އަންކާރާ (19 ޖެނުއަރީ): ތުރުކީން ސީރިއާގެ ކުރުދީ ހަނގުރާމަވެރިން ހަރަކާތްތެރިވާ އަފްރިންއަށް ހަމަލާތައް ދޭން ފަށައިފިއެވެ.
ތުރުކީގެ ޑިފެންސް މިނިސްޓަރު ނުރަތިން ކަނިކްލީ ވިދާޅުވީ ކުރުދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށުން ނޫން ގޮތެއް ނެތް ކަމަށާއި މިހާރު އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ. ތުރުކީން މިހާރު ދަނީ ކުރުދީންގެ އަމާޒުތަކަށް ބޯޑަރު ކައިރިން ހަމަލާތައް ދެމުންނެވެ.
ތުރުކީގެ އަސްކަރިއްޔާއިން ބުނީ އޮޕަރޭޝަން ފެށީ ކުރުދީން ސީރިއާގައި ވަކި ދައުލަތެއް އުފެއްދުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ތުރުކީގައި ހަރަކާތްތެރިވާ ކުރުދީންގެ ޕީކޭކޭ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމަށް އެ ގައުމުން ބުނެއެވެ. ކުރުދީން ދަނީ ތުރުކީގައި ވެސް ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަ ކުރަމުންނެވެ.
ނުރަތިން ވިދާޅުވީ ކުރުދީންނާ ދެކޮޅަށް ފެށި އޮޕަރޭޝަނާ ބެހޭ މައުލޫމާތު ރަޝިއާއާ ވެސް ހިއްސާކުރަމުންދާ ކަމަށެވެ.
ކުރުދީންގެ ވައިޕީޖޭ ހަނގުރާމަވެރި ޖަމާއަތުން ވެސް ވަނީ ތުރުކީން ހަމަލާތައް ދޭން ފެށިކަން ޔަގީންކޮށްދީފައެވެ. ކުރުދީން ބުނީ ރޭގަނޑު ދަންވަރު ފެށިގެން މިއަދު ހެނދުނު ވަންދެން ކުރުދީންގެ އަވަށްތަކަށް ތުރުކީން ހަމަލާތައް ދިން ކަމަށެވެ.
އެމެރިކާއިން މިދިޔަ ހަފުތާގައި ވަނީ ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތް އެސްޑީއެފްގެ 30،000 މެމްބަރުން ހިމެނޭގޮތަށް ބޯޑަރު ސެކިއުރިޓީ ފޯސްއެއް އުފައްދަން ތައްޔާރުވަމުންދާ ކަމަށް ވެސް ބުނެފައެވެ. ތުރުކީން ވަނީ އެމެރިކާގެ އެ ނިންމުން ވަަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ސިރިއާއިން އިއްޔެ ވަނީ އެގައުމާ ދެކޮޅަށް ތުރުކީން އަސްކަރީ އޮޕަރޭޝަން ފަށައިފިނަމަ ތުރުުކީގެ ހަނގުރާމަވެރި ބޯޓުތައް ވައްޓާލާނެކަމުގެ އިންޒާރު ދީފައެވެ.