އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ހިއުމަންޓްރެފިކިންގެ މައްސަލަތައް މަދު: ސައީދު

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން "ކޮލޯކިއަމް ފޯ ޖުޑީޝަރީ އޮން ޓްރެފިކިން އިން ޕަސަންސް" ގެ ނަމުގައި ބޭއްވި ފަނޑިޔާރުންނަށް މައުލޫމަތު ދިނުމުގެ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ޑީޖޭއޭ

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ހިއުމަންޓްރެފިކިންގެ މައްސަލަތައް މަދު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން "ކޮލޯކިއަމް ފޯ ޖުޑީޝަރީ އޮން ޓްރެފިކިން އިން ޕަސަންސް" ގެ ނަމުގައި ބޭއްވި ފަނޑިޔާރުންނަށް މައުލޫމަތު ދިނުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަތައް މަދު ކަމުގައި ވިޔަސް ހަލުވި މިނެއްގައި ރާއްޖެ ކުރިއަރަމުން އަންނައިރު، ހިއުމަން ޓްރެފިކިންގެ ގެ މައްސަލައަށް ދައުލަތުގެ ހުރިހާ އިދާރާތަކުންވެސް އަހުލުވެރިވާންޖެހޭ ކަމަށެވެ.

ހިއުމަން ޓްރެފިކިން އާގުޅޭގޮތުން ބައިނަލް އަޤުވާމީ ފެންވަރުގައި ތަޖުރިބާ ލިބިފައިވާ ކަމުގެ މާހިރުންނާއެކު، މަޝްވަރާކޮށް ތަޖުރިބާ ޙިއްސާކުރުމަށްޓަކައި ފަނޑިޔާރުންނާ އެކު އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސެވި ކަމަށްޓަކައި މިނިސްޓަރު ސައީދު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ އިޤުތިޞާދު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިރު، ނަތީޖާއާ ހަމައަށް ވާސިލުވުމަށްޓަކައި އިންސާނީ ވަސީލަތްތަކަށް ބޭނުންވާ މިންވަރުދާނީ އިތުރުވަމުންކަމަށާއި އެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރަންޖެހޭކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

އެބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ގާޒީންގެ އިތުރުން، މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޮލޯކިއަމްއެއް ބޭއްވުމަށް އިސްނެންގެވިކަމަށްޓަކައި އައިއޯއެމް އަށް ޝުކުރުދެންނެވިއެވެ. އަދި 1951 ވަނަ އަހަރު އެ އޮގަނައިޒޭޝަން އުފެދުނުފަހުން އެކިއެކި ދައުލަތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކު މިދާއިރާގައި ބާއްވަވަމުންގެންދަވާ ގުޅުން ފާހަގަކުރައްވައި، ހިޖުރަކުރާފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ރިސޯސް ބޭފުޅުންގެ ގޮތުގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ ހިއުމަން ޓްރެފިކިންގ ދާއިރާއިން ތަޖުރިބާކާރު، ނޭޕާލްގެ ފަނޑިޔާރެއްކަމުގައިވާ ޖަސްޓިސް ތެކް ނަރަޔަން ކުންވަރް އާއި، އިންޓަނޭޝަނަލް ރޫލް އޮފް ލޯ ގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ސައުތު އޮސްޓްރޭލިޔާގެ އެޓަރނީ ޑެޒްލީ ޑެނިއަލް ބިލިޗް އެވެ.

comment ކޮމެންޓް