ރެޕްޓާސް އިން އުންމީދު ބޮޑުކޮށް ގްރޫޕް އެކެއްގެ ފޯރި ގަދަވެއްޖެ

ރެޕްޓާސްއީ ކިންގްސް ބީސީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ކިންގްސް ބީސީ

އެމްބީއޭ ޗެމްޕިއަންޝިޕްގައި ރޭ ރެޕްޓާސް ބާސްކެޓްބޯލް ކްލަބުން ކުޅުނު މެޗ،ު އެޓީމުން ކާމިޔާބުކޮށް ސެމީ ފައިނަލްގެ އުންމީދު އާކުރިއިރު، ގްރޫޕް އެކެއްގެ ފޯރި ގަދަަ ވެއްޖެ އެވެ.

މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި 12 ޓީމު ވާދަކުރެ އެވެ. ދެ ގްރޫޕަކަށް ބަހައިލައިގެން ކުރިއަށްދާއިރު، ސެމީގެ ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމަށެވެ.

ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ކިންގްސް ބާސްކެޓްބޯލް ސެމީއަށް ދަތުރުކޮށްފައިވާ އިރު، ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔުމުގެ ޖާގަ ތިން ޓީމަކަށް އެބައޮތެވެ. އެއީ ރެޕްޓާސްގެ އިތުރުން ކްލަބު އެޗްޑީސީއާއި ރޯޔަލްސް ބާސްކެޓްބޯލް ކްލަބެވެ.

ރޭ ކުޅުނު މެޗުގައި ރެޕްޓާސް އިން ޑަބްލިއު ސްޕޯޓްސް އެކަޑެމީގެ މައްޗަށް ކުރިހޯދީ 83 ޕޮއިންޓް 65 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޕްޓާސްގެ މުހައްމަދު އީވާން ޒާހިރެވެ.

ގްރޫޕް އެކެއްގައި ބާކީ ތިން މެޗު އޮތްއިރު ރޯޔަލްސް ނުކުންނާނީ ޑަބްލިއު ސްޕޯޓްސް އެކަޑެމީއާ ދެކޮޅަށެވެ. ކިންގްސް ބީސީން ނުކުންނާނީ ރެޑްވިންގްސް ބީސީއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްލަބު އެޗްޑީސީ ނުކުންނާނީ ރެޕްޓާސްއާ ދެކޮޅަށެވެ.

އިއްޔެ ހަވީރު ކުޅެފައިވަނީ ގްރޫޕް ދެއެއްގެ މެޗެކެވެ. ވާދަކުރީ ހާފް ކޯޓް އަދި އެލްކިއު ސްޕޯޓްސް އެވެ. އެލްކިއުއިން މެޗު ކާމިޔާބުކުރީ 72 ޕޮއިންޓް 40 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލްކިއުގެ ހަސަން ޝަހުނޫން އެވެ.

މި މެޗުން މޮޅުވެ އެލްކިއުއިން ސެމީގެ ފުރުސަތު ބޮޑު ކޮށްފައިވާ އިރު، މި ގްރޫޕްގެ ދެވަނަ ޓީމު ކަށަވަރުވާނީ އެލްކިއުއާއި ސްޓިންގާސް ވާދަކުރާ މެޗުންނެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައި ވަނީ ޓީރެކްސްއެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި މިއަދު އޮންނާނީ ގްރޫޕް ދެ އެއްގެ ދެމެޗެވެ. ހަވީރު އޮންނަ މެޗުގައި ވާދަކުރާނީ ޓީ ރެކްސް ބީސީއާއި ހާފް ކޯޓެވެ. މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ސީބީއެލްއާއި ލަޔަނެސް ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް