އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް މާޗު މަހު، ބައިވެރުވުމަށް ފުރުސަތު ހުޅުވާލައިފި

ސްކޫލް ކުދިންތަކެއް ބެޑްމިންޓަން ކުޅެނީ --- ފައިލް ފޮޓޯ

ފަނަރަ ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް އަންނަ މާޗު މަހަށް ތާވަލުކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މާޗު މަހުގެ 20 އިން 31 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގައި ކުރިއަށްދާނީ ޓީމް އިވެންޓާއި އަމިއްލަ އިވެންޓެވެ.

ޓީމު އިވެންޓުގައި ފިރިހެން އަދި އަންހެން ޑިވިޝަންގެ 14 އަހަރުން ދަށް 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އަމިއްލަ އިވެންޓްގައި ސިންގަލްސް، ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސްގެ އިވެންޓްތައް ކުރިއަށް ދާނެއެވެ. މީގެ އިތުރުންވެސް މުބާރާތުގެ އަމިއްލަ އިވެންޓްގައި 12 އަހަރުން ދަށުގެ އުމުރުފުރާވެސް ހިމެނޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުން މުބާރާތާ ގުޅޭ ކަންކަމުގައި އެސޯސިއޭޝަނާއި މުއާސަލާތު ކުރުމަށް ހާއްސަ ފޯކަލް ޕޮއިންޓެއް ކަނޑައަޅާ އެ ބޭފުޅެއްގެ ނަން އެސޯސިއޭޝަނަށް ފޮނުވުމަށެވެ.

ވޭތުދިޔަ އަހަރުވެސް ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ބާއްވާފައެވެ. އެ މުބާރާތުގެ ޓީމް އިވެންޓުގައި ޖުމުލަ 17 ސްކޫލަކުން 43 ޓީމް ވަނީ ބައިވެރިވެފައެވެ. އަދި އޭގެ ތެރެއިން 20 ޓީމަކީ އަތޮޅުތެރެއަށް ނިސްބަތްވާ ޓީމުތަކެވެ.

comment ކޮމެންޓް