ނައްބެގެ "ކަޑަ" ވަރަށް ސަޅި!

މާލޭގެ ދެކުނު ފަރާތުގައި އަލަށް ހުޅުވި ތަފާތު ގާޑިޔަލެއް ކަމަށްވާ "ކަޑަ" ---

ބުރެއް ޖަހާލަން ނުކުމެ އުޅެނިކޮށް މާލޭގެ ދެކުނު ފަރާތުގައި ހުންނަ ގާޑިޔާތަކުން ތަފާތު މަންޒަރެއް ފެނިއްޖެއެވެ. ފަހަރެއްގައިވެސް މިފަހަރު އެ ގާޑިޔާތަކުގެ އަނދިރި ފަރާތެއް ނޫނެވެ. މީގެކުރިން ފެންނަ ގާޑިއާތަކާ މުޅިން ތަފާތު ގާޑިއާއެކެވެ. ކުޑަ ޖަހާލާފައި ހުރި އިރު ކޮންމެ މޭޒެއްގައި މާޓުކުރި އެއް ބަހައްޓާފައި ހުއްޓެވެ.

އެއީ މީގެ ހަފްތާއެއްހާ ދުވަަސް ކުރިން ހުޅުވި "ކަޑަ" ގާޑިޔަލެވެ. ގުރާ ފެހިކުލަ ލާފައި ހުރި އެ ގާޑިއާގެ ވެރިމީހަކީ އެންމެން ދަންނަ މަޝްހޫރު ކޯޗް އިބްރާހިމް ނަބީލް (ނައްބެ)އެވެ. ކަންދިމާކުރިގޮތުން އެ ތަނަށް ދިޔައިރު ނައްބެވެސް ކަސްޓަމަރުންގެ ހިދުމަތުގައި ހުއްޓެވެ.

މާލޭގެ ދެކުނު ފަރާތުގައި އަލަށް ހުޅުވި ތަފާތު ގާޑިޔަލެއް ކަމަށްވާ "ކަޑަ" --- ސަން ފޮޓޯ/ ފަޔާޒްމޫސާ

ހަމަ ފެނުމާ އެކު ގޮވާލާފައި ގެނެސް ގޮނޑިއެއްގައި ބައިންދައިފިއެވެ. އަދި ކޮފީއެއް ގެންނަންތޯ އަހާލައިފިއެވެ. އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ. ގާޑިޔަލުން ކޮފީ ލިބޭހޭ އަހާލެވުނީ އެއީ މީގެ ކުރިން ގާޑިޔާތަކުން ނުލިބޭ އެއްޗަކަށް ވާތީއެވެ.

"އާން ކޮފީ ލިބޭނެ. ކަޅު ކޮފީ. މިލްކް ކޮފީ. ފްރެޝް ޖޫސް ލިބޭނެ،" ނައްބެ ބުންޏެވެ.

ހައުސިން މިނިސްޓްރީން ފަހުން ކުރި އިއުލާނުގެ ދަށުން ނައްބެއަށް އެ ގަޑިއާ ލިބުނު ގޮތް އޭނާ ކިޔައިދިނެވެ. އެންމެ ފުރަތަމަ އޭނައަށް އެތަން ލިބުމުން ގަސްދު ކުރީ އާދައިގެ ގޮތަކަށް ހިންގާށެވެ. ނަމަވެސް ތަފާތު ގޮތަކަށް ދިވެހިންނާ އެ ވިޔަފާރި ގުޅުވާލަން ނައްބެ ވިސްނީ ބައެއް ރަހުމަތްތެރިންގެ ހިޔާލާ އެކުއެވެ.

"ހިތަށް އެެރީ ވަރަށް ފެންވަރު ރަނގަޅު ކޮންނޭ ފަށާނީ. ކަސްޓަމަރުން އެންމެ ބޮޑަށް ޝަކުވާ ކުރާނީ ގާޑިޔާތަކުގެ ސާފުތާހިރުކަމާ މެދު. މިތަން އާންމުންނާއި ހިސާބަށް ގެނައުމުގައި އެންމެ ވިސްނީ ވީހާވެސް ސާފުތާހިރު ކަމާއިއެކު ގެނެވޭތޯ،" ނައްބެ ބުންޏެވެ.

މާލޭގެ ދެކުނު ފަރާތުގައި އަލަށް ހުޅުވި ތަފާތު ގާޑިޔަލެއް ކަމަށްވާ "ކަޑަ" --- ސަން ފޮޓޯ/ ފަޔާޒްމޫސާ

ނައްބެ ގާޑިޔަލުން ކޮންމެ އެއްޗެއް ގެނެސްދިނަސް އެ އެއްޗެއް އަޅާފައި ހުންނަ ތައްޓަކީ "ޑިސްޕޯސަބަލް"އެއްޗެކެވެ. ސާފުކޮށް ދޮވެވޭނެ ނިޒާމެއް ގާޑިޔާތަކުގައި އަދި ނެތުމުން ނައްބެގެ ވިސްނުން ހުރީ މި ވަގުތައް އެކަން އެގޮތައް ކުރުމަށެވެ.

ނައްބެގެ ގަޑިޔަލަށް އަންނަ ކޮންމެ ކަސްޓަމަރަކަށް އޭނާ ސާބިތުކޮށްދޭން ބޭނުންވަނީ އެ ތަނަކީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ވަރުގެ ތަަނެއް ކަމުގެ ޔަގީން ކަމަވެ. ކޮންމެ ކަސްޓަމަރަކާވެސް ނައްބެ ބައްދަލުކޮށް ވާހަކަ ދައްކަނީ އެ ކަސްޓަމަރަށް އެންމެ ފުރިހަމަ މެހެމާންދާރީ ދިނުމުގެ ނިޔަތުގައެވެ.

"ކޮންމެ ކަސްޓަމަރަކާވެސް އަޅުގަނޑު ވާހަކަ ދައްކަން. މި ތަނުގެ ދިރުމަކީ ކަސްޓަމަރުން. އެ ކަސްޓަމަރުން ދުވަހުން ދުވަހަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަން،"

މާލޭގެ ދެކުނު ފަރާތުގައި އަލަށް ހުޅުވި ތަފާތު ގާޑިޔަލެއް ކަމަށްވާ "ކަޑަ" --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގަޑިއާ ތަކުގައި މީގެ ކުރިން ޖެހުނު އެންމެ ބޮޑު މައްސަލައަކީ އެތަންތަނުގައި ބިދޭސީން މަސައްކަތް ކުރުމެވެ. ނަމަވެސް ނައްބެގެ "ކަޑަ" ގާޑިޔަލުގައި މުޅިންވެސް ތިބީ ދިވެހިންނެވެ. ހުދު ނައްބެވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ބައިވެރިވަނީ ކޮންމެ ހާލަތަކެއް އައި ކަމުގައިވީ ނަމަވެސް ގާޑިޔަލުގެ ހިދުމަތް ދިނުން ބިދޭސީއެއްގެ އަތްމައްޗަށް ދޫނުކޮށްލުމަށެވެ.

"އެންމެ ބިދޭސީއެއް މިގެން ގުޅެނީ. އެކަމަކު ކަސްޓަމަރުންނަށް ހިދުމަތްދޭނީ ދިވެހިން. ހަގީގަތުގައި މީހުން ވަރަށް ފޫހިވި މި ވިޔަފާރި ބިދޭސީންގެ އަތްމައްޗަށް ދިޔާމަ. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އެކަން އެގޮތައް ވާކަށް،"

ނައްބެގެ ވިސްނުން ހުރީ އަދި މިހާ ހިސާބުން ނިންމާލާ ގޮތަކަށް ނޫނެވެ. އޭނާގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި އެ ގާޑިޔަލުން ޖޫގޯއާ ޕޮޕް ކޯން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމެވެ. އެ މަސައްކަތް ކުރިއަށްދާއިރު ނައްބެ ވިސްނައިގެން ހުރީ ކޮންމެ ހުކުރު ދުވަހުގެ ހަވީރު ވަގުތަކީ ކުޑަކުދިންނަށް ހާއްސަ ވަގުތަކަށް ހެދުމެވެ.

"ކަޑަ" ގަޑިޔާގެ ވެރިއާ އިބްރާހިމް ނަބީލް "ސަން" އަށް އިންޓަވިއުދެނީ --- ސަން ފޮޓޯ / ފަޔާޒް މޫސާ

"މިހަރު ވިސްނައިގެން މިހުރީ ކުރިއަށް އޮތްތަނުގައި ކުދާކުދިންގެ ހަވީރުވެސް ބާއްވަން. އަދި އާއިލީ ހަވީރުތައްވެސް އިންތިޒާމް ކުރާނަން،"

ނައްބެ ބުނީ އެ ގަޑިއާއިން ލިބޭ ކޮންމެ އެއްޗަކީވެސް އެހެން ގާޑިޔާތަކާ އަޅާބަލާއިރު އަގުހެޔޮ އަދި ކޮލިޓީވެސް ރަނގަޅު އެއްޗެއް ކަމަށެވެ. ކުރުނބަލެއް 20 ރުފިޔާއަށް ވިއްކަމުން އަންނައިރު ނައްބެ ބުނީ ބާޒާރުގައި އެއްޗެތީގެ އަގު ކިތަންމެ ބޮޑުވިޔަސް އޭނާގެ ގާޑިޔަލުން ކޮންމެ އެއްޗެއްވެސް ވިއްކާނީ މިހާރުވެސް ވިއްކާ އަގަށް ކަމަށެވެ.

"އަގަކަށް ބަދަލެއް ނާންނާނެ. ކުރުނބާއެއް ބާޒާރުން 20 ރުފިޔާ އަށް ގަތަސް މިތަނުގައިވެސް އެ ކުރުނބާ ލިބޭނީ 20 ރުފިޔާއަށް. އެއީ ޕޮލިސީ. އެކަމަށް ނާންނާނެ ބަދަލެއް،"

ވާހަކައިގައި ތިއްބިއިރު ފެނުގައި ޖެހިލައިފިއެވެ. އަސްތާ އެޖެހުނީ ކަންތަކާއެވެ. "ކަޑަ" ގާޑިޔަލުގެ ހެޕީ އަވާ ފެށުނީއެވެ. ބައެއް މީހުންނަށް ބިލު ހިލޭވިއިރު ތައްޔާރީ ކާނާވެސް އެހެރަ ގެނެސް ބަހާލީއެވެ.

"އެ ފެށުނީ ހެޕީ އަވާ. ކޮންމެ ދުވަހަކުވެސް އިންނާނެ ހާއްސަ މެނޫއެއް ހަޕީ އަވާއަށް،" ނައްބެ ބުންޏެވެ.

ހެޕީ އަވާ ހަފްތާއަކު ކޮންމެ ދުވަހަކު އެ ގާޑިޔަލަށް އަންނައިރު ކޮންމެ ހުކުރު ދުވަހު އެ ގަޑިޔަލަށް އަންނަ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާވެސް ލިބެއެވެ. ނައްބެ ހުރީ ކަސްޓަމަރުން އުފާކޮށްދޭން ކޮންމެ ފަދަ ކަމެއްވެސް ކުރާ ގޮތަށެވެ.

"ކަޑަ" ގަޑިޔަލުގެ ވެރިޔާ އިބްރާހިމް ނަބީލް"ސަން"އަށް އިންޓަވިއުދެނީ--ސަން ފޮޓޯ / ފަޔާޒް މޫސާ

އިންޓަވިއު ނިންމާލުމާ ހިސާބަށް ދިޔުމުން ނައްބެ ދިނީ އޭނާ ފަދަ ޒުވާން ވިޔަފާރި ވެރިންނަށް ވަރުގަދަ މެސެޖެކެވެ. އޭނާ ބުނީ އެއްވެސް ކަމަކީ "ކަޑަ" ކަމެއް ނޫން ކަމަށެވެ. ކޮންމެ ކަމެއްވެސް ކެރުމާއި ހިތްވަރައި އެކު ކޮށްފިއްޔާ "ސަޅި" ވާނެ ކަމަށް އޭނާ ބުންޏެވެ.

"މިގާޑިޔަލަށް ކިޔަނީ "ކަޑަ". އަސްލު ބުނަން ބޭނުންވަނީ މި ކޮންސެޕްޓް ކަޑަހޭ!،"

މާލޭގެ ދެކުނު ފަރާތުގައި އަލަށް ހުޅުވި ތަފާތު ގާޑިޔަލެއް ކަމަށްވާ "ކަޑަ" ---

މިއީ މިތާ ހަމައެކަނި ސަންސެޓް ފެންނަ ގަޑިއާ. ހިތްހަމަޖެހިލައިގެން ކޮފީ ބޯލައިގެން ދާންވީ. މީގެކުރިން ގާޑިޔަލާ މެދު ދެކުނު ގޮތް މިތަނަށް އައުމުން ބަދަލުވެގެންދާނެ. ޔަގީން،" ނައްބެގެ ވާހަކަ ނިންމާލީ މިހެންނެވެ.

comment ކޮމެންޓް