ވޮޝިންޓަން (22 އެޕްރީލް 2024): ޗައިނާއިން ރަޝިއާއަށް މަތީފެންވަރުގެ ޓެކްނޮލޮޖީއާއި ހަތިޔާރާބެހޭ އިލެކްޓްރޯނިކް ޗިޕްތައް ރަޝިއާއަށް ފޯރުކޮށްދޭ ދިނުމަކީ އެތަން ދެކެން އެމެރިކާއަށް ކެތްކުރެވޭނެ ކަމެއް ނޫންކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.
އަންނަ ހަފުތާގައި ބްލިންކެން ޗައިނާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ މިދަނޑިވަޅުގައި މިމައްސަލާގައި ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޗައިނާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ ޗައިނާގެ ބޭނުމަކީ ރަޝިއާއަށް ޒަމާނީ ހަތިޔާރާބެހޭ އިލެކްޓްރޯނިކް ޗިޕްތައް ފޯރުކޮށްދީގެން އަސްކަރީގޮތުން ޔުކްރެއިންގެ މައްޗަށް ކާމިޔާބު ހޯދުމުގެ ފުރުސަތު ރަޝިއާއަށް ދިނުންކަމަށާއި މިއީ އެމެރިކާއާއި ނޭޓޯގެ ގައުމުތަކުގެ ބުރަކައްޓަށް ފަހަތުން ވަޅިހެރުން ފަދަ ކަމެއްކަމުގައެވެ.
ބްލިންކެންވަނީ މިކަން ޗައިނާ ނުހުއްޓައިފިނަމަ އެމެރިކާއިން ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށްކުރާ ހަނގުރާމައަކީ ނޭޓޯ ރަޝިއާއާ ދިމާއަށް ފުޅާކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ.
މިހަނގުރާމައިގައި ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ނޭޓޯގެ ގައުމުތަކުންނެވެ. މިހަނގުރާމައިގައި ރަޝިއާ ބަލިކުރުމަކީ އެމެރިކާއާއި ނޭޓޯގެ ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ކަމަށްވާއިރު މިހަނގުރާމާގައި ރަޝިއާ ޔުކްރެއިންގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ދިޔުމަކީ އެމެރިކާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
މިމައްސަލާގައި އެމެރިކާވަނީ ކުރިންވެސް އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެއީ ރަޝިއާ ކާމިޔާބު ހޯދައިފިނަމަ ނޭޓޯގެ ޑޮމިނެންސް ޔޫރަޕްގައި ނިމުމަކަށް އަންނާނެތީއާއި އެހާލަތުގައި ނޭޓޯގެ އަސްކަރީ މުސްތަގްބަލް ގެއްލިދާނެތީއެވެ. އަދި އެޖަމާއަތް ބަލިކަށިވެ ރޫޅިގެން ހިނގައިދާނެކަމުގެ ބިރުވެސް އޮތުމުންނެވެ.
ރަޝިއާ މިހާރުވެސްވަނީ ޔުކްރެއިން ގެ ބޮޑުބައެއް ހަލާކުކޮށްލައި ޔުކްރެއިންގެ ބިމުގެ 20 އިންސައްތަ ހިފާފައެވެ. އަދި ފަހަކަށް އައިސް ކުރަމުންދާ ހަނގުރާމައިގާ ޔުކްރެއިންދަނީ ރަޝިއާގެ ކުރިމަތީގައި ބަލިވެ ފަހަތަށް ޖެހެމުންނެވެ. މިއީ އެމެރިކާގެ ހަތިޔާރުގެ ސަޕްލައި ޔުކްރެއިން އަށް ލިބޭ މިންވަރު ދަށްވުމުގެ ސަބަބުން ވާކަމެއް ކަމަށް ޔުކްރެއިން ބުނެއެވެ.
ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ބަލިވެއްޖެނަމަ އެއީ ރަޝިއާގެ ކުރިމަތީގައި ނޭޓޯ ބަލިވުންކަމަށް ޔުކްރެއިން ދެކެއެވެ. މިފަދަ ހާލަތެއްގައި ޔޫރަޕްގެ ގައުމުތައް އޮންނާނީ ރަޝިއާ ގެ އަސްކަރީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާ އޭރުން މުޅި ޔޫރަޕަށް ރަޝިއާ ގެ އަސްކަރީ އަދި ޖިއޮޕޮލިޓިކަލް ނުފޫޒު ހިނގާނެކަމަށް ޔުކްރެއިން ބުނެއެވެ.
މިހާރު ޔޫރަޕް އޮންނަނީ އެމެރިކާގެ ޖިއޮޕޮލިޓިކަލް ނުފޫޒުގެ ދަށުގައެވެ. ޔޫރަޕްގައިވާ އެމެރިކާގެ ނުފޫޒަށް ލޮޅުން އަރައިފިނަމަ ޗައިނާއާ ކުރިމަތިލުމުގައި އެމެރިކާ ވަރަށް ބަލިކަށިވެގެންދާނެއެވެ. އަދި އެއީ މުޅި ދުނިޔޭގައިވެސް އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެ ރަޝިއާއާއި ޗައިނާ ގެ ކުރިމަތީގައި އެމެރިކާ ކުޑަކަކޫ ޖަހަން ޖެހިދާނެފަދަ ޚުތޫރަތްތެރި ހާލަތެއް ކަމަށް އެމެރިކާ ދެކެއެވެ.
ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށް ނުދޭކަމަށްވިޔަސް ޒަމާނީ އައު ހަތިޔާރު އުފެއްދުމަށް ބޭނުންވާ ހައިޓެކް އިލެކްޓްރޯނިކް ޗިޕްތައް ޗައިނާ ރަޝިއާ އަށް ފޯރުކޮށްދެއެވެ. މިއާއެކު ރަޝިއާ ގެންދަނީ އެގައުމުގެ ހަތިޔާރުގެ އިންޑަސްޓްރީ ވަރަށް ބޮޑަށް ޒަމާނީކޮށް ތަރައްގީ ކުރަމުންނެވެ.
ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ސިނާއަތު އޮތް ގައުމެވެ. އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އެމެރިކާއާއި ނޭޓޯގެ 33 ގައުމުން ހަތިޔާރު އުފައްދާވަރަށް ވުރެ 50 އިންސައްތަ އިތުރަށް ރަޝިއާ އެކަނިވެސް އާދައިގެ ހަތިޔާރު އުފައްދައެވެ.
އެމެރިކާއާއި ނޭޓޯގެ ހުރިހާ ގައުމަކުން ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދޭއިރު ޔުކްރެއިންގެ މައްޗަށް ރަޝިއާ ކާމިޔާބު ހޯދަމުން ގެންދަނީ މިސަބަބާ ގުޅިގެންނެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންގެ ހަތިޔާރުގެ އިންޑަސްޓްރީ ރަޝިއާއަށް ލިބިފައިވާތީ ރަޝިއާއަކީ އެގައުމު އެކަނިވެސް މުޅި ހުޅަނގާ އެއްވަރަށް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ގައުމަކަށްވާތީއެވެ.
މިއާއެކުވެސް ރަޝިއާ ގެންދަނީ ޒަމާނީ ޑްރޯންތަކާއި ބަލިސްޓިކް މިސައިލް އީރާނުންވެސް ހޯދަމުންނެވެ. އަދި އުތުރުކޮރެއާއިންވެސް އާދައިގެ ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދެއެވެ. ޗައިނާ ފޯރުކޮށްދެނީ ރަޝިއާގެ ހަތިޔާރުތައް މިހާރަށްވުރެ ޓެތެކްނޮލޮޖީގެ ގޮތުން ކުރިއެރުވުމަށް ބޭނުންވާ ހައިޓެކް އިލެކްޓްރޯނިކް ޗިޕްތަކެވެ.
މިއީ ކައިރި މުސްތަގްބަލެއްގައި ރަޝިއާގެ ހަތިޔާރުގެ އިންޑަސްޓްރީ ޓެކްނޮލޮޖީގެ ގޮތުން އެތަށް ގުނައެއް މައްޗަށް ޖެހިގެންދާނެކަމެއްކަމަށް އެމެރިކާ ދެކެއެވެ.
މިމައްސަލާގައި ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ ދިންނަމަވެސް އޭގެރައްދުގައި ޗައިނާއިންވެސް އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެއެވެ. އެހެންކަމުން މާހަރުކަށި ފިޔަވަޅެއް ޗައިނާއާ ދެކޮޅަށް އަޅާކަށް އެމެރިކާއަށް ނުކެރޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެމެރިކާއަށް އޮތީ ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ މި އާދަޔަ ޚިލާފު ބަދަލުތަކަށް ތައްޔާރުވެ އެކަމަށް ހޭނުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.