ކިންގްސް ސެމީއާ ގާތަށް، ރެޕްޓާސްވެސް އުންމީދު އާކޮށްފި

ރެޕްޓާސް ބީސީއާއި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެމްބީއޭ

ގައުމީ ބާސްކެޓް ބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ޗެމްޕިއަންޝިޕްގައި ކިންގްސް ބާސްކެޓްބޯލް ކްލަބުން ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކުރިއިރު، ރެޕްޓާސް ބާސްކެޓްބޯލް ކްލަބުން ސެމީ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ އެތެރެވެށީ ކޯޓުގައި ކުރިއަށްދާ 26 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނީ ގްރޫޕް އެކެއްގެ ދެ މެޗެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ވާދަކުރީ ކިންގްސް ބީސީއާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީއެވެ. މިމެޗު ކިންގްސް ބީސީިން ކާމިޔާބުކުރީ 94 ޕޮއިންޓް 52 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކިންގްސް ބީސީގެ ރިޝްފާން ރަޝީދެވެ. އޭނާވަނީ މެޗުގައި 23 ޕޮއިންޓް ނަގައިދީފައެވެ.

މިހާތަނަށް ގްރޫޕް އެކެއްގައި ކުޅުނުު ދެ މެޗުންވެސް މޮޅުވެ ކިންގްސް ބީސީ އޮތީ ގްރޫޕް އެކެއެއްގެ އެއްވަނައިގައެވެ. ގްރޫޕް ސްޓޭޖުގައި ކިންގްސް ބީސީއަށް ބާކީ ތިން މެޗު އޮތްއިރު، އެއް މެޗުން މޮޅުވެގެންވެސް ސެމީއަށް ދިޔުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ރޭ ކުޅުނު މެޗުގައި ވާދަކުރީ ރެޕްޓާސް ބީސީއާއި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބެވެ. އެ މެޗު 80 ޕޮއިންޓް 72 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓާންސް ބީސީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެޕްޓާސް ބީސީއަށް 22 ޕޮއިންޓް ނަގައިދިން މުހައްމަދު އީވަން ޒާހިރެވެ.

މުބާރާތުގެ ފުރަތަމަ ކުޅުނު މެޗުން ރެޕްޓާސް ބީސީ ބަލިވި ނަމަވެސް ރޭގެ މެޗުން މޮޅުވެ އެޓީމު އޮތީ ގްރޫޕް އެކެއްގެ ދެވަނައިގައެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ދެ މެޗު މިއަދުވެސް އޮންނާނެއެވެ. ހަވީރުގެ މެޗުގައި ވާދަކުރީ ޓީރެކްސް ބާސްކެޓްބޯލް ޓީމާއި ލަޔަނަސް ސްޕޯޓްސް ކްލަބެވެ. މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ރޯޔަލްސް ބީސީއާއި އެޗްޑީސީއެވެ.

comment ކޮމެންޓް