ވިހި އަހަރުން ދަށުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު ރޭ ވެލެންސިޔާ އަތުން 3-2 ލަނޑުން ވީބީ މޮޅުވި ކަމުގައި ވިޔަސް، ވިބީ ސްޕޯޓްސް ކުލަބް މުބާރާތުން އަލްވަދާއު ކިޔައިފަ އެވެ.
މުބާރާތުގެ ގުރޫޕް ދޭއްގެ ދެވަނަ ޓީމު ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ވެލެންސިއާ ކޮޅަށް ވީބީގެ އަބްދުﷲ ޝައްފާން ދެ ލަނޑު ކާމިޔާބު ކޮށްދިންއިރު، ތިން ވަނަ ލަނޑު ވީބީއަށް ކާމިޔާބު ކޮށްދިނީ ފައްސާން ވަލީދެވެ. އަދި މެޗުން ބަލިވި ވެލެންސިއާ އިން ޖެހި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން ދެ ކުޅުންތެރިންނަކީ އަހުމުދު އިބާދާއި ހުސެއިން ޒާހިރެވެ.
ގުރޫޕް ދޭއްގެ މެޗުތައް ނިމުނުއިރު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ހަތަރު ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ދެ ވަނައިގަ އެވެ. އަދި މުބާރާތުން ވަކިވާން ޖެހުނު ވީބީއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހުގެ ރޭ މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް އެކެއްގެ އެއްވަނަ ހޯދި ވިކްޓަރީ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭ އިރު ބަލިވާ ޓީމަކަށް ޖެހޭނީ ތިން ވަނަ ސެމީގައި ވާދަކުރާށެވެ. ތިން ވަނަ ސެމީގައި ވާދަކުރާނީ ވެލެންސިއާ އާއި ގުރޫޕް އެކެއްގެ ދެވަނަ ހޯދި ނިއު ރޭޑިއަންޓް ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ.
ގްރޫޕް ދޭއްގެ އެއްވަނަ މަގާމް ވިކްޓަރީ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ނިއު ދެވަނަ އަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ އީގަލްސް އެވެ. އަދި މިގްރޫޕުން އެންމެ ފުލަށް ދިޔަ އޭވައިއެލް އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.