ވިހި އަހަރުން ދަށުގެ އެފްއޭކަޕްގައި ފަހަތުންއަރާ 2-3 ލަނޑުން ވީބީ ސްޕޯޓްސް ކްލަބްގެ މައްޗަށް މޮޅުވެ މާޒިޔާ އިން ހަތްޕޮއިންޓާ އެކު ގްރޫޕް ބީގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
މިމެޗްގެ ފަހުހާފްގައި ތިންލަނޑުޖަހާ މާޒިޔާ އިން ކުރިހޯދާފައި ވަނީ ފުރަތަމަ ހާފްގައި ވީބީ އިން ދެ ލަނޑު ޖަހާފައިވަނިކޮށެވެ.
ވީބީގެ ފުރަތަމަ ލަނޑު އެ ޓީމްގެ ހައިދަރު އަކްރަމް ކާމިޔާބު ކޮށްދީ ލީޑް ހޯދައިދީފައިވަނިކޮށް މެޗްގެ 36 ވަނަ މިނެޓްގައި ފައްސާން ވަލީދު ލަނޑެއް ޖަހައި ވީބީއަށް ލީޑް ފުޅާކޮށްދިނެވެ. މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އައްފާން ހަމްޒާ އެވެ. އަދި 70 ވަނަ މިނިޓުގައި މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ތަސްމީން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މީގެ އިތުރުން އޭނާ ވަނީ މެޗްގެ 82 ވަނަ މިނިޓުގައި މާޒިޔާ އަށް ލީޑު ހޯދައިދީ، ވީބީން ސެމީ އަށް ދިއުމަށް ކުރަމުންދިޔަ އުންމީދުތައް ފެނަށް ދުއްވާލައިފަ އެވެ.
ޖުމްލަ ހަތް ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ، ގްރޫޕް އޭގައި ހިމެނެނީ ނިއުރޭޑިއަންޓް، އީގަލްސް، އޯލް ޔޫތް ލިންކޭޖް (އޭވައިއެލް)އާއި ވިކްޓަރީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ވެލެންސިޔާ، ވީބީ އަދި މާޒިޔާ އެވެ.
ގްރޫޕް ބީގައި ތިން ޓީމް ހިމެނޭތީ އެގްރޫޕަށް ދެބުރު މެޗްތައް ކުޅެން ޖެހިފައިވެ އެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ ޓީމް ފައިނަލަށް ދަތުރުކުރާއިރު ފުލުގައިވާ ޓީމްތައް ދެވަނަ މަގާމްގައިވާ ޓީމްތަކާއި ވާދަކުރަން ޖެހޭނެ އެވެ.
މިމުބާރާތުގައި މިރޭ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިވެ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި މިރޭ 10:00 އޮންނަ މެޗްގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.