ޗިކޫއާއި ޓީރެކްސްއަށް ރެކޯޑެއް

މިދިޔަ އަހަރު އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރެޑްލައިން ކްލަބާއި ޓީރެކްސް ބައްދަލުކުރި މެޗުގައި ޓީރެކްސްގެ ޗިކޫ ބޯޅައާއެކު --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އެމްބީއޭ ޗެމްޕިއަންޝިޕްގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބު އަދި އެޓީމުގެ ތަރި، އިބްރާހިމް ރަޝްވާން (ޗިކޫ)ވެސް ގައުމީ ބާސްކެޓްގެ ބޮޑު ރެކޯޑެއް ހަދައިފިއެވެ.

ކުޅިވަރު އެކުވެނީގެ އެތެރެވެށީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ދެއެއްގެ މެޗުގައި ޓީރެކްސް ވާދަކުރީ ލަޔަނަސް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އެ މެޗު ޓީރެކްސްއިން ކާމިޔާބުކުރީ 220 ޕޮއިންޓް 43 ޕޮއިންޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޗިކޫވަނީ ޓީރެކްސްއަށް 85 ޕޮއިންޓް އެޓީމަށް ނަގައިދީފައެވެ.

މިމެޗުގައި 220 ޕޮއިންޓް ނަގައި ޓީރެކްސްވަނީ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ނެގި ޓީމުގެ ގައުމީ ރެކޯޑު މުގުރާލާފައެވެ. އަދި މެޗުގައި 85 ޕޮއިންޓް ނެގި ޗިކޫވަނީ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ނެގި ކުޅުންތެރިޔާގެ ގައުމީ ރެކޯޑުވެސް މުގުރައިލައިފައެވެ.

މީގެ ކުރިން އެންމެ ގިނަ ޕޮއިންޓް އެއް މެޗެއްގައި ނެގި ޓީމުގެ ރެކޯޑު އޮތީ އާރުއެލްސީ އަތުގައެވެ. އެޓީމުވަނީ 2013 ވަނަ އަހަރުގެ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގައި ވީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި 220 ޕޮއިންޓް ނަގައިފައެވެ. އެ މެޗުގައި ވީ ޔުނައިޓެޑަށް ނެގުނީ 43 ޕޮއިންޓެވެ.

އިއްޔެގެ މެޗުގައި ޗިކޫ މުގުރާލީ ކުރިން ޒިލާލް ހަދައިފައިވާ ރެކޯޑެކެވެ. ޒިލާލް އެ ރެކޯޑު ހަދައިފައިވަނީވެސް 2013 ވަނަ އަހަރު ގައުމީ މުބާރާތުގައި ވީ ޔުނައިޓެޑް އަދި އާރުއެލްސީ ވާދަކުރި މެޗުގައެވެ. ޒިލާލް ވަނީ އާރްއެލްސީ އަށް 67 ޕޮއިންޓް ނަގައިދީފައެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި ވާދަކުރި ކްލަބު އެޗުޑީސީއާއި ރޯޔަލްސް ބާސްކެޓް ބޯޅަ ޓީމެވެ. މި މެޗު 86 ޕޮއިންޓް 66 ޕޮއިންޓުން ކާމިޔާބުކުރީ ރޯޔަލްސް ބީސީއެވެ.

comment ކޮމެންޓް