މާލެ އާއި ބައެއް ރަށްރަށް އުދައަރައިފާނެ ކަމަށް މެޓުން ބުނެފި

ތަސްކަލޫސާ ސަރަހައްދަށް އުދަ އަރާފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

މާލެ އާއި އަދި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ކުރިން އުދައިގެ އަސަރުކުރާ ސަރަހައްދުތަކަށް އުދައެރުމުގެ ފުރުސަތު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެބަ އޮތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ އިއްޔެ އިން ފެށިގެން ރާޅުގަނޑު ސަރަހައްދަށް ވެސް ދަނީ އުދައިގެ އަސަރުކުރަމުން ކަމަށެވެ.

ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ މުޅި ރާއްޖެ އަށް އުދައިގެ އަސަރު ނުކުރާ ކަމަށާއި ނަމަވެސް ކުރިން އުދައިގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އަންނަ ހޯމަ ދުވަހާއި ހަމައަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކޮންމެވެސް ވަރަކަށް އާންމުކޮށް މިއަރާ ސަރަހައްދުތަކަށް އޭގެ އަސަރުކޮށްފާނެ، އެހެން ނަމަވެސް އެހާ އާދަޔާ ހިލާފުކަމެއް އަދި އަޅުގަނޑުމެންނަކަށް ނުވެއްދައްކާ." އަހުމަދު ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ވެސް އާންމުކޮށް އުދަ އަރާ ރަށްރަށަށް އުދައަރާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދުވަސްވަރު ބޮޑުދިޔަ އުޅެނީ މެންދުރު ވެސް އަދި ރޭގަނޑު ވެސް 12 ޖަހާކަންހާއިރު އެވެ.

އަހުމަދު ވިދާޅުވީ މިއީ މޫސުމީ ކަމެއް ނޫން ކަމަށާއި މިއީ ރާއްޖެ އާ ތަންކޮޅެއް ދުރުގައި ވައިގަދަވުމުގެ ސަބަބުން އޭގެ ބާނީގެ އަސަރުން ހިނގަމުން އަންނަ ކަމެއް ކަމަށެވެ.

comment ކޮމެންޓް