ކުއްލި ނުރައްކާ އުވާލުމަށް ޔުމްނާ ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ސުޕްރީމު ކޯޓު

ކުއްލި ނުރައްކަލުގެ ހާލަރު އުވައިލުމަށް ޔުމްނާ މައުމޫނު ސުޕްރީމު ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ޔުމްނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ނިންމިގޮތް އާންމުކޮށް ސުޕްރީމު ކޯޓުން ބުނީ އެ މައްސަލައަކީ ސުޕްރީމު ކޯޓުގެ ގަވައިދުގެ ދަށުން ބަލައިގަންނަން ޖެހޭ މައްސަލައެއްކަމަށް ނުފެންނަ ކަމަށެވެ.

ޔުމްނާ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އެ ޤަރާރުގެ ދަށުން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއާއި، 145 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާއަށް ޢަމަލުނުކުރާ ގޮތަށް ހަމަޖައްސަވާފައި ވާތީއާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވޭނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ބަޔާންކޮށްފައިވާ ވަކި ޙާލަތްތަކެއްގައި އެކަނިކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރަކީ، އެ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއްނެތި، ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ސިޓީތަކަށް ޖަވާބު ނުދެއްވުމާއި، އެ ސިޓީތައް ބަލައިނުގަތުމަކީ، ޤަރާރު ނެރުއްވުމުގެ ސަބަބެއްކަމަށް ހިމަނުއްވާފައިވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ޞައްޙަކަން ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރެއްކަމަށް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރު ބާޠިލުކަމަށް ކަނޑައަޅައި ޙުކުމެއްކޮށްދިނުމަށެވެ.

ކޯޓުން ބުނީ ރާއްޖޭގެ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކާ އިއުލާނު ކުރެވޭނެ ހާލަތްތަކުގެ ތެރޭގައި "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް" ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ގަރާރަކީ، ނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގައި "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ނެރޭ ޤަރާރުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާންޖެހުނު ސަބަބާއި، އެ ނުރައްކަލަކާ ގުޅިގެން އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް ބަޔާންކުރާންވާނެ" ކަމަށާއި، "ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ކަނޑައެޅިފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ޙައްޤުތަކާއި މިނިވަންކަން ވަގުތީގޮތުން ހިފެއްހެއްޓުމާއި، ބައެއް ޤާނޫނުތަކަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުން ހިމެނިދާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ޙާލަތާގުޅިގެން އެޅިދާނެކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ "ޙަޞްރީ" ކޮށް ނުވަތަ ޤައިދުކޮށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކެއް ނޫންކަން އެ މާއްދާގެ ޢިބާރާތުން ސާފުކޮށް އެނގެން އޮންނައިރު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައި، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ދައުލަތުގެ އަމްނުޢާއްމާއި ނިޡާމުޢާއްމު ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ޒަރޫރީ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަން ޤާނޫނުއަސާސީގެ 254 ވަނަ މާއްދާ އިން އެނގެން އޮތްއިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން މިމަހުގެ ވަސްވަނަ ދުވަހު ނެރުނު ޤަރާރަކީ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފު
ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އަސާސެއް ނެތް ކަމަށްވެސް ސުޕްރީމު ކޯޓުން ވަނީ ބުނެފައެވެ.

މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް