ވިހި އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން އޯލް ޔޫތު ލިންކޭޖް )އޭވައިއެލް(ގެ މައްޗަށް ތަފާތު ބޮޑުކޮށް ނިއުއިން ކާމިޔާބުކުރުމަށްފަހު މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. މިމެޗް ނިއުއިން ކާމިޔާބުކުރީ 6-1 ލަނޑުންނެވެ.
ގުރޫޕް އޭގެ ފަހުމެޗުގައި ރޭ ނިއުއާއި އޭވައިއެލް ބައްދަލުކުރި މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާން އޮތް ނަމަވެސް އޭވައިއެލްއަށް ނިއު ހިފަހައްޓާ ކުރި ހޯދޭގޮތެއް ނުވިއެވެ. އެގޮތުން މެޗްގެ ނުވަވަނަ މިނެޓްގައި ނިއުއިންވަނީ އޭވައިއެލްގެ ގޯލް ހުޅުވާލާފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ބާސިތު އެވެ. މެޗްގެ 27 ވަނަ މިނެޓްގައި ނިއުއަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އަލީ ހައިޝަމް ވަނީ އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްދީފަ އެވެ.
މެޗްގެ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީ ހައިޝަމް ވަނީ ހަތަރު މިނެޓްތެރޭ އިތުރު ތިން ލަނޑުޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ހައިޝަމް މި ތިން ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗްގެ 48، 50 އަދި 51 ވަނަ މިނެޓްގަ އެވެ.
މެޗްގައި އޭވައިއެލް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައި ވަނީ އިބްރާހިމް ޝާހިރު އެވެ. ނިއުގެ ފަހު ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށް 6-1 އަށް ނަތީޖާ ބަދަލުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ބާސިތު އެވެ.
ހުރިހާ މެޗެއް ކުޅެ ގްރޫޕް އޭގެ އެއްވަނައަށް ވިކްޓަރީ ދިޔައިރު ނިއުއިން ދެވަނަ ކަށަވަރުކުރީ ހަ ޕޮއިންޓާއެކު އެވެ. ކުލަބު އީގަލްސްއަށް ތިން ޕޮއިންޓް ލިބުނުއިރު ފުލުގައި އޮތް އޭވައިއެލްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. މިގުރޫޕުން ސެމީ ފައިނަލުގެ ދެޖާގައަށް ގޮސްފައިވަނީ ވިކްޓަރީއާއި ނިއު އެވެ.
ގްރޫޕް ބީގެ އަދި މިމުބާރާތުގެ ގްރޫޕު ސްޓޭޖުގެ އެންމެ ފަހު މެޗް މިރޭ 22:00 ގައި ކުރިއަށްދާނެ އެވެ. މިމެޗްގައި ވީބީއާއި ދެކޮޅަށް ވެލެންސިޔާ ނުކުންނައިރު އެޓީމަށް އޮތީ ސެމީ ފައިނަލުގެ ޖަގައެއް ކަށަވަރުވެފައެވެ. މިރޭގެ މެޗުން ވީބީ ބަލިވެއްޖެނަމަ އެޓީމު މުބާރާތް ނިންމާލަން ޖެހޭނީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ދިހަ ޕޮއިންޓާއެކު މިގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރާނީ މާޒިޔާއެވެ.