އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަހަރު ގެންނަން ނިންމައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޝްހޫރު ބްރޭންޑުތަކުގެ ކެފޭ އައުޓްލެޓު ހިންގުމަށް، އެޗްއެމްއެސް ހޯސްޓާ ހަވާލު ކުރުމަށް އިއްޔެ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، ވީއައިއޭގައި ކިއޮސްކެއް ތައްޔާރުކޮށް "ގްލޯރިއާ ޖީންސް ކޮފީ" ގެންނަން ނިންމާފައިވާ ކަމަށެވެ.
މި އަހަރުގެ މާޗްމަހުގައި "ގްލޯރިއާ ޖީންސް ކޮފީ" އެއާޕޯޓްގައި ވިއްކަން ހަމަޖެހިފައިވާއިރު އެކަމާ ގުޅޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
ގްލޯރިއާ ޖީންސް ކޮފީ މޯލްޑިވްސްގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްވެސް މިހާރުވަނީ އިއުލާނުކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޝްހޫރު ބްރޭންޑުތަކުގެ ކެފޭ އައުޓްލެޓު ހިންގުމަށް، ހުޅުލޭގެ ވޯޓާފްރަންޓުގައި ވަނީ ޚާއްސަ އިމާރާތެއް ތަރައްގީކޮށްފައެވެ.
ވޯޓާ ފްރަންޓް އައުޓްލެޓް ތަކަށް ގެނައުމަށް ހަމަޖެހިފައިވާ ބްރޭންޑުތަކަކީ ކޭއެފްސީ، ޕިއްޒާހަޓް، ދުނިޔޭގެ ދެވަނައަށް އެންމެ މަޝްހޫރު ކޮފީޗެއިން "ކޮސްޓާ ކޮފީ" އަދި ހާވެސްޓް މާކެޓެވެ.