ހދ. ކުޅުދުއްފުށީ ކުޅި ހުރި ސަރަހައްދުން ގަސްތައް ކެނޑުމުގެ ހުއްދަ އެރަށު ކައުންސިލުން ދިންނަމަވެސް އެއީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ރީޖިނަލް އެއާޕޯޓްސް އިން ބުނެފިއެވެ.
ރީޖިނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ސާމީ އަގީލް "ސަން" އަށް ވިދާޅުވީ، ކުޅި ސަރަހައްދުގައި ހުރި ގަސްތަކަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމަށެވެ. އަދި އެ ސަރަހައްދަކީ ރީޖިނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށާއި އެހެންކަމުން އެ ގަސްތައް ކަނޑަން ކުޅުދުއްފުށީ ކައުންސިލަށް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޅުދުއްފުށީ ކުޅި ސަރަހައްދުގައި ހުރި ގަސްތައް ކެނޑުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ކުޅުދުއްފުށީ ކައުންސިލަށް އަޅުގަނޑުމެން އަންގަން،" ސާމީ ވިދާޅުވިއެވެ.
"ކައުންސިލުން ހުއްދަ ދިނުމާ ގުޅިގެން އެރަށު ރައްޔިތުންގެ ގިނަ ބަޔަކު ކަރަންޓު ކީސްފަދަ ތަކެތި ހިފައިގެން އެބަތިބި ގަސްތައް ކަނޑަން."
ސަރުކާރުގެ ގެޒެޓްގައި ކުޅުދުއްފުށީ ކައުންސިލުން ޝާއިއުކޮށްފައިވާ ދެންނެވުމެއްގައި ވަނީ އެސަރަހައްދަށް ވެލިއަޅާ ހިއްކަންފެށުމުގެ ކުރިން އެސަރަހައްދުގައި ހެދިފައިވާ ބުރެވި، ކުރެދި، ތަކަފަތި އަދި މަގޫ ފަދަ ތަކެތި ބޭނުންވާތީ އެފަދަ ތަކެތި ކެނޑުމުގެ ހުއްދައަށް އެދި މިކައުންސިލަށް ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ.
އެހެންކަމުން އެފަދަ ގަސްހަގާގެހި ބޭނުންވާ ފަރާތްތަކުން ކަނޑައިގެން ގެންދިއުމަކީ އެންމެ ރަނގަޅުކަމެއްކަމަށް ނިންމައި އެކަމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
ރީޖިނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ ވިދާޅުވީ ކުޅި ސަރަހައްދުން ގަސްތައް ކެނޑުން ހުއްޓުވުމަށް އެންވަޔަރަންރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުޅުދުއްފުށީ ކައުންސިލަށް އަންގާނެ ކަމަށެވެ.
ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެރަށުގައި އެއާޕޯޓު އަޅާތީ އެކަމާ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ސާމީ ވިދާޅުވީ، އެއާޕޯޓު އަޅަން ކުޅި އެއްކޮށް ނުހިންކާނެ ކަމަށާއި ޖުމްލަ 22 ހެކްޓަރުގެ ބޮޑުމިނުގެ އެ ކުޅިން ހިއްކަނީ އަށް ހެކްޓަރު ކަމަށެވެ. އެކަމުގެ ސަބަބުން ކުޅީގެ 75 ޕަސެންޓް ސަލާމަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.