ވޮޝިންގްޓަން ( 26 ޖެނުއަރީ): ތުރުކީން ސީރިއާގެ ކުރުދީންނާ ދެކޮޅަށް، ސީރިއާގެ އަފްރިންގައި ފެށި އޮޕަރޭޝަން ހުއްޓާލުމަށް އެމެރިކާއިން ގޮވާލައިފިއެވެ.
އެމެރިކާގެ ޕެންޓަގަންގެ ޗީފް ޑިފެންސް ޑިޕާޓްމަންޓްގެެ ތަރުޖަމާނު ޑޭނާ ވައިޓް ވިދާޅުވީ ތުރުކީގެ އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން އައިއެސް ޖަމާއަތް ބަލިކުރުމަށް ކުރަމުންދާ މަސައްކަތްތަށް ހުރަސް އެޅެމުންދާ ކަމަށެވެ.
"ތުރުކީއަކީ އަޅުގަނޑުމެންގެ ބައިވެރިއެއް. އަދި އަޅުގަނޑުމެން ތުރުކީއާއެކު ކުރިއަށް މުސްތަގުބަލުގައިވެސް މަސައްކަތް ކުރާނަން. ނަމަވެސް މިހާރު ތުރުކީން ކުރިއަށްދާ އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން އައިއެސް ޖަމާއަތް ބަލިކުރުމަށް ކުރަމުންދާ މަސައްކަތްތަށް ދަނީ ހުރަސް އެޅެމުން. ބައިވެރިންގެ ގޮތުގައި ތިބެ އަޅުގަނޑުމެން އިސްކަންދޭންވީ އައިއެސް ޖަމާއަތް ބަލިކުރަން،" ޑޭނާ ވިދާޅުވިއެވެ.
"އޮޕަރޭޝަން އޮލިވް ބްރާންޗް" ގެ ނަމުގައި ތުރުކީން އެ އޮޕަރޭޝަން ފެށީ ކުރުދީން ސީރިއާގައި ވަކި ދައުލަތެއް އުފެއްދުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ތުރުކީގައި ހަރަކާތްތެރިވާ ކުރުދީންގެ ޕީކޭކޭ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމަށް ތުރުކީން އަބަދުވެސް ބުނެއެވެ. ކުރުދީން ދަނީ ތުރުކީގައި ވެސް ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަ ކުރަމުންނެވެ.
އެމެރިކާއިން ދެކޭ ގޮތުގައި ކުރުދީންގެ ވައިޕީޖޭ ހަނގުރާމަވެރި ގްރޫޕަކީ އައިއެސް ޖަމާއަތާ ބަލިކުރުމަށް އެންމެ ކުޅަދާނަ ލަޝްކަރެވެ. އެމެރިކާއިން ވަނީ އައިއެސް ޖަމާއަތް ބަލިކުރުމަށް ކުރުދީ ހަނގުރާމަވެރިންނަށްް ތަމްރީންދީފައެވެ.
ތުރުކީން ވަނީ އެމެރިކާއިން އިން ކުރުދީ ހަނގުރާމަވެރިންނަށް މަދަދު ދިނުން ހުއްޓާލުމަށް ވެސް ގޮވައިލައިފައެވެ. އެހެން ނޫންނަމަ ސީރިއާގައި ކުރުދީން ހަރަކާތްތެރިވާ ހުރިހާ ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތުރުކީން ވަނީ ދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ބުދަ ދުވަހު ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ފޯނުން ގުޅުއްވައި، ވަނީ ތުރުކީގެ އަސްކަރީ އޮޕަރޭޝަން "ލިމިޓް"ކޮށް، އާންމުންނަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް ގޮވައިލައިފައެވެ. އަދި ތުރުކީއާ އެމެރިކާއާ ގުޅުންތައް ގޯސްނުވާނެގޮތަށް ތުރުކީން އަމަލުތައް ބެހެއްޓުމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.