ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް މެންބަރުން އަންޔަންކުރައްވައިފި

ކުޅިވަރު އެސޯސިއޭޝަންތަކާއެކު ޔޫތު މިނިސްޓރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ކުޅިވަރާބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން ކުޅިވަރާބެހޭ ގައުމީ މަޖިލީހަށްޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު މެންބަރުން އަންޔަންކުރައްވައިފި އެވެ.

ސެޕްޓެންބަރު، 7، 2015 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގައިވާ ގޮތުގެ މަތީން ކުޅިވަރާބެހޭ ވަޒީރު ޒުހޫރު މިއަދު އެކުލަވައިލެއްވި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރު ފިޔަވައި އެ ގާނޫނުގައި ވާ އަނެއް 10 މެންބަރުން މިއަދު ވަނީ އައްޔަނުކުރައްވައިފައެވެ.

ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް އަންޔަންކުރެއްވި ބޭފުޅުން:

  1. ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރާ ދެ މެންބަރުން:
    • ޝާހް އިސްމާއީލް (ޔޫތު މިނިސްޓަރުގެ ނައިބު)
    • ޢަލީ ޒަކީ
  2. މިނިސްޓަރު އައްޔަންކުރާ ދެ އަންހެން މެންބަރުން:
    • އާއިޝަތު ރޯޒާ
    • އިސްރަތު ހަމީދު
  3. އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލުކުރުމަށް މިނިސްޓަރު އައްޔަންކުރާ އެއް މެންބަރު:
    • އިބްރާހީމް އިސްމާއީލް (އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވް)
  4. މިނިސްޓަރު އައްޔަންކުރާ އެއް ގާނޫނީ ވަކީލު:
    • އަހްމަދު އުޝާމް (ޑެޕިއުޓީ އެޓާނީ ޖެނެރަލް)
  5. ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުން އަދި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުން:
    • މުހައްމަދު އަނީސް (އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު)
    • އައްޒާ ހަމީދު
  6. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ އެއް މެންބަރު:
    • (އަދި އަންޔަން ނުކުރައްވާ)

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގަައި ބުނެފައިވަނީ "މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރު ގެޒެޓުގައި ޝާއިޢުކުރާތާ 180 (ސަތޭކަ އައްޑިހަ) ދުވަހުން ފެށިގެން ކަމަށެވެ.

ކުޅިވަރު ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، "މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ނ) ގެ ދަށުން އައްޔަންކުރެވޭ ފަރާތްތައް ހިމެނޭ ގޮތަށް، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ނަމުގައި ކުޅިވަރާބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާނެ މަޖިލީހެއް ކުޅިވަރާބެހޭ ވަޒީރު އެކުލަވާލައި ގާއިމުކުރަންވާނެ." ކަމަށެވެ.

ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ކުޅިވަރު ބިލު"، ގާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 7 ސެޕްޓެންބަރު 2015ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުން އެ ބިލް ގާނޫނަކަށްވެ ހަމަ އެދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

comment ކޮމެންޓް