އަތޮޅުތެރޭގެ ކަރަންޓާއި ފެނުގެ އަގު ހެޔޮކޮށްފި

މިއަދު އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ދެއްވި ޕްރެސް ކޮންފަރަންސްގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ

އަތޮޅުތެރޭގައި ފެނާއި ކަރަންޓުގެ ޚިދުމަތަށް ނަގާ އަގު މާލެއިންވެސް ނަގާ އަގާ އެއްހަމަކޮށްފިއެވެ. މި ބަދަލާ އެކު އަތޮޅުތެރޭގައި ފެނާއި ކަރަންޓުގެ އަގު ހެޔޮވެގެން ދާނެއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ކަރަންޓާއި ފެނުގެ އަގު އެއްވަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެއްގެ މަތިން ގެނެވުނު ބަދަލެއް ކަމަށެވެ.

އެގޮތުން، ސުން ޔުނިޓާ 400 ޔުނިޓާ ދެމެދަށް މިހާރު ނަގާ 2.20 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 1.50 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 101 ޔުނިޓާ 300 ޔުނިޓާ ދޭތެރޭގެ އަގު، 2.75 ރުފިޔާއިން 1.70 ރުފިޔާއަށް ކުޑަކޮށްފައިވާ އިރު، 201 ޔުުނިޓުން 300 ޔުނިޓާ ދޭތެރޭގެ އަގު 3.40 ރުފިޔާއިން 2.15 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ.

މީގެ އިތުރުން 301 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ އަގު 3.50 ރުފިޔާއިން 2.50 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ދެއްވި ޕްރެސް ކޮންފަރަންސްގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، މި ބަދަލު ތަންފީޒު ކުރެވޭނީ އަންނަ މާޗު މަހުން ފެށިގެން ކަމަށާއި. މާޗު މަހުގެ ބިލާ އެކު އަތޮޅުތެރޭގެ 85 ޕަސަންޓު ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކަރަންޓުގެ އަގަށް މިއަދު ގެނައި ބަދަލުތަކަކީ ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދެވަނަ މަރުހަލާ ކަމަށެވެ.

"މިއީ ދެވަނަ މަރުހަލާއޭ ދަންނަވާނީ. ފުރަތަމަ މަރުހަލާއަކީ މާލެ ފިޔަވާ ހުރިހާ އަތޮޅެއްގެ ކަރަންޓު ޓެރިފް އެއްވަރުކުރުން. އެއީ 2016 ފެބްރުއަރީ މަހު. މިހާރު މާލެ އޭރިއާގެ 400 ޔުނިޓުން ދަށް ޓެރިފް ރޭޓަކީ އަތޮޅުތެރޭގައިވެސް ލިބޭ ޓެރިފް ރޭޓަށް ވެގެން ދިޔުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކަރަންޓުގެ އިތުރުން ފެނުގެ އަގަށްވެސް ވަނީ ސަރުކާރުން ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން، ކުރިން އަތޮޅުތެރޭގައި ސުން ލީޓަރުން 100 ލީޓަރާ ހަމައަށް ނަގާ 66 ރުފިޔާގެ ބަދަލުގައި މިހާރު ނަގާނީ 22 ރުފިޔާ ކަމަށާއި، 101 ލީޓަރުން 200 ލީޓަރާ ހަމައަށް ކުރިން ނަގާ 75 ރުފިޔާގެ ބަދަލުގައި މިހާރު ނަގާނީ 70 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި 200 ލީޓަރުން މައްޗަށް ކުރިން ނަގާ 100 ރުފިޔާގެ ބަދަލުގައި މިހާރު ނަގާނީ 95 ރުފިޔާ ކަމަށްވެސް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

ފެނުގެ ޚިދުމަތުގެ އަގަށް ގެނައި ބަދަލަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގެނައި ބަދަލެއް ކަމަށާއި، ޖެނުއަރީ މަހުގެ ބިލު އަންނާނީ ހެޔޮ އަގުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް