"ބްލެކް ޕެންތާ" - މާވެލް ފޭނުން ދެނީ ފަސްތަރި!

މާވެލްގެ ކޮމިކް ކެރެކްޓާ "ބްލެކް ޕެންތާ"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ބްލެކް ޕެންތާ" ހުކުރު ދުވަހު ރާއްޖޭގައި ވަނީ ރިލީޒްކޮށްފައި -- ފޮޓޯ: ނިއުސްޓޭސްމަން

މާވެލްގެ ކޮމިކް ކެރެކްޓާ "ބްލެކް ޕެންތާ"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ބްލެކް ޕެންތާ" ހުކުރު ދުވަހު ރާއްޖޭގައި ވަނީ ރިލީޒްކޮށްފައެވެ. ޝްވެކް ސިނަމާގެ މާލެ އަދި ހުޅުމާލެ ސިނަމާގައިވެސް މި ފިލްމު ދައްކަމުންދާއިރު ހުކުރު ދުވަހު ރޭގެ ފުރަތަމަ ޝޯއަށް ވަން ގިނަ ބަޔަކު ވަނީ ބްލެކް ޕެންތާއަށް ފަސްތަރި ދީފައެވެ.

ފިލްމު ބަލަން ވަނުމުގެ ކުރިން ބްލެކް ޕެންތާ ފޭނަކާ ވާހަކަ ދައްކާލީމެވެ. އޭރު ބުނީ "ބެލުމުގެ ކުރިން ވެސް މި ބުނަނީ މި ފިލްމު ހަބޭސް ވާނެ" ކަމަށެވެ. ފިލްމު ބެލުމަށްފަހު ނުކުމެ، ފިލްމުގެ ވާހަކަ އަހާލުމުންވެސް ބުނީ "އޭރުވެސް ބުނީމެއްނު ސަޅިވާނެއޭ. ހަމަ ވަރަށް ސަޅި ފަސް ތަރި ދޭހައިވޭ" ކަމަށެވެ.

އިތުރު މީހަކު ބުނީ ފިލްމު ރީތި ކަމަށާއި ހިތްހަމަ ޖެހޭ ކަމަށެވެ. ހަމަގައިމުވެސް މާވެލްގެ ފޭނުން ތިބީ އުފަލުންނެވެ. ފިލްމު ދައްކަމުން ދިޔައިރު ސިނަމާ ތެރެއިންވެސް އެ މަންޒަރު ފެނުނެވެ. ފިލްމު ބަލައިގެން ނުކުތްއިރުވެސް ފެނުނެވެ.

ބްލެކް ޕެންތާއިން ފެންނަނީ ބައްޕަ މަރުވުމަށްފަހު ޓީ-ޗައްލާ އޭނާގެ ގައުމުގެ ވެރިކަމާ ހަވާލުވުމަށްފަހު ހިނގާ ކަންތައްތަކެވެ. ވަކާންޑާއަކީ ޓީ-ޗައްލާގެ ގައުމެވެ. އެފްރިކާގެ އެ ގައުމަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަށް ގޮސްފައިވާ ގައުމެކެވެ.

ޓީ-ޗައްލާ އޭނާގެ ބައްޕަގެ ފަރާތުން ވާރުތަވި ރަސްކަމުގެ ތަހުތާ ހަވާލުވެއެވެ. ނަމަވެސް ކުއްލިއަކަށް ޒަމާންވީ ދުޝްމަނަކު ޓީ-ޗައްލާ އަތުން ތަހުތު ފޭރިގަތުމަށް އާދެއެވެ. އެ ދުޝްމަނަކީ އޭނާގެ ބޮޑުބޭބެގެ ދަރިއެކެވެ. ބޮޑުބޭބެ މަރާލީ ޓީ-ޗަައްލާގެ ބައްޕައެވެ. ގައުމުގެ ދިފާއުގައެވެ.

ދުޝްމަނުންނާ ހަނގުރާމަ ކުރުމަށް ޓީ-ޗައްލާ ބްލެކް ޕެންތާގެ ބާރުގެ ބޭނުން ކުރެއެވެ. ވަކަންޑާ އަދި މުޅި ދުނިޔެއަށްވެސް އޮތީ ބިރުވެރިކަމެކެވެ.

ބްލެކް ޕެންތާގެ ބާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައިގައި ދުޝްމަނުން ބަލިކުރަން އޭނާއަށް މަޖުބޫރުވެއެވެ. ފިލްމުގެ ކުރި މަރާނުލުމަށް އިތުރު ވާހަކަތައް ނުދައްކައި ބަހައްޓާނަމެވެ.

މިއީ ހުރިހާ ރަހައެއް އެކުލެވޭ ފިލްމެކެވެ. ގައުމީ ލޯތްބާއި އާއިލީ ލޯބި، ދެކޮޅުވެރިކަމާއި ހަސަދަ އަދި އިޝްގީ ލޯބީގެ އަސަރުވެސް ފިލްމުގައި ހިމެނެއެވެ.

ބްލެކް ޕެންތާގެ ރޯލުން ފެންނަނީ ޗެޑްވިކް ބޯސްމޭންއެވެ. މީގެ އިތުރުން މައިކަލް ބީ ޖޯޑަން، ލުޕިޓާ ނުޔޯންގްއޯ، ޓިން ފްރީމެންގެ އަދި ޑެނިއެލް ކަލުއްޔާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

ކްރިޓީކުންގެ 97 ޕަސެންޓު ތައުރީފު ފިލްމަށް ވަނީ ލިބިގެން ގޮސްފައެވެ. ރައްޓެހިންނާއެކު ނޫނީ ލޯބިވެރިޔާއާއެކު ގޮސް ބަލައިލަން މިއީ ރަނގަޅު ފިލްމެކެވެ. ނޫނީ މާވެލްއަށް މަރުދޭ ރައްޓެއްސަކާއެކު ފިލްމަށް ދާށެވެ. އިތުރަށް އެކްސައިޓިން ވާނެއެވެ.

comment ކޮމެންޓް