އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ވަނީ އެމެރިކާގެ ނައިބު ރައީސާ ބައްދަލުކުރަން ދެކޮޅު ހަދާފައި

އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތުގައި މައިކް ޕެންސް އާއި ކިމް ޔޯ ޖޮންގް -- ފޮޓޯ: ޕޫލް

ވޮޝިންޓަން (ފެބްރުއަރީ 21): މިދިޔަ ހަފްތާގައި ދެކުނު ކޮރެއާގައި ބޭއްވި ވިންޓާ އޮލިމްޕިކްސްގައި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސާ އުތުރު ކޮރެއާގެ އޮފިޝަލުންނާ އެކު ބާއްވަން އޮތް ބައްދަލުވުމެއް، އުތުރުން ވަނީ ކެންސަލްކޮށްފައި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތަށް ދެކުނު ކޮރެއާއަށް ވަޑައިގަތް ޕެންސް ހުންނެވީ އުތުރުގެ އޮފިޝަލުންނާ ބައްދަލު ކުރައްވަން ތައްޔާރަށެވެ.

އަދި އުތުރުން އެ ގައުމުގެ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން ޕެންސް ތައްޔާރަށް ހުންނެވި އުތުރުން ވަނީ އެންމެ ފަހު ވަގުތު އެބައްދަލުވުން ކެންސަލް ކޮށްފައި ކަމަށް ބަޔާނުގައިވެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެބައްދަލުވުމުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އޮލިމްޕިކްސް އަށް ދެކުނު ކޮރެއާއަށް ވަޑައިގަތް ކިމް ޔޯ ޖޮންގް ވަނީ ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންއާ ބައްދަލު ކުރައްވައި ލީޑަރު ކިމްގެ ފަރާތުން ސިޓީފުޅެއް އަރުވާފައި އެވެ. އެސިޓީގައި ވަނީ ރައީސް މޫން އުތުރަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައި އެވެ.

ރައީސް މޫން އެދައުވަތު ގަބޫލު ކުރައްވައި، ކިމްއާ ބައްދަލު ކުރައްވައިފި ނަމަ އެވާނީ 2007 ވަނަ އަހަރުގެ ފަހުން ދެ ކޮރެއާގެ ލީޑަރުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރަށެވެ. (ބީބީސީ)

comment ކޮމެންޓް