އޮޕްރާ ރައީސް ކަމަށް ކުރިމަތިލައިފި ނަމަ އޭނާ ބަލި ކުރާނަން: ޓްރަމްޕް

އޮޕްރާ އަދި ޓްރަމްޕް.

ވޮޝިންގްޓަން (20 ފެބްރުއަރީ): އެމެރިކާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ބިލިއަނަރު އޮޕްރާ ވިންފްރޭ، އެ ގައުމުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އަދި އޭރުން ބަލިކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އޮޕްރާ ރައީސް ކަމަށް ކުރިމަތިލައްވައިފި ނަމަ ބަލިކުރައްވާނެ ކަމަށް، ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

މިފަހަރު އެވާހަކަ ޓްރަމްޕް އަނެއްކާ ވެސް ތަކުރާރުކުރެއްވީ އޮޕްރާ އެމެރިކާގެ މަޝްޙޫރު ޝޯއެއް ކަމަށްވާ "60 މިނިޓްސް"ގައި ކުރެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.

އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވޯޓު ދިން މީހުންނާ އޮޕްރާ ވަނީ ޝޯގައި އިންޓަވިއުކޮށްފަ އެވެ. އަދި ޓްރަމްޕްގެ ރިޔާސީ ފުރަތަމަ އަހަރާ މެދު ދެކެނީ ކިހިނެއްތޯ ވެސް ވަނީ ސުވާލުކޮށްފަ އެވެ.

އެފްރިކާގެ ގައުމުތަކަކީ ނަޖިސް ގައުމުތަކެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީވެ، އެކަމާމެދު ދެކެނީ ކިހިނެއްތޯ ވެސް އެ ޝޯގައި ވަނީ ސުވާކުކޮށްފަ އެވެ.

ޓްރަމްޕް ވިދާޅުވީ އެ ޝޯގައި އިންޓަވިއުތައް ވަކި އަތަކަށް ޖެހިފައިވާ ކަމަށެވެ. އަދި އޮޕްރާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އޭރުން އެކަމަނާ ރަނގަޅަށް ފަލީހަތްކޮށް، ބަލިކުރައްވާނެ ކަމަށެވެ.

ދާދި ފަހުން ބޭއްވި ގޯލްޑަން ގްލޯބް އެވޯޑްސްގައި އޮޕްރާ ދެއްކެވި ވާހަކައާ ގުޅިގެން، އެކަމަނާ އެމެރިކާގެ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވަރަށް ބޮޑަށް އަޑުފެތުރިގެން ދިޔަ އެވެ.

އޮޕްރާ ވިދާޅުވީ އޭނާ ރައީސް ކަމަށް ވާދަަކުރެއްވުމާ މެދު ކުރިން ވިސްނެވި ކަމަށާއި ނަމަވެސް ފަހުން އެހިޔާލު ދޫކޮށްލައްވާފައިވާ ކަަމަށެވެ.

މަސްދަރު: ގާޑިއަން

comment ކޮމެންޓް