ބީއެމްއެލްއިން އަތޮޅުތެރޭގައި ދެމުންދާ ކޭޝް އެޖެންޓް ހިދުމަތް އިތުރަށް ފުޅާކުރަނީ

ބީއެމްއެލްއިން އަތޮޅުތެރޭގައި ދެމުންދާ ކޭޝް އެޖެންޓް ވިއުގަ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ރ.ހުޅުދުއްފާރުން ފެށުން -- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ދެމުންދާ ކޭޝް އެޖެންޓް ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ފައިސާ ޖަމާކުރުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އެ ޚިދުމަތް ފުރަތަމަ ދޭން ފެށުމަށް ބޭންކުން ނިންމާފައިވާ ފަސް ރަށުގެ ތެރެއިން އެ ޚިދުމަތް ފުރަތަމަ ފައްޓާފައިވަނީ ރ. ހުޅުދުއްފާރު ގައި މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ބީއެމްއެލް އިން ބުނީ، އަލަށް ތައާރަފްކުރި ފައިސާ ޖަމާކުރުމުގެ ޚިދުމަތް މެދުވެރިކޮށް އެއްވެސް ފީ އަކާ ނުލައި ކަސްޓަމަރުންނަށް ދުވާލަކު 10،000 ރުފިޔާ އާ ހަމަޔަށް ނަގުދު ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ކްރެޑިޓް ކާޑަށައި ލޯނަށްވެސް ފައިސާ ދެއްކޭނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

އެ ޚިދުމަތާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ، ކޭޝް އެޖެންޓް ޚިދުމަތަކީ އަތޮޅުތަކުގައި ވަރަށް މަގުބޫލް ޚިދުމަތެއް ކަމަށާއި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތް ފެއްޓުމަކީ ލިބޭ ވަރަށް ޚާއްސަ އުފަލެއް ކަމަށެވެ.

"ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ގާއިމްކުރުމަކީ އެހާމެ ފައްސޭހަކަމެއް ނޫން. ނަމަވެސް ކޭޝް އެޖެންޓުން މެދުވެރިކޮށް މިދަނީ މިފަދަ އާބާދީ ކުޑަ ރަށްތަކުގައި ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެމުން،" ޝަރީފް ވިދާޅުވިއެވެ.

ކުދި އާބާދީ ހިމެނޭ ރަށްތަކަށް ބޭންކިންގ ޚިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކޭޝް އެޖެންޓްގެ ޚިދުމަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގައެވެ. 2016 ވަނަ އަހަރު ބޭންކުންވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓް ޚިދުމަތް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައެވެ. މިއަދު ބީއެމްއެލް އިން މި ޚިދުމަތް ދެމުން އަންނަނީ 230 ކޭޝް އެޖެންޓުންނާއެކުގައެވެ.

comment ކޮމެންޓް