ބަނޑު ފަޅާލައި ކުއްޖަކު ނެގި މައްސަލާގައި އެމެރިކާ އަންހެނަކު 100 އަހަރަށް ޖަލަށް ހުކުމްކޮށްފި

މާބަނޑު އަންހެނެއްގެ ބަނޑު ފަޅާލައި ދަރިފުޅު ނެގި ޑައިނެލް ލޭން -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޭޕްރިލް 30): އެމެރިކާގެ ކޮލޮރާޑޯގައި މާބަނޑު އަންހެނެއްގެ ބަނޑު ފަޅާލައި ދަރިފުޅު ނެގި މައްސަލައިގައި އެސްޓޭޓުގެ އަންހެނެއްގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމްކޮށްފި އެވެ.

ތިރީސް ފަސް އަހަރުގެ ޑައިނެލް ލޭން ޖަލަށް ހުކުމް ކުރީ ގަސްތުގައި މީހަކު މަރާލަން މަަސައްކަތް ކުރުމުގެ ކުށުގަ އެވެ.

މީގެ ކުރިން ނަރުހުންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ލޭން ހަމަލާ ދިނީ ބަނޑަށް ހަތް މަސްވެފައިވާ މިޝޭލް ވިލްކިންސް އަށެވެ. ވިލްކިންސް ލޭންގެ ގެޔަށް ދިޔައީ މާބަނޑު އަންހެނުންނަށް ހިލޭ ހެދުން ދޭ ކަމަށް ބުނެ ލޭން ކުރި އޮންލައިން އިޝްތިހާރެއްގެ ސަބަބުންނެވެ.

ޕްރޮސިކިއުޓަރުން ވިދާޅުވި ގޮތުގައި ވިލްކިންސް އެގެއަށް ދިޔުމުން ލޭން ވަނީ އޭނާއަށް ހަމަލާދީ، ބަނޑު ފަޅާލުމަށް ފަހު ވިލްކިންސްގެ ބަނޑުގައި އޮތް ދަރިފުޅު ނަގާފަ އެވެ. އޭގެ ފަހުން ލޭން ވަނީ އޭނާގެ ބައިވެރިޔާއާ އާއި ތުއްތުކުއްޖާއާ އެކު ހޮސްޕިޓަލަށް ގޮސްފަ އެވެ. ލޭންގެ ބައިވެރިޔާ ބުނި ގޮތުގައި، އޭނާ ގެޔަށް ދިޔުމުން ލޭން ބުނީ އޭނާ ދުވަސްނުފުރާ ވިހާފައިވާ ކަމަށެވެ. އަދި އެގޭގައި އެހެން އަންހެނަކު އޮތް ކަމަށް އޭނާ އަށް ނޭނގޭ ކަމަށެވެ.

ވިލްކިންސް ސަލާމަތްވީީ އެމީހުން ދިޔަ ފަހުން ފުލުހުންނަށް ފޯނު ކުރާނެ ފުރުސަތެއް ލިބުމުންނެވެ. އެހާދިސާގައި ވިލްކިންސް ސަލާމަތްވި ނަމަވެސް އޭނާގެ ތުއްތު އަންހެން ދަރިފުޅު މަރުވި އެވެ.

މައްސަލައިގެ ޝަރީއަތުގައި ލޭން ވަނީ ވިލްކިންސްގެ ދަރިފުޅު ނެގި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އޭނާ އެފަދައިން އަމަލު ކުރީ ވިލްކިންސް އޭނާ އަށް ހަމަލާ ދިނުމުގެ ސަބަބުން، ދެމީހުންގެ މެދުގައި ހިނގާ ދިޔާ ހަމަނުޖެހުމުގައި ވިލްކިންސް މަރުވި ކަމަށް ހީކޮށް ކަމަށް ލޭން ބުނެފައިވެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ލޭން އަކީ ކުޑަ ދެއަންހެންކުދިންގެ މަންމައެކެވެ. އޭނާގެ ފިރިހެން ދަރިފުޅަކު މީގެ ކުރިން މަރުވެފައިވާ ކަމަށް ލޭންގެ މަންމަ ޝަރީއަތުގައި ބުނެފައިވެ އެވެ. (ސީއެންއެން)

ގުޅޭ ޓެގު
comment ކޮމެންޓް