އަފްޣާނިސްތާނުގައި ހުންނަ ސޭވް ދަ ޗިލްޑްރެންގެ އޮފީސް ކައިރިއަށް ބޮމުގެ ހަމަލާއެއްދީފި

އަފްގާނިސްތާނުގައި ހުންނަ ސޭވް ދަ ޗިލްޑްރެންގެ އޮފީސް ކުރިމަތީ ވަނީ ބޮމުގެ ހަމަލާއެއް ދީފައި -- ފޮޓޯ: ރޮއިޓާސް

ކާބުލް (ޖެނުއަރީ 24): ކުޑަކުދިންނަށް އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރެންގެ އަފްޣާނިސްތާން އޮފީސް ކައިރީ ބާރުގަދަ ބޮމެއް ގޮއްވާލައިފިއެވެ.

އަފްޣާން ނޫސްތަކުން ބުނާ ގޮތުގައި ޖަލާލްއާބާދުގައި މިއަދު ދިން އެހަމަލާގައި 11 މީހަކަށް އަނިޔާވިއެވެ. އަދި ބޮމުގެ ހަމަލާ ދީފައި ވަނީ ކާރުގައި ގޮވާ ތަކެތި ހަރުކޮށްގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަފްޣާން ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެހަމަލާ ދިން މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އޮފީސް ތެރެއަށް ވަދެފައެވެ. އަދި އެމީހުންނާއި ސިފައިންނާ ދެމެދު ހަމަލާ ބަދަލު ކުރަމުންދާ އިރު އޮފީސް ތެރޭ ބައެއް މުވައްޒަފުން ތާށިވެފައި ތިބި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް މިއަދުގެ ހަމަލާ ދީފައި ވަނީ ކާބުލްގެ ލަގްޒަރީ ހޮޓަލަކަށް ބަޔަކު ވަދެ 18 މީހަކު މަރާލިތާ ތިން ދުވަސް ފަހުންނެވެ. ސޯޅަ ގަޑި އިރަށް ދެމިގެން ދިޔަ އެހަމަލާގެ ޒިންމާ ތާލިބާނުން ވަނީ ނަގައިފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް