ގައުމީ ބާސްކެޓް ބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 26 ވަނަ މުބާރާތުގެ ކުޅުން ރޭ ފަށައިފި އެވެ.
ކުޅިވަރު އެކުވެނީގެ އެތެރެވެށީ ކޯޓުގައި ފަށާފައި ވަނީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުމެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގެ ދެ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ވާދަކުރީ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ރެޕްޓާސް ބާސްކެޓްބޯލް ކްލަބެވެ. އެ މެޗު 81 ޕޮއިންޓް 66 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސް ބާސްކެޓްބޯލް ކްލަބެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކިންގްސް ބާސްކެޓްބޯލް ކްލަބަށް 32 ޕޮއިންޓް ނަގައިދިން އަހުމަދު ފިރާޝްއެވެ.
ގްރޫޕް އެކެއްގެ ދެވަނަ މެޗުގައި ވާދަކުރީ ރޯޔަލްސް ބާސްކެޓްބޯލް ކްލަބާއި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބެވެ. މި މެޗު ރޯޔަލްސްއިން ކާމިޔާބުކުރީ 88 ޕޮއިންޓް 48 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޯޔަލްއަށް 24 ޕޮއިންޓް ނަގައިދިން އަހުމަދު ނަޖީލެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޖުމްލަ 12 ޓީމު ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ލިބެނޭ އެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ ސެމީފައިނަލްގައި ވާދަކުރާނީ ގްރޫޕް އެކެއްގެ އެއްވަނައާއި ގްރޫޕް ދެއެއްގެ ދެވަނަ އެވެ. ދެވަނަ ސެމީފައިނަލްގައި ވާދަކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ އާއި ގްރޫޕް އެކެއްގެ ދެވަނަ އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން ފަށާނީ އަންނަ ހޯމަ ދުވަހު ހަވީރު އެވެ. އެ ވާދަކުރާނީ ސައިކްލޯން ބީސީ އަދި ޖިބިލީ އެސްސީއެވެ. އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ.
މުބާރާތުގެ ދެ މެޗު މިއަދު ވެސް އޮންނާނެ އެވެ. މިއަދު ހަވީރު އޮންނާނީ ގްރޫޕް އެކެއްގެ މެޗެކެވެ. ވާދަކުރާނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީ އެވެ. މިރޭ އޮންނާނީ ގްރޫޕް ދެއެއްގެ މެޗެކެވެ. ވާދަކުރާނީ ޓީރެކްސް ބީސީއާއި ސްޓިންގާސް ބީސީ އެވެ.