ފިލިޕީންސްގައި ޑްރަގުގެ ތުހުމަތުކުރެވޭ މީހުން ތަހުގީގުނުކޮށް މަރާ މައްސަލަ ބަލަނީ

ދަ ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު --

ފިލިޕީންސްގައި ކުރިޔަށް ގެންދާ "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ"އިިގެ ތެރެއިން ހިނގާފައިވާ ޖިނާއީ ކުށްތައް ބެލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ތައްޔާރުވެއްޖެއެވެ.

ފިލިޕީންސްއިން މަސްތުވާތަކެތި ނައްތަލުމަށްޓަކައި، އެގައުމުގެ ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މަސްތުވާތަކެތި ގެންގުޅޭ، ނުވަތަ ބޭނުންކުރާ މީހުން މެރުމުގެ ހުއްދަ ފުލުހުންނާއި ސިފައިންނަށް ދީފައިވެއެވެ.

އެގޮތުން، 2016 ވަނަ އަހަރު ޑުޓާޓޭ ވެރިކަމަށް އައި ފަހުން ހިންގި ޑްރަގް އޮޕަރޭޝަންތަކުގައި މަރާލެވިފައިވާ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 4،000 ކަމަށް ފިލިޕީންސްއިން ބުނެއެވެ. ނަމަވެސް ހިއުމަން ރައިޓްސް ވޮޗުން ބުނަނީ މި އަދަދު 13،000 އަށް ވުރެ އިތުރުވާނެ ކަމަށެވެ.

މި މައްސަލައިގައި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރ ފާތޫ ބެންސޫދާ ވިދާޅުވީ ޝަރީއަތް ކުރުމަކާ ނުލައި ސަރުކާރުން މީހުން މަރަމުންދާ މައްސަލަތައް ބަލާނެ ކަމަށެވެ.

އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ ވިދާޅުވީ ފިލިޕީންސްގެ މައްސަލަ މިހާރުވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"ބައެއް މަރުތައް ހިނގާފައިވަނީ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއިން ކަމުގައި ވިއަސް، ގިނަ ހާދިސާތައް ހިނގަނީ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން،" ޗީފް ޕްރޮސެކިއުޓަރ ބެންސޫދާ ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި، ރައީސް ޑުޓާޓޭގެ ތަރުޖަމާނު ހެރީ ރޯކޭ ވިދާޅުވީ، އައިސީސީން ކުރަން އުޅޭ މަސައްކަތަކީ ވަގުތާއި ވަސީލަތްތައް ބޭކާރުކުރުން ކަމަށެވެ. އަދި ރައީސް ޑުޓާޓޭގެ ދަށުން، ފިލިޕީންސްއަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުން ދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ފިލިޕީންސްގެ މައްސަލަ ބަލަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ.

comment ކޮމެންޓް