް ބޯޅައިގަވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

ރައިފާ އިބްރާހީމް - ސައިކްލޯން ބީސީ

އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު - ސައިކްލޯން ބީސީ

ނަޝްފާ އާމިރު - ސައިކްލޯން ބީސީ

ޒުލޭހާ އިބްރާހީމް - ސައިކްލޯން ބީސީ

ފާތިމަތު ޝައިލީން - ސައިކްލޯން ބީސީ

އެމްބީއޭ ޗެމްޕިއަންޝިޕްގައި މިއަހަރު ހަތަރު ޓީމެއް ވާދަކުރިއެވެ. ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލަށް ދަތުރުކޮށްފައިވާއިރު، ޖިބިލީއާއި ސައިކްލޯންގެ އިތުރުން ދެން މުބާރާތުގައި ކުޅެފައިވަނީ ރެޑްވިންގްސް ބީސީ އަދި ބެންޗެވެ.

comment ކޮމެންޓް