ހައްޖު ކޯޕަރޭޝަނުގެ އެމްޑީއަކަށް ބޭފުޅަކު އައްޔަނު ކުރައްވައިފި

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖުވި ބައެއް ދިވެހިން ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ގ. ހުދުރުވާ އިސްމާއިލް އިދްރީސްއެވެ. އިސްމާއިލް އިދްރީސް އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ޔާމީން އިދްރީސް މަގާމުން ވަކިކުރެއްވުމަށްފަހުއެވެ. ޔާމީން އެ މަގާމުން ވަކި ކުރެއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުގެ ޑިރެކްޓަރުގެ މަގާމަށް ސ.ފޭދޫ ދިއްގާގަސްދޮށުގޭ ހުސައިން ސައީދު މުހައްމަދުވެސް އިއްޔެ ވަނީ އައްޔަނު ކޮށްފައެވެ.

ހުސައިން ސައީދު އެ މަގާމަށް އައްޔަނުކޮށްފައިވަނީ މީގެ ކުރިން އެ ބޯޑުގައި ހިމެނުނު ފަރުހާދު ދާވޫދު މަގަމުން ވަކިކުރުމަށްފަހުއެވެ. ފަރުހާދުވެސް މަގާމުން ވަކިކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ހައްޖު ކޯޕަރޭޝަނުގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާނީ އަލަށް އައްޔަނު ކުރެވުނު އެމްޑީ އިސްމާއިލް އިދްރީސާއި، އަލަށް އައްޔަނު ކުރި ޑިރެކްޓަރު ހުސައިން ސަޢީދުގެ އިތުރުން މިދިޔަ އަހަރު ފަހުކޮޅު އެ ބޯޑަށް އައްޔަނު ކުރެއްވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދާއި އަބްދުﷲ ފާރޫގު ހަސަންގެ އިތުރުން ޗެއާޕާސަން އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދުއެވެ.

ރިޔާސީ ގަރާރަކުން 2013 ވަނަ އަހަރު އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނަކީ ރާއްޖެއިން މީހުން ހައްޖައް ގެންދިއުމަށް އުފައްދާފައިވާ ސަރުކާރުގެ ސަތޭކަ ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް