މޭ އެކެއްގައި ނައިޓްމާކެޓް ފަށަނީ، މުޅިން ތަފާތު ކޮންސެޕްޓެއް!

ނައިޓް މާކެޓަށް ކާނިވާ ސަރަހައްދު ތައްޔާރުކުރަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަސް އަންނަ ވާހަކަ ބުނެފި ނަމަ މީހަކު އެއްމެ ފުރަތަމަ ވެސް ކޮށްލާނެ ސުވާލަކީ ނައިޓް މާކެޓް ފެށެނީ ކޮންއިރަކުތޯ އެވެ. ރޯދައަށް ގޭތެރެ ޒީނަތްތެރިކޮށް، ބަދިގޭގައި ބޭނުންކުރާ ސާމާނު އާކޮށްލަން ބޭނުންވާތީ އެވެ. ފަސޭހަގޮތަކަށް ހެޔޮ އަގެއްގައި އެ ތަކެތި ނައިޓްމާކެޓުން ގަންނަން ލިބުމަކީ ނައިޓް މާކެޓަށް މީހުންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުއްޓޭ އެއް ސަބަބެވެ.

"ވިޔަފާރީގެ ބޮޑު އީދު" ނައިޓް މާކެޓް ކޮންމެ އަހަރަކު ވެސް ބާއްވަނީ މަގުމަތީގަ އެވެ. މަގުގެ ދެފަޅީގައި ޓެންޓު ޖަހައިގެންނެވެ. "މަގުމަތީ ބާޒާރު"ގެ އެ ކޮންސެޕްޓަކީ ދިވެހިންނަށް އާ ތަޖުރިބާއަކަށް ހަމަގައިމު ވެސް ނުވާނެ އެވެ. ނަމަވެސް ނައިޓް މާކެޓް ހިންގުމާ މިފަހަރު ހަވާލުވި މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރު (އެމްއެމްއޭސީ) މިވަނީ އެކަން މުޅިން އާ ކޮންސެޕްޓަކަށް ބަދަލުކޮށް، އާ ތަޖުރިބާއަކަށް ދިވެހިންނަށް ހުޅުވާލައި "ނައިޓް މާކެޓެއް"ގެ ގޮތަށް ފަރުމާކޮށް ޒަމާނީކޮށްލައިފަ އެވެ.

ޗައިނާގައި ބޭއްވި ނައިޓްމާކެޓެއް: މާލޭގައި ނައިޓް މާކެޓް މިފަހަރު ބާއްވަނީ މިފަދަ ކޮންސެޕްޓަކަށް

އެހެން އަހަރުތަކުގައި ރާޅުގަނޑު ސަރަހައްދުން ލޮނުޒިޔާރަތްކޮޅުގައި ނައިޓްމާކެޓް ބޭއްވި ނަމަވެސް މިފަހަރުގެ ބާޒާރު އޮތީ ކާނިވާ ސަރަހައްދުގަ އެވެ. އެތަނުގައި ވިޔަފާރިއަށް ހާއްސަ 350 ވަރަކަށް މޭޒު މިފަހަރު ބަހައްޓާނެ އެވެ. މޭޒުތައް ތައްޔާރުކުރުމުގައި ވިޔަފާރިވެރިން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. .

  • ވަންވޭ، ޓޫވޭ މަގުތައް ހުންނާނެ

ކުރީގެ ނައިޓްމާކެޓްތަކަކީ ދެފޫޓުގެ މަގަކުން ވެސް ބޮލަށް، ކޮނޑަށް މުދާތައް ޖަހައިގެން ދެކޮޅަށް މީހުންނަށް ހިނގޭ މަގުތަކެވެ. އޭގެ ސަބަބުން މަގުތައް ތޮއްޖެހި ބާޒާރުކުރަންދާ މީހުންނަށް އަދި ވިޔަފާރިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ އެވެ. ނަމަވެސް އެމްއެމްއޭސީގެ ޗެއާމަން، އަލީ އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ މިފަހަރުގެ މާކެޓްގައި ކާނިވާ ސަރަހައްދުގައި ސްޓޯލްތައް ހުންނާނީ ވަކި ތަރުތީބަކުން އަތުރާލާފައި ކަމަށެވެ. އަދި ގިނަވާނީ އެއްކޮޅަށް ހިނގޭ މަގުތަކަށްވާ އިރު ދެކޮޅަށް ހިނގުމަށް ފުޅާ ތިންމަގެއް އެތަނުގައި ހުންނާނެ ކަމަށް ރުކުމާ ވިދާޅުވި އެވެ. އެގޮތުން މަގުތައް ވަކިވާ ގޮތަށް ބޯޑުތައް ބަހައްޓާފައި ހުންނާނެ އެވެ.

ނައިޓް މާކެޓަށް ކާނިވާ ސަރަހައްދު ތައްޔާރުކުރަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

  • ވަދެނުކުތުމަށް ހާއްސަ ގޭޓްތަކެއް

ރުކުމާ ވިދާޅުވީ ބާޒާރަށް ވަންނަން ތިން ގޭޓެއް ހުންނާނެ ކަމަށެވެ. އެއީ ހުޅުމާލެ ފެރީ ޓަމިނަލާ ދިމާލުން ސިޓްރަން ރެސްޓޯރެންޓާ ދިމާއަށްވާ ގޮތަށް ހުންނަ މައި ގޭޓާއި އެ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑާ ދިމާލަށްވާ ގޮތަށް ހަދާފައި ހުރި ގޭޓާއި ކާނިވާ"ކަޑަތަކާ' ދިމާއަށްވާ ގޮތަށް ހުންނަ ގޭޓެވެ.

  • ސެކިއުރިޓީ މިފަހަރު ވަރަށް ވަރުގަދަ

ރުކުމާ ވިދާޅުވި ގޮތުގައި މުޅި ސަރަހައްދުގެ ސެކިއުރިޓީ މިފަހަރު ވަރަށް ވަރުގަދަވާނެ އެވެ. އެގޮތުން މުޅި ސަރަހައްދު ކަވަރުކުރާ ގޮތަށް ސެކިއުރިޓީ ކެމެރާ ބަހައްޓާފައި ހުންނާނެ ކަމަށާއި، ކެމެރާތައް އޮޕަރޭޓް ކުރުމުގައި ފުލުހުން އަދި އެމްއެމްއޭސީގެ ސްޓާފުން ހަރަކާތްތެރިވާނެ ކަމަށް ރުކުމާ ވިދާޅުވި އެވެ. އޭގެ އިތުރުން ބާޒާރުތެރޭގެ މަގުތައް ބެލެހެއްޓުމަށް އެމްއެމްއޭސީގެ ސްޓާފުން ހަތަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މަގުތައް ބަލަހައްޓަން ޓްރެފިކް ސްކޮޑެއް ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

ރޭގަނޑު ދަންވަރު ސްޓޯލްތަކުން ވައްކަން ކުރުމަކީ މީގެކުރިން މާކެޓްތަކުގައި ވަރަށް ބޮޑަށް ދިމާވި މައްސަލައެކެވެ. ނަމަވެސް ރުކުމާ ވިދާޅުވީ، ސެކިއުރިޓީ ކެމެރާތަކުގެ އިތުރުން ސެކިއުރިޓީ ސްޓާފުން އެ ސަރަހައްދުގައި ރޭގަނޑު ހޭލައި ހަރަކާތްތެރިވާނެ ކަމަށެވެ.

އެމްއެމްއޭސީގެ ޗެއާމަން ރުކުމާ ސަން އަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

  • ކުނި މެނޭޖްކުރުމަށް ގިނަ ފިޔަވަޅުތަކެއް

ރުކުމާ ވިދާޅުވީ ނައިޓް މާކެޓްގެ ކުނި މެނޭޖްކުރުމަށް މިފަހަރު ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން ސްޓޯލްތަކަށް ޖަމާވާ ކުނިބުނި ކޮންމެ ސްޓޯލަކުން ވެސް ބަރާބަރަށް އެއްކޮށް، ތަން ހަޑި ނުވާނެ ގޮތަށް އެކަން ބަލަހައްޓަން އެމްއެމްއޭސީ އިން ހަރަކާތްތެރިވާނެ ކަމަށެވެ.

ބާޒާރު އެއްކޮށް ނިމޭފަހުން ވެސް އެތަނަށް ޖަމާވާ ކުނިބުނި އަދި ސްޓޯލްތައް ނުރޫޅާ ހުންނަ މައްސަލަތައް ވެސް މީގެކުރިން ފެންމަތިވި އެވެ. ރުކުމާ ވިދާޅުވީ އެކަން ހަމައަކަށް އަޅުވަން މިފަހަރު ކޮންމެ ސްޓޯލަކުން ވެސް ޑިޕޮސިޓްގެ ގޮތުގައި 2500 ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި ބާޒާރު ނިމުމުން އެ ފަރާތްތަކުން އެތަން ސާފުކޮށް އެއްކޮށް ހަމައަކަށް އަޅުވާލުމުން އެ ފައިސާ އަނބުރާ ދޭނެ ކަމަށް ރުކުމާ ވިދާޅުވި އެވެ.

  • މޭޒުތައް އިންޝުއާކޮށްފައި

ބާޒާރުގައި ބަހައްޓާ ގިނަ މޭޒުތަކަކީ އިންޝުއާކޮށްފައި ހުންނަ މޭޒުތަކެވެ. އެއީ ބާޒާރު ކުރިއަށްދާ އިރު ކުރިމަތިވެދާނެ ކަމަކުން ލިބިދާނެ ގެއްލުމަކުން އަދި މުދާ ވަގަށްނެގުން ފަދަ ކަމައް ހިނގައިގެން ލިބިދާނެ ގެއްލުމަކުން ވިޔަފާރިތައް ސަލާމަތްކުރުން ކަމަށް ރުކުމާ ވިދާޅުވި އެވެ.

ނައިޓް މާކެޓަށް ކާނިވާ ސަރަހައްދު ތައްޔާރުކުރަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެއަކަސް މިފަދަ ތަފާތު ކަންތައްތަކަކާ އެކު ނައިޓްމާކެޓް އަންނަ މެއި މަހުގެ އެއްވަނަ ދުވަހު ފަށާނެ އެވެ. އަދި 15 ދުވަހުގެ މުއްދަތަކަށް މާކެޓް ކުރިއަށްގެންދާ އިރު، ކޮންމެ ދުވަހެއްގެ ވެސް ބާޒާރު ފެށޭނީ ހަވީރު 4:00 ގައެވެ. ރޭގަނޑު 12:00 އަށް ބާޒަރު ނިންމާލާނެ އެވެ. މިފަހަރުގެ މާކެޓްގައި ވެސް ބަދިގޭ ސާމާނާއި، ކުޑަކުދިންގެ ކުޅޭ ސާމާނާއި އަންނައުނު އަދި ގޭތެރެ ޒީނަތްތެރިކުރަން ބޭނުންވާ ސަމާނުތައް ލިބެން ހުންނާނެ ކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.

comment ކޮމެންޓް