މެސީ އައުމުގެ ކުރިން ރޮނާލްޑީނޮއޯ ފަދަ ކުޅުންތެރިއަކު ނުދެކެން!

މެސީއާއި ރޮނާލްޑީނިއޯ ބާސާގައި ހޭދަކުރި ދުވަސްވަރު --- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، މިއަދު ހުރި ލެވެލްއަށް އައުމުގެ ކުރިން ރޮނާލްޑީނިއޯއަށްވުރެ ވަކި މޮޅު ކުޅުންތެރިއަކު ބާސެލޯނާއިން ފެނިފައި ނުވާކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބާސެލޯނާގެ ކޯޗުކަމުގައި ގާޑިއޯލާ ހޭދަކުރި ފުރަތަމަ ދުވަސްކޮޅުގައި އެޓީމުގެ ތަރިއަކީ ރޮނާލްޑީނިއޯއެވެ. އަދި ގާޑިއޯލާގެ 'ބާސާ އީރާ'ގެ ފަހުކޮޅުގައި ރޮނާލްޑީނިއޯ ބާސާ ދޫކޮށްލިނަމަވެސް، މެސީވަނީ ގާޑިއޯލާގެ އިރުޝާދު ދަށުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އައިސްފައެވެ.

ދާދިފަހުން ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާން ކޮށްފައިވާ ރޮނާލްޑީނިއޯއަށް ތައުރީފްކުރަމުން ގާޑިއޯލާ ބުނީ ބާސާގެ ރައީސް ޖޯން ލަޕޯޓާގެ ދުރުވިސްނުމުގެ ދަށުން ރޮނާލްޑީނިއޯއާއެކު ކްލަބުގެ ތާރީހް ބަދަލުކޮށްލި ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ރޮނާލްޑީނިއޯއަކީ މެޗުތަކުން މޮޅުވުމުގެ ހުނަރުހުރި، އެހެން ލެވެލްއެއްގެ ކުޅުންތެރިއެއް ކަމަށެވެ. އަދި މެސީ އައުމުގެ ކުރިން ރޮނާލްޑީނިއޯ ފަދަ ހުނަރުހުރި ކުޅުންތެރިއެއް ނުދެކޭ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

"މެސީ އައުމުގެ ކުރިން އެންމެ ހުނަރުހުރި ކުޅުންތެރިއަކަށް ފެނުނީ ރޮނާލްޑީނިއޯ. ދެ ކުޅުންތެރިންނަކީވެސް ޓީމު މޮޅުކޮށްދިނުމުގެ ގާބިލުކަންހުރި ދެ ކުޅުންތެރިން. ރޮނާލްޑީނިއޯ ބާސެލޯނާގައި ހޭދަކުރީ ވަރަށް ކާމިޔާބު ދުވަސްތަކެއް. ގިނަ ޓްރޮފީތަކެއް ހޯދާ ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދި،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ރޮނާލްޑީނިއޯގެ ފުޓުބޯޅައިން ފައިދާކުރީ ބާސެލޯނާއަށް އެކަނި ނޫން ކަމަށާއި، މުޅި ދުނިޔޭގެ ފުޓުބޯޅައަށް ކަމަށެވެ.

ދެހާސްތިންވަނަ އަހަރުން ފެށިގެން 2008ގެ ނިޔަލަށް ބާސެލޯނާގައި އޭނާ ކާމިޔާބު ދުވަސްތަކެއް ހޭދަކުރިއެވެ. ބާސާއާއެކު 05-2004 އަދި 06-2005 ސީޒަނުގެ ލަލީގާ ކާމިޔާބުކުރުމަށްފަހު، ރޮނާލްޑީނިއޯ ވަނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ރޮނާލްޑީނިއޯގެ މޮޅު ކުޅުމާއެކު އޭނާ ވަނީ 2005 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ. ބާސާގައި ހޭދަކުރި ކާމިޔާބު ދުވަސްތަކަށްފަހު އޭސީ މިލާނުގައި ރޮނާލްޑީނިއޯ ތިން އަހަރު ހޭދަކުރިއެވެ. އޭނާ ވަނީ މިލާންގައި ޕައުލޯ މަލްޑިނީ، ކަކާ އަދި ޑޭވިޑް ބެކަމް ފަދަ ތަރިންނާއެކު ކުޅެފައެވެ.

comment ކޮމެންޓް