ފަސޭހައަކަށް ނަމަވެސް ދަރިފުޅުގެ ސިއްހަތަށް ތިދެވެނީ ބޮޑު ގެއްލުމެއް!

ސްކޫލެއްގެ ކެފެޓީރިއާގައި ހުރި ބައެއް ކާތަކެތި ---

ސްކޫލަށް ދާ މަގުމަތީގައި ކަންމަތީ ފިހާރައަށް ވަދެ ގަނެދެނީ ބިސްކޯދު ބޮނޑިއަކާ ކިރު ޕެކެޓެކެވެ. ފިހާރައިގައި ވިއްކަން ހުންނަ ކޮންމެ ވެސް ކޫސަނި ބަނަހަކާއި ޕާނެކެވެ. މިއީ އާއްމުކޮށް ދިވެހި ދަރިވަރުންގެ އިންޓަވަލަށް ބެލެނިވެރިން ހޯދައިދޭ އެއްޗިއްސެވެ.

ދުވަހުގެ ގިނަ ވަގުތު ދަރިވަރު ސްކޫލުގައި ހޭދަ ކުރާއިރު، މޭވާއާއި ތަރުކާރީ ކާން ސްކޫލުން ހަމަޖައްސާފައި އޮންނަ މަދު ދުވަހެއްގައި މެނުވީ އެކަން ކުރާ ތަނެއް ގިނަ ފަހަރަކު ނުފެނެއެވެ. އާހިރު ނަތީޖާއަކަށް ވަނީ ދަރިވަރުންނަށް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވަމުން ދިއުމެވެ.

ދިވެހި ދަރިވަރުންގެ ސިއްހީ މައްސަލަތައް ގިނަ!

ސްކޫލް ކުދިންގެ އިންޓަވަލްއާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ނިޔާޝާ އިބްރާހިމް ވިދާޅުވީ، ޖޫސް ޕެކެޓާއި ފުލޭވާޑް ކިރުފަދަ ހަކުރުގެ ބައި ގިނަ ރެޑީމޭޑް އެއްޗެހި އިންޓަވަލްއަށް ގެންދާ ކުދިން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

"ހަކުރު ބޮނޑިތައް ގިނަކަމުން ކުދިންނަށް އުދަނގޫތައް ހުރޭ. މިސާލަކަށް ދަތްފަނި ކެއުމާއި ޓޮންސިލް ދުޅަވުމާއި ކަރުތެރެ ސަކަރާތް ވުން ހިމެނޭ. އެ އިންޓަވަލް ތަކުން ފައިދާއެއް ނުހުންނާނެ. އެއަށްވުރެ މާ ރަނގަޅުވާނެ ގޭގައި ސޭންޑްވިޗް ކަހަލަ ފްރެޝް އެއްޗެއް ދީފަ ފޮނުވަން،" ނިޔާޝާ ވިދާޅުވި އެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް ކުލާސްރޫމުގައި: މިދިޔަ އަހަރުގެ ދަރިވަރުންގެ ހެލްތު ސާވޭގައި، ސިއްހީ އެތައް މައްސަލަ އެއް ވަނީ ފާހަގަކުރެވިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކުޑައިރުވެސް އަޅުނގަޑުމެން ކުޑަކުދިންނަށް އާދަކޮށްދޭންވީ ފޮނި މަޑުކޮށް އެއްޗެހި ބޯން، ފޮނި މަޑުކޮށް އެއްޗެހި ކާން،"

ޑރ. ނިޔާޝާ އެ ވިދާޅުވާ ވާހަކައަށް ބާރު ލިބެނީ ރާއްޖޭގެ ދަރިވަރުންގެ ސިއްހީ މައްސަލަތައް ބެލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއެކު އެޑިއުކޭޝަން މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ހަދަމުން އަންނަ ހެލްތު ސާވޭއެވެ.

އެންމެ ފަހުން މިދިޔަ އަހަރު ހެދި ދަރިވަރުންގެ ހެލްތު ސާވޭގައި ވެސް ސިއްހީ އެތައް މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ.

އެ ސާވޭގައި މާލެއާއި އަތޮޅު ތެރޭގެ ސްކޫލް ތަކުގެ ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ 6769 ދަރިވަރަކު ސްކްރީން ކޮށްފައިވާއިރު، އެ ދަރިވަރުންގެ ތެރެއިން 34 ޕަސެންޓް ދަރިވަރުންނަކީ ދަތް ފަނިކެއުމުގެ މައްސަލަ ހުންނަ ކުދިންނެވެ.

ހަށިގަނޑުގައި ހުންނަންޖެހޭ ބަރުދަން މާ ބޮޑަށް ބަރުވެ އޮބީސްގެ ދަރަޖައަށް ގޮސްފައިވާ ކަމަށް މިއަހަރުގެ ސާވޭއިން 15 ޕަސެންޓް ދަރިވަރުންގެ ފާހަގަ ކުރެވިފައިވެއެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު ދެ ޕަސެންޓުގެ އިތުރު ވުމެކެވެ.

ދަރިވަރުންތަކެއް ސްކޫލުގެ ކެންޓީނުގައި: މިދިޔަ އަހަރުގެ ދަރިވަރުންގެ ހެލްތު ސާވޭގައި ދަރިވަރުންގެ ގައިގާ ހުންނަންޖެހޭ ވަރަށްވުރެ ބަރު ކަމަށް 13 ޕަސެންޓް ދަރިވަރުންގެ ވަނީ ފާހަގަކުރެވިފައި --- ފޮޓޯ/ އައްޔަ

އަދި މިއަހަރުގެ ހެލްތު ސާވޭގައި ދަރިވަރުންގެ ގައިގާ ހުންނަންޖެހޭ ވަރަށްވުރެ ބަރުކަމަށް 13 ޕަސެންޓް ދަރިވަރުންގެ ފާހަގަ ކުރެވިފައިވާއިރު، ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން 44 ޕަސެންޓް ދަރިވަރުންގެ ލޭ މައްޗަށް ދިއުމާއި 39 ޕަސެންޓް ދަރިވަރުންގެ ހަކުރުބަލި ނޫނީ ޑައިބެޓީސް ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.

ދަރިވަރުގެ އިންޓަވަލަށް ރަނގަޅު ކާނާ ނުދެވެނީ ކީއްވެ؟

"އަސްލު ގިނަ ބެލެނިވެރިންނަކީ، ހާއްސަކޮށް މަންމައިންނަކީ ކޮންމެ ވެސް ވަޒީފާއެއްގައި އުޅޭ މީހެއް. ދެން އަސްލު އެ މީހުންނަކަށް ނުލިބޭ ދަރިފުޅު ސްކޫލަށް ގެންދަން އިންޓަވަލެއް ތައްޔާރު ކޮށްލެވޭނެހާ ވަގުތެއް،" ތާޖުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގައި ކިޔަވާ ދަރިވަރެއްގެ މަންމަ، ނުޒުހަތު ބުންޏެވެ.

ނުޒުހަތު ބުނި ގޮތުގައި، ފިހާރަ ތަކުގައި އިންޓަވަލަށް ތައްޔާރު ކޮށްފައި ހުންނަ އެއްޗިއްސަކީ އެއްގޮތަކަށް ވެސް ކުއްޖާގެ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫން ނަމަވެސް އެތަންތަނުން އެއްޗެހި ގަންނަނީ ބެލެނިވެރިން ކަންފަސޭހަ ކޮށްލުމަށެވެ.

އިމާދުއްދީން ސްކޫލަށް ކިޔަވަންދާ ދެ ކުދިންގެ މަންމައެއް ކަމަށްވާ އައިޝަތު އަހުމަދު އޭނާގެ ކުދިންނަށް އިންޓަވަލަށް ގަނެފައި ދެނީ ސްކޫލަށް ދާ ގަޑިއަށް ފިހާރައަށް ގެންގޮސްފައި ހުންނަ ކޮންމެވެސް ކާ އެއްޗެކެވެ. އަދި އެކަން އެގޮތަށް ކުރަނީ ފަސޭހަ ވެފައި ހަރަދު ވެސް ކުޑަ ވީމަ ކަމަށް އޭނާ ބުނެއެވެ.

ދަރިވަރަކާއި ބެލެނިވެރިއަކު މަގުމަތީގައި ހިނގާފައި ދަނީ: ރާއްޖޭގައި ގިނަ ބެލެނިވެރިން ދަރިވަރަށް ގަނެފައި ދެނީ ފިހާރަ ތަކުގައި ވިއްކަން ހުންނަ އިންޓަވަލްތަކާއި ހަކުރު ގިނަ ބުއިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަހަރެން ވެސް ކުރިން ހަމަ ގޭގައި ފާޑުފާޑު އެއްޗެހި ހަދާފަ އިންޓަވަލް ދެނީ. އެކަމަކު މިހާރު އެކަނި ވީމަ އެ ހުރިހާ ކަމެއް ނުވޭ. ކިރިޔާ ގަޑިޔަށް މި ރެޑީ ކޮށްލެވެނީ،" އައިޝަތު ބުންޏެވެ.

"ސްކޫލް ތަކުން ވެސް އިންޓަވަލަށް ހެލްތީ ފުޑްސް ގެންނާށޭ ކިޔާފަ ސްކޫލްގަ އޮންނަ ޕާޓީއަކަށް ބުނެފާނެ ޗިޕްސް އަދި ސޮސެޖް ގެންދަން. ކުދިން ކާ ހިތްވަނީ އެޔޭ ކިޔާފަ."

ޑރ. ނިޔާޝާ ވިދާޅުވާ ގޮތުގައި، ދަރިވަރު ސްކޫލަށް ފޮނުވުމުގެ ކުރިން ރަނގަޅު ނާސްތާއެއް ތައްޔާރު ކޮށްގެން އިންޓަވަލް އަކަށް ދިއުމުގެ އާދަ ރާއްޖޭގައި ނެތީ އެވެ. އަދި މައިންބަފައިން ވެސް އެ އާދަ ވަރަށް ފަސޭހަ ގޮތް ހަދާލާފައި އޮންނަ ކަމަށް ޑރ. ވިދާޅުވެ އެވެ.

"ރާއްޖެއަށްވުރެ މާ ދުރުތަންތަނަށް ކިޔަވަންދާ ކުދިން ދެއްތޯ އެހެން ގައުމުތަކުގައި އުޅެނީ. އެތަންތަނުގައި ވެސް މައިންބަފައިން ވަޒީފާއަށް ދޭ. އަދި އެހެން ގައުމުތަކާ އަޅާބަލާއިރު ވަޒީފާ އަދާކުރާ ގަޑިވެސް މިއޮންނަނީ ވަރަށް ފަސޭހަކޮށް. ރަނގަޅު އިންޓަވަލްއެއް ހަދާފަ ނުދެވޭންވީ ސަބަބެއް އަޅުނގަޑަކަށް ނުފެނޭ،" ޑރ. ނިޔާޝާ ވިދާޅުވި އެވެ.

ދަރިވަރުންތަކެއް ސްކޫލުގެ ކެންޓީނުގައި: ދުނިޔޭގެ އެހެން ގައުމުތަކެއްގެ ސްކޫލްތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހަމަހަމަ އުސޫލެއްގެ ދަށުން އިންޓަވަލް ސްކޫލުން ފޯރުކޮށްދިނުން ރަގަނޅު ކަމަށް ބެލެނިވެރިން ދެކޭ --- ފޮޓޯ/ އައްޔަ

އިންޓަވަލްގެ ބަހުސަށް އޮތް ހައްލަކީ މިއީ؟

ތާޖުއްދިން ސްކޫލަށް ދަރިފުޅު ގެންދާ ނުޒުހަތު އަދި އިމާދުއްދީން ސްކޫލަށް ދެ ދަރިން ގެންދާ އައިޝަތު ވެސް ބުނާ ގޮތުން ދަރިވަރަށް ބޭނުންވާ މާއްދާތައް ހިމެނޭ، ސިއްހަތަށް ފައިދާހުރި ނާސްތާއެއް ސްކޫލުތަކުން ދެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ކުރުން ރަނގަޅު ކަމެކެވެ.

އޭރުން ސްކޫލް ތަކުގެ ދަރިވަރުންގެ މެދުގައި ތަފާތު ކުރުންތައް ނެތި، ކޮންމެ ކުއްޖަކަށް ވެސް ސިއްހަތަށް ރަނގަޅު ކެއުމަށް ލިބޭނެ ކަން ކަށަވަރު ކުރެވޭނެ ކަމަށް އެ ބެލެނިވެރިން ދެކެއެވެ.

ނަމަވެސް އެކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުން ތަކެއް ވެސް އެބަ ހުއްޓެވެ. އެއް ކަމަކީ އެފަދަ ނިޒާމެއް ގާއިމް ކުރާއިރު ދަރިވަރުންގެ އިންޓަވަލަށް ސްކޫލްތަކުގައި މިހާރު ވެސް އެކަށީގެންވާ ވަގުތު ނުލިބުމެވެ. އެހެން ކަމުން މަދު ވަގުތު ކޮޅެއްގެ ތެރޭގައި ކިއުގައި ޖެހިގެން، ވަގުތު ނިމުމުގެ ކުރިން އިންޓަވަލް ނުނެގިދާނެ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކުރެއެވެ.

ދަރިވަރުންތަކެއް ސްކޫލެއްގެ ކެންޓީނެއްގެ މެސް ރޫމް ތެރޭގައި: ހަމަހަމަ އުސޫލެއްގެ ދަށުން ސްކޫލްތަކުގައި އިންޓަވަލް ދެވޭނެ ނިޒާމެއް ގާއިމް ކުރުމުން ދަރިވަރުންގެ ދެމެދު އޮންނަ ގުޅުން ވެސް ބަދަހިވާ ކަމަށް އެފަދަ ނިޒާމުތައް ތަޖުރިބާކުރަމުންދާ ސްކޫލްތަކުން ބުނޭ --- ފޮޓޯ/ އައްޔަ

ދެވަނަ ކަމެއްގެ ގޮތުގައި ބެލެނިވެރިން ފާހަގަ ކުރަނީ އަގެވެ. ގިނަ ބެލެނިވެރިން ބުނާ ގޮތުން އިންޓަވަލް ގަތުމަށް މަހެއްގެ މައްޗަށް 500 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެ އެވެ. ސްކޫލުގައި ގާއިމްކުރާ ނިޒާމު އަގުބޮޑު ނަމަ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބެލެނިވެރިން ބުނެއެވެ.

"ސްކޫލްތަކުގައި ޔުނިފޯމް އިންޓަވަލް ސިސްޓަމަކީ ވަރަށް ރަނގަޅު ހިޔާލެއް. މިހާރު ގިނަ ޕޭރެންޓްސް ހަމަ ވަރަށް ބިޒީ. އެކަހަލަ ސިސްޓަމެއް ގާއިމް ކުރެވިއްޖެނަމަ އެއް ކުއްޖަކު އަނެއް ކުއްޖަކާ ކާއެއްޗެހި ޝެއާކޮށް އަދި ހުރި އެއްޗެއް ކެއުމުގެ އާދަ އަށަގަންނާނެ. އެކަމަކު އެއީ އަތްފޯރާ ފަށުގެ އަގެއްގައި ދެވޭނެ ހިދުމަތަކަށް ވާންޖެހޭ،" އައިޝަތު ބުންޏެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މިއީ މުހިއްމު ކަމެއް!

ދުނިޔޭގެ އެންމެ ތަރައްގީ ވެފައިވާ އެއް ގައުމަކީ ޖަޕާނެވެ. އެ ގައުމުގެ ސްކޫލް ދަރިވަރުން އިންޓަވަލަށް ދެނީ އެގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ނިއުޓްރީޝަން ކެޓަގަރީއާ އެއްގޮތަށް ތައްޔާރު ކޮށްފައި އޮންނަ ހިލޭ ކެއުމެކެވެ. އެ ޕްރޮގްރާމްގެ ސަބަބުން ކާ ވަގުތުގައި މޭޒުމަތީގެ އަދަބުތަކާ އެހެން މީހުންނާއެކީގައި ކެއުމުގެ އާދަތައް ކުދިންގެ ގައިގައި ހަރުލެއްވުމަށް ބާރު އަޅައެވެ.

ޖަޕާން ސްކޫލެއްގެ ދަރިވަރުންތަކެއް އެކުދިންގެ އިންޓަވަލް ކުލާސް ރޫމް ތެރޭގައި ނަގަނީ: އެގައުމުގެ ދަރިވަރުންނަށް އިންޓަވަލް ހަމަޖައްސައިދެނީ އެގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ނިއުޓްރީޝަން މިންގަނޑުތަކެއްގެ ދަށުން ---

ފްރާންސްގެ ތައުލީމާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލްތަކުން ދަރިވަރުންނަށް އެކުދިންގެ މެންދުރުގެ ކެއުން ނުވަތަ އިންޓަވަލް ނެގުމަށް މޭޒު ކައިރީގައި ބައިގަޑިއިރު ބައިންދައެވެ. އަދި ދޭ އިންޓަވަލްގައި ބެލެންސް ޑައިޓަކަށް ފެތޭ ގޮތަށް ތަރުކާރީ އާއި ޗީޒް އަދި ފޮނި ކެއުމަކަށް މޭވާ ބަހައްޓައެވެ.

ރާއްޖޭގެ ސްކޫލް ތަކުގައި ވެސް މިކަން ކުރެވިދާނެ

ރާއްޖޭގައި މަދުންނަމަ ވެސް ކޮންމެ ވެސް ކަހަލަ އިންޓަވަލް ސިސްޓަމެއް ގާއިމް ކޮށްފައިވާ ސްކޫލް ތަކެއް އެބަ ހުއްޓެވެ. އެފަދަ ސިސްޓަމެއް ގާއިމް ކޮށްފައިވަނީ ވެސް ސިއްހަތަށް ގެއްލުން ހުރި ނާސްތާ ގެންދިއުން އިތުރުވެ، އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ގެއްލުންތަކެއް ލިބޭކަން ފާހަގަކުރެވިގެންނެވެ.

ދަރިވަރުންނަށް ހާއްސަ އިންޓަވަލް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ މާލޭގެ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޠާހާ ސަލީމް ވިދާޅުވީ، ސްކޫލުގެ ފަރާތުން ނިއުޓްރީޝަނިސްޓަކާ ވާހަކަދެއްކުމަށްފަހު އެ ބޭފުޅާގެ ލަފާގެ މަތީން ކުދިންގެ އިންޓަވަލް ގަޑީގައި ބައެއް ކަހަލަ ކާއެއްޗެހި ނުފޮނުވަން ބެލެނިވެރިންނަށް އަންގާފައިވާނެ ކަމަށެވެ.

"ކެފެޓީރިއާގައި ވެސް ހުންނާނީ ތެލާ އެކީގައި ހުންނަ އެއްޗެހި ނުހިމެނޭ ގޮތަށް. އަދި ކުދިންނަށްދޭ ކާއެއްޗެހީގެ ފެންވަރަށާއި ނިއުޓްރީޝަންގެ އިތުރުން ސާފު ތާހިރު ކަމަށް ވެސް ބަލަމުން މިދަނީ،" ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޓަވަލް ސިސްޓަމެއް ގާއިމްކޮށް ކުރިއަށްގެންދާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވާ ގޮތުގައި ސަރުކާރުން ހިލޭ ދޭ ފޮތް ފަންސޫރު ފަދައިން ރަނގަޅު އިންޓަވަލް ސިސްޓަމެއް ގާއިމްކުރުމަކީ ވެސް މުހިއްމު ކަމެއް ---

ޠޯހާ ވެސް ވިދާޅުވި ގޮތުގައި، ހަމަހަމަ އިންޓަވަލް ސިސްޓަމެއްގެ ސަބަބުން ހުރިހާ ދަރިވަރުންނަށް ވެސް އެއް އުސޫލެއްގެ ދަށުން އަމަލު ކުރެވިގެންދާއިރު ސަރުކާރުން ފޮތްތައް ދޭ އުސޫލުގެ ދަށުން އިންޓަވަލް ވެސް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އިންޓަވަލް ގަޑި ފެނި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބުނު މީހެއްގެ ހައިސިއްޔަތުން މިކަމަކީ ބެލެނިވެރިންގެ ކަންބޮޑުވުމަށް ވެސް އޮތް ހައްލަކަށް ވެދާނެ ކަމަށް ހުދު އަޅުގަނޑަށް ވެސް ގަބޫލު ކުރެވުނެވެ.

ދަރިވަރުން ކެންޓީނުގައި އުޅޭވަގުތު އެކަން މޮނީޓާ ކުރުމަށް މުދައްރިސުން ހަރަކާތްތެރިވާއިރު އޭގެ ތެރެއިން އެއް މުދައްރިސަކު ވިދާޅުވި ގޮތުގައި ކުދިންގެ އިންޓަވަލް ގަޑި ކުރިއަށް ގެންދާނީ އެކި ގުރޭޑް ތަކަށް އެކި ވަގުތު ބަހާލައިގެންނެވެ.

ސްކޫލެއްގެ ދަރިވަރަކާއެކު ބެލެނިވެރިއަކު ނުކުންނަނީ: ދަރިވަރުގެ ތައުލީމަށް ބޮޑު ހަރަދު ކުރުމާއެކު ކުއްޖާގެ ސިއްހަތަށްޓަކާ ރަނގަޅު ކާނާއެއް ދިނުމަކީ މުހިއްމު ކަމެއް --- ސަން ފޮޓޯ/ އަފްރާހް

އެގޮތުން އިންޓަވަލް ނެގުމަށް މެސް ރޫމެއް ހަދާފައި ހުންނައިރު އެއް ގުރޭޑެއްގައި ކިޔެވި ނަމަވެސް އެކި ކުލާސް ތަކުގައި ތިބޭ ރަހްމަތްތެރިން ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުމަކީ އުފާވެރި މަންޒަރެއް ކަމަށް އެ މުދައްރިސް ފާހަގަކުރެއްވި އެވެ.

ދަރިވަރަކީ މޮޅު ކުއްޖަކަށް ހެދުމަށް ކޮންމެ ބެލެނިވެރިއަކު ވެސް އެތައް ހަރަދެއް ކުރާއިރު ކުއްޖާގެ ސިއްހަތަށް ވެސް ވިސަންނަންޖެހެ އެވެ. އެހެނީ ރަނގަޅު ސިއްހަތެއްގައި ހުރެގެން މެނުވީ ރަނގަޅު ނަތީޖާއެއް ނުހޯދޭނެއެވެ. މިއަދު ދަރިފުޅުދެކެވާ ލޯބިން މީރުހާ އެއްޗެހި ކާންދިނަސް ފަހުން ސިއްހީ ގޮތުން ދަރިފުޅު އުފުލަންޖެހޭނެ ބުރަ ވިސްނާލުން މުހިއްމެވެ.

comment ކޮމެންޓް