ސީރިއާގެ ކުރުދީންނަށް މަދަދުދިނުމަށް ސީރިއާގެ ސިފައިން އަފްރީންއަށް ފޮނުވަނީ

ސިރިއާގެ އަފްރިންގައި ތުރުކީ ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: ރޮއިޓާސް

ދިމިޝްގް (19 ފެބްރުއަރީ): ސީރިއާގެ ވައިޕީޖީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އެގައުމުގެ އަފްރީންގައި ތުރުކީން ފެށި އޮޕަރޭޝަނާ ގުޅިގެން، ކުރުދީންނަށް މަދަދު ދިނުމުގެ ގޮތުން ސީރިއާގެ ސަރުކާރު ސިފައިން ފޮނުވުމަށް ތައްޔާރުވާން ފަށައިފިއެވެ.

ސީރިއާގެ އަލްހަބަރިއްޔާ ޓީވީއިން ބުނީ ސީރިއާގެ ސިފައިންނާ، ކުރުދީ ހަނގުރާމަވެރިންނާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އަދި ވަރަަށް އަވަހަށް އަފްރީންއަށް ސީރިއާގެ ސިފައިން ވަދެގެންނާނެ ކަމަށެވެ.

ސީރިއާގައި ގާއިމްކޮށްފައިވާ ކުރުދީ ސަރުކާރަށް ލަފާދޭ އިސް މުޝީރެއް ކަމަށްވާ ޖިއާ ކުރުދު ރޮއިޓާސްއަށް އިއްޔެ ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ސީރިއާގެ ސިފައިން އަފްރީންއަށް ވަންނާނެ ކަަމަށެވެ. އަދި ސީރިއާގެ ސިފައިން ވަންނަނީ ހަމައެކަނި އަސްކަރީގޮތުން މަދަދު ދިނުމަށް ކަމަށް ވެސް ޖިއާ ވިދާޅުވިއެވެ.

ޖިއާ ވިދާޅުވީ އެ ސަރަހައްދު ހިންގުމުގެ ކަންތައް މަޝްވަރާކުރާނީ ފަހުން ކަމަށެވެ.

ކުރުދީންނާ ސީރިއާގެ ސިފައިންނާ މަޝްވަރާތައް ކުރިއަށްދާ ކަމަށް މީގެ ކުރިން ވަނީ ވަރަށް ބޮޑަށް އަޑުފެތުރިފައެވެ. ކުރުދީ ހަނގުރާމަވެރިން ހަތިޔާރު ނުބަހައްޓާނަމަ ސިފައިން ނުފޮނުވާނެ ކަމަށް ބުނެ ސީރިއާގެ ސަރުކާރުން މީގެ ކުރިން ވަނީ މަޝްވަރާތަކުން ވަކިވެފައެވެ.

ތުރުކީން ސީރިއާގެ އަފްރީންއަށް ހަަމަލާދޭން ފެށީ މިދިޔަ މަހު 20 ގައެވެ.

" އޮޕަރޭޝަން އޮލިވްބްރާންޗް"ގެ ނަމުގައި އޮޕަރޭޝަން ފެށީ ކުރުދީން ސީރިއާގައި ވަކި ދައުލަތެއް އުފެއްދުން ހުއްޓުވުމުގެ ގޮތުން ކަމަށް ތުރުކީން ވަނީ ބުނެފައެވެ.

ތުރުކީން ބުނާގޮތުގައި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނާ، ތުރުކީގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ކުރުދީންގެ "ޕީކޭކޭ" ހަނގުރާމަވެރިންނާ ގުޅުން އޮވެއެވެ.

މަސްދަރު: އާރުޓީ

comment ކޮމެންޓް