އާ ހެދުން ލާންވާނީ ދޮވެގެން

ފިހާރަތަކުގައި ވިއްކަން ހުންނަ ހެދުމަކީ އެތައް ބަޔަކު އަތް ހާކައި، ހެޔޮވަރުކުރަން ލާފައި ހުންނަ އެއްޗެއްސެވެ. އެގޮތަށް ހުންނަ ހެދުންތަކުގައި ޖަރާސީމާއި ބެކްޓީރިއާ ހަރުލާފައި ހުންނާނެއެވެ. ފިހާރައިން ގަނެގެން އަންނަގޮތަށް ނުދޮވެ ހެދުން ލާނަމަ ހަމުގެ މައްސަލަތައް ކުރިމަތިވާނެކަމަށް ޑާމަޓޮލޮޖިސްޓުން ވިދާޅުވެއެވެ.

ކޮލަމްބިއާ ޔުނިވާސިޓީގެ މެޑިކަލް ސެންޓަރުގެ ޕްރޮފެސަރެއްކަމަށްވާ ޑޮނަލްޑް ބެލްސިޓޯ ވިދާޅުވާގޮތުގައި ފިހާރަތަކުން ގަންނަ ހެދުން ނުދޮވެ ލާނަމަ، ހަންގަނޑު ހިރުވުމާއި ފަންގަލް އިންފެކްޝަން ފަދަ މައްސަލަތައް ދިމާވެދާނެއެވެ.

ހަމުގެ ބަލިތައް ހުންނަ މީހުންވެސް މި ހެދުންތަކުގައި އަތް ހާކާފައި ނޫނީ ހެޔޮވަރުކޮށްފައި ހުރެދާނެ ކަމަށާއި ފަހަރުގައި އެފަދަ ބައްޔެއް ގައިން ގަޔަށް އެރުމުގެ ފުރުސަތުވެސް އޭގެ ސަބަބުން އޮވެދާނެ ކަމަށް ޑޮނަލްޑް ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ އެއްޗެހީގައި ހަންގަނޑަށް ނުރައްކާވާނެ ކެމިކަލްވެސް ހުންނަ ކަމަށާއި އޮންލައިންކޮށް ގަންނަ ހެދުންވެސް ލާންވާނީ ދޮވެގެން ކަމަށް ކޮލަމްބިއާ ޔުނިވާސިޓީގެ މެޑިކަލް ސެންޓަރުގެ އިތުރު ޑާމަޓޮލޮޖިސްޓް ލިންޑްޒީ ބޯޑޯން ވިދާޅުވެފައިވެއެވެ.

ފޮތީގައި ބޭނުންކޮށްފައި ހުންނަ "ޑައި" ނުވަތަ ކުލައިގެ ސަބަބުން ބައެއް ފަހަރު ހަންގަނޑަށް އޭގެ އަސަރުކޮށް ހިރުވައި، ފިތްނެގުން ފަދަ ކަންތައް ދިމާވެދާނެ ކަމަށްވެސް ލިންޑްޒީ ވިދާޅުވެފައިވެއެވެ.

މި މައްސަލަތަކަށް އޮތް ފަސޭހަ ހައްލަކީ އާ ހެދުން ލާއިރު ހެދުން ދޮވެގެން ލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު