ވޭތުވެ ދިޔަ އަހަރަކީ ޝަރުއީ ދާއިރާއަށް ކާމީޔާބު އަހަރެއް: އުއްތަމަފަނޑިޔާރު

ޖުޑިޝަރީގެ ގާނޫނު އިސްލާހުކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސުޕްރީމް ކޯޓު

ވޭތުވެދިޔަ 2015 ވަނަ އަހަރަކީ ޝަރުއީ ދާއިރާގެ މަސައްކަތަށް ކާމިޔާބު އަހަރެއް ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީ އަހަރު 2016 އިފްތިތާހުކުރުމަށް ރޭ ޕެރަޑައިސް އައިލެޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ޝަރުއީ ދާއިރާ ހަރުދަނާކުރުމުގައި މިދިއަ އަހަރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އަދި އަދުލު އިންސާފުގެ ހިންގުން ހަރުދަނާ ކުރުމަށް ވޭތުވެދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެފަވިފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވުނު ކަންކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވީ އިސްތިއުނާފަށް ހުށަހެޅުމަށް އޮންނަ މުއްދަތު ކުރުވެގެން ދިއުމެވެ.

" މިބަދަލާ އެކު އިސްތިއުނާފުގެ މަރުހަލާ އަވަސްކުރެވުނު އަދި އެމަރުހަލާ ލަސްވާ ލަސްވުމުގެ ސަބަބުން ގިނައަދަދެއްގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކާއި އެ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ރައްޔިތުންނަށް އަދުލު އިންސާފުގެ މަގު ފަހިކޮށްދިނުމަށްޓަކައި ޝަރުއީ ދާއިރާއިން އެޅި ވަރަށް މުހިންމު ފިޔަވަޅެއް،" އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އޭގެއިތުރުން ވޭތުވެދިޔަ އަހަރު ކުރެވުނު މުހިންމު ކަންކަމުގެ ތެރޭގައި ހައިކޯޓުގެ ދެގޮތްޕެއް ގާއިމް ކުރުމާއި، ސިވިލް ކޯޓުގެ ފަސް ޑިވިޝަނެއް އެކުލަވާލައި މަސައްކަތްތައް ހަރުދަނާ ކުރެވިގެން ދިއުމާއި ކޯޓުތަކުގައި ދިގުލައިގެން ގޮސްފައިހުރި މައްސަލަތައް އަވަހަށް ނިންމުމަށް އެޅިފައިހުރި ފިޔަވަޅުތަކުގެ އިތުރުން ޝަރުއީ ވަފުދު ފޮނުވައިގެން ކޯޓުތަކުގެ މައްސަލަތައް ނިންމުމަށް ވޭތުވެ ދިޔަ އަހަރު ކުރެވުނު މަސައްކަތް ފާހަގަކޮށްލެވޭ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގައި އަދިވެސް ގިނަކަންތައްތަކެއް ހަރުދަނާކުރަން ހުރިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި މިއަހަރު ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ގާނޫނީވަކީލުންނަށް ބޭނުންވާ ލީގަލް ޓްރެއިނިންގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް އަބްދުﷲ ސައީދު ވަނީ ވިދާޅުވެފަ އެވެ. އަދި ޝަރުއީ ދާއިރާގައި ހަރަކާތްތެރިވާ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އަދި މުވައްޒަފުންނަށް އިތުރު ތަމްރީނު ދިނުމަށްވެސް ގިނަ ޕްރޮގްރާމުތަކެއް ހިންގަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި އެޓާނީޖެނެރަލް މުހައްމަދު އަނިލް އާއި ޑިފެންސްމިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ޖޭއެސްސީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެއިތުރުން އިތުރުން ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނާއި ސުޕުރީމް ކޯޓާއި ހައިކޯޓު އަދި ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރުން ވަނީ ރޭގެ ހަފްލާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް