ޓީ ރެކްސް ރެކޯޑު އާކޮށްފި، ޗިކޫގެ ރެކޯޑުވެސް ސަބީހު މުގުރާލައިފި

މިދިޔަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ތެރެއިން ޓީރެކްސް --- ފައިލް ފޮޓޯ/ އެމްބީއޭ

އެމްބީއޭ ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީ ރެކްސް ބާސްކެޓްބޯލް ކްލަބުން އެ ކްލަބުގެ ރެކޯޑެއް އާކޮށްފިއެވެ. އަދި ރޭ ކުޅުނު މެޗުގައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބުގެ މުހައްމަދު ސަބީހު، ޓީ ރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކޫ)ގެ ރެކޯޑެއް މުގުރާލައިފިއެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅެފައިވަނީ ޓީރެކްސްއާއި ކްލަބު ބުލޫ ލެއޮޕާޑް ސްޕޯޓްސް ވާދަކުރި މެޗެވެ. މި މެޗު ޓީރެކްސްއިން ކާމިޔާބުކުރީ 255 ޕޮއިންޓް 32 ޕޮއިންޓުންނެވެ. މިމެޗުގައި 255 ޕޮއިންޓް ނަގައި، ޓީރެކްސްވަނީ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ނެގި ޓީމުގެ ގައުމީ ރެކޯޑު އާކޮށްފައެވެ. މީގެކުރިންވެސް ރެކޯޑު އޮތީވެސް ޓީރެކްސް އަތުގައެވެ. މިއަހަރުގެ މުބާރާތުގައި ލަޔަނަސް ސްޕޯޓްސް ކްލަބާއި ދެކޮޅަށް ޓީރެކްސްއިންވަނީ 220 މެޗު ހަދައިފައެވެ.

ކުރިން ޓީރެކްސް ރެކޯޑު ހެދި މެޗުގައި، އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ނެގި ކުޅުންތެރިޔާގެ ރެކޯޑުވެސް އެ ކްލަބުގެ ޗިކޫވަނީ ހަދައިފައެވެ. އެއީ ލަޔަނަސް ސްޕޯޓްސް ކްލަބު ކޮޅަށް 85 ޕޮއިންޓް ހަދައިގެންނެވެ. ނަމަވެސް އެމްބީއޭ ޗެމްޕިއަންޝިޕްގައި ރޭ ސްޓިންގާސްއާ ލަޔަނަސް ސްޕޯޓްސް ކްލަބު ވާދަކުރި މެޗުގައި ސްޓިންގާސްގެ މުހައްމަދު ސަބީހުވަނީ 88 ޕޮއިންޓް ނަގައި، ޗިކޫގެ ރެކޯޑު މުގުރާލައިފައެވެ.

ސްޓިންގާސްއާއި ލަޔަނަސް ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ސްޓިންގާސްއިން ކާމިޔާބުކުރީ 133 ޕޮއިންޓް 27 ޕޮއިންޓުންނެވެ.

އިއްޔެގެ މެޗަށް ނުކުތްއިރުވެސް ޓީ ރެކްސްއަށް ސެމީގެ ޖާގަ ޔަގީން ވެފައިވާއިރު، ރޭ ކުޅުނު ގްރޫޕް އެކެއްގެ މެޗުން މޮޅުވެ ސްޓިންގާސްވެސް ވަނީ ސެމީގެ އުންމީދު ބޮޑުކޮށްފައެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ހަވީރު އޮންނަ މެޗުގައި ވާދަކުރާނީ ސައިކްލޯން ބީސީއާއި ބެންޗެވެ. މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ޖިބިލީ ސްޕޯޓްސް ކްލަބާއި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބެވެ.

comment ކޮމެންޓް