އެމެރިކާ އެމްބަސީ އަންނަ އަހަރު ގުދުސަށް ބަދަލު ކުރާނެ: އެމެރިކާގެ ނައިބު ރައީސް

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: އީޕީއޭ

ޓެލް އަވީވް (ޖެނުއަރީ 23): އިސްރާއީލުގެ ޓެލް އަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ އަންނަ އަހަރު ގުދުސަށް ބަދަލު ކުރާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ.

ޕެންސް އެފަދައިން ވިދާޅުވީ އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ޕެންސް މިފަދައިން އިއުލާން ކުރެއްވުމާ އެކު، "ގުދުސަކީ ފަލަސްތީނުގެ ވެރިރަށް" ކަމަށް ވިދާޅުވެ، އެ މަޖިލީހުގައި ތިއްބެވި އަރަބި މެމްބަރުން އަޑު އުފުއްލަވަން ފެށިއެވެ. އެކަމާ ގުޅިގެން އެ މެމްބަރުން މަޖިލީހުން ބޭރު ކުރެވުނެވެ.

ޕެންސްގެ ވާހަކަފުޅުގައި އޭނާ ވަނީ އެމެރިކާއާ އިސްރާއީލުގެ ވިސްނުން އެއްގޮތް ކަމަށާއި އެހެންކަމުން އެމެރިކާ އޮތީ އިސްރާއީލާ އެކު ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރާނެ ކަމަށާއި އެއީ މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމުގެ ބިންގަލަކަށް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ޕެންސް އިސްރާއީލަށް ކުރައްވާ ދަތުރުފުޅަކީ، ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތް ފަހުން އެގައުމުގެ އިސް ވެރިއަކު މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި އިސްރާއީލަށް ވަޑައިގަތުމުގެ ކުރިން ޕެންސް ވަނީ އުރުދުންއާއި މިސްރަށް ވަޑައިގެންފައެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް