ހެލިފެލިވެއުޅުން މަދުވުމުން ދިމާވާ މައްސަލަތަކާއި ކަސްރަތުކުރުން

ކަސްރަތު ނުކުރުމާއި ދިރިއުޅުމުގައި ހަރަކާތްތެރިކަން ކުޑަވެ، ހެލިފެލިވެ އުޅުން މަދުވުމަކީ ތަފާތު ޞިއްހީ މައްސަލަތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާކުރާގޮތުގައި ހެލިފެލިވެ އުޅުން މަދުވެ، ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގައި އަހަރަކު 2 މިލިޔަން މީހުން ދުނިޔެދޫކުރެއެވެ. އަދި ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ، އަދި ޖިސްމާނީ ނުކުޅެދުންތެރިކަން މެދުވެރިކުރުވާ 10 ސަބަބު ތެރޭގައި ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަވެ ހެލިފެލިވެނޫޅުން ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ކަސްރަތު ނުކުރުމާއި، ހެލިފެލިވެއުޅުން މަދުވުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތައް ނުވަތަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުގެ ތެރޭގައި ހިތުގެ ލޭހޮޅިތަކަށް ޖެހޭ ބަލިތައް، ލޭމައްޗަށްދިއުން، ލޭގައި ދައުރުވާ ސަރުބީގެ މިންވަރު މަތިވުން، ހާޓް އެޓޭކް ޖެހުން، ސްޓްރޯކްޖެހުން ފަދަ ބަލިތައް ހިމެނެއެވެ. ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން މިފަދަ ބަލިތައް ޖެހޭ ސަބަބަކީ އިށީދެ ނުވަތަ އޮށޯވެ އޮންނައިރު ހިތަށް ބޭނުންވާވަރަށް ލޭ ލިބުމަށް ބުރޫއަރާތީ އެވެ. މީގެ އިތުރުން ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ލޭހޮޅީގެ ތެރޭގައި ސަރުބީޖަމާވެ، ލޭހޮޅި ހަރުއެރުމާއި، ލޭހޮޅީގެ ތެރޭގައި ގަނޑުލޭކޮޅު ތާށިވެ ލޭހިނގުމަށް ބުރޫއެރުމަކީ ވެސް މިފަދަ ބަލިތައް ޖެހުމަށް މަގުދައްކައިދޭ ކަމެކެވެ. ހެލިފެލިވެ އުޅުން މަދުވުމުން ލޭގައި ސަރުބީގެ ވައްތަރެއް ކަމުގައިވާ "ޓްރައިގްލިސެރައިޑް"ގެ މިންވަރު މަތިވެ، ލޭގައި ހުންނަ "ރަނގަޅު ކޮލެސްޓްރޯލް" ގެ މިންވަރު ދަށްވެއެވެ.

ކަސްރަތުކުރުމަކީ ދުޅަހެޔޮސިއްހަތެއްގައި ދެމިހުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް ---

ކަސްރަތު ނުކުރުމާއި ދިރިއުޅުމުގައި ހަރަކާތްތެރިކަން ކުޑަވެ، ހެލިފެލިވެ އުޅުން މަދުވުމަކީ މީހާގެ ހަށިގަނޑުގައި ސަރުބީ ޖަހައި، ހަކަތަ އަންދާ މިންވަރު ދަށްވެ، އާދަޔާ ޚިލާފަށް ފަލަވެ، ބަރުހެލިކުރުވާނެ ކަމެކެވެ. އާދަޔާ ޚިލާފަށް ފަލަވުމަކީ ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކަށް މަގުފަހިކޮށްދީ، ލޭގެ ޕްރެޝަރު މަތިކޮށް، ލޭގެ ސަރުބީގެ މިންވަރު އިތުރުކޮށް، ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުން ފަދަ ނުރައްކާތަކަށް ހުޅުވާލެވޭ ދޮރެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނަވަގުތު ޓީވީ ބެލުމަށް ހޭދަކުރާ ކުދިން އާދަޔާ ޚިލާފަށް ފަލަވުމުގެ ފުރުޞަތު ބޮޑެވެ. އަދި ފަލަކޮށް ތިބޭ ކުދިން ދުވާލަކު 4 ގަޑިއިރަށްވުރެ ގިނައިން ޓީވީ ބަލަން އިށީދެ ތިބޭނަމަ ލޭމައްޗަށް ދިއުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާއަކުން ދައްކާފައިވެއެވެ.

ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަވުމަކީ ހަކުރު ބައްޔަށް ވެސް މަގުފަހިކުރާ ކަމެކެވެ. ދިރާސާއަކުން ހޯދިފައިވާ ގޮތުގައި ޓީވީ ބެލުމަށް އިށީދެގެން އިންނަ ކޮންމެ 2 ގަޑިއިރަކުން ހަކުރު ބަލިޖެހުމުގެ ފުރުޞަތު 14 އިންސައްތަ އިތުރުވެގެންދެއެވެ. ހަރަކާތްތެރިކަން ކުޑަވެ، ހެލިފެލިވެއުޅުން މަދުވުމުން ހަކުރު ބަލިޖެހުމަށް މަގުފަހިވާ ސަބަބަކީ ކެއުމަށްފަހު ހެލިފެލިވެ ނޫޅުމުން، ކާތަކެތީގެ ތެރެއިން ލެޔަށް ނެގުނު ހަކުރުގެ ބައި، މަސްތަކަށް ނަގައިނުދޭތީ އެވެ. މިހެންވުމުން ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު ނިސްބަތުން މައްޗަށްދާގޮތްވެ، މިކަމުގެ އާޚިރު ނަތީޖާއެއްގެ ގޮތުން ލޭގައި ހަކުރުގެ މިންވަރު މަތިވެ، ހަކުރު ބަލި ("ޓައިޕް 2 ޑައެބެޓީޒް") އުފަންވެގެން އައުމެވެ. މީގެ އިތުރުން އަބަދު އިށީދެ ނުވަތަ އޮށޯވެގެން އޮތުމަކީ ހަށިގަނޑުގައި ހަކުރުގެ ނިސްބަތް އެއްވަރެއްގައި ހިފަހައްޓައިދޭ އިންސިއުލިންގެ މަސައްކަތް ދަށްކޮށްދީ، އެކަމުގެ ސަބަބުން ވެސް ހަކުރު ބަލިޖެހުމަށް މަގުފަހިކުރުވާނެ ކަމެކެވެ.

ދިރިއުޅުމުގެ ހަރަކާތްތެރިކަން ދަށްވެ، ހެލިފެލިވެ އުޅުން ކުޑަވުމަކީ ކަށިތަކާއި، މަސްތަކުގައި ހިމެނޭ މައުދަންތަކުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ހުރަސްއަޅާ ކަމެކެވެ. އެކަމުގެ ސަބަބުން މަސްތަކާއި ކަށިތަކުގެ ވަރުދެރަވެ، ބަލިކަށިވާގޮތް ވެއެވެ. އަދި ދާއިމީ ރިހުމެއް ހަށިގަނޑުގައި އުފެއްދުމާއެކު، ކަށިފީވުން އަދި ރާއްޖެ ބަލި ފަދަ "ހުޅު ދުޅަވުމު"ގެ ވައްތަރުތައް އުފަންވުމަށް މަގުފަހިވެގެންދެއެވެ. މިގޮތަށް ދިމާވާ ސަބަބެއް ކަމުގައި ބެލެވެނީ އިށީދެ ނުވަތަ އޮށޯވެ އަބަދު އޮތުމުގެ ސަބަބުން ކަށިތަކަށް ކުރާ ބާރު ކުޑަވެ، ދިގުމުއްދަތަކަށް އެގޮތަށް އަމަލުކުރުމުން ކަށިތަކާއި މަސްތަކުގެ ވަރުދެރަވެ، ބަލިކަށިވާތީ އެވެ. މިއީ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްކޮށް، އަރިދަފުސް ރޯގާ، ކަރުތެރެ ހަލާކުވުން ފަދަ ތަފާތު ބަލިތަކަށް ހުށަހެޅުން އަވަސްކޮށްދޭ ކަމެކެވެ.

ހެލިފެލިވެ އުޅުން މަދުވުމަކީ ފައިގެ ލޭހޮޅިތަކުގައި ގަނޑުލޭކޮޅެއް އުފެދި "ޑީޕް ވެއިން ތްރޮމްބޯސިސް" އޭކިޔާ ލޭހޮޅީގެ ބައްޔެއް އުފަންކުރުވާ ކަމެކެވެ. މިއީ އޭގެ ސަބަބުން ހަށިގަނޑުގެ ލޭދައުރުވުމަށް ހުރަސް އަޅައި، ފުރާނަ އަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެދާނެ ކަމެކެވެ. ކަސްރަތު ނުކޮށްއުޅޭ، ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަ މީހުންނަށް އުރަމަތީގެ ކެންސަރު، އަދި ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.

ކަސްރަތު ކުރުމަކީ ވަކި އުމުރަކަށް ޚާއްސަ ކަމެއް ނޫން ---

ކަސްރަތު ނުކުރުމާއި ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަވެ ހެލިފެލިވެ އުޅުން މަދުވުމުން ދިމާވެދާނެ އެހެނިހެން ޞިއްޙީ މައްސަލަ ތަކުގެ ތެރޭގައި ހަށިގަނޑުގެ ހަކަތަ ދަށްވުން، ހިތްހަމަނުޖެހުމާއި ނުތަނަވަސްވުން، މިޒާޖު ގޯސްވުން، މާޔޫސްވުން، ނިދިނައުން، އުމުރު ކުރުވުން، ހަނދާންނެތުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމަކީ ވެސް ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަވުމުން މަގުފަހިކުރުވާ ކަންތައްތައް ކަން ފާހަގަކޮށްލެވެއެވެ. ދިރާސާއަކުން އެނގިފައިވާ ގޮތުގައި ހާޓް އެޓޭކުޖެހުމުގެ ނިސްބަތް އެންމެ މަތިކޮށް އުޅެނީ އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް އުޅޭ ދިރިއުޅުމުގެ ހަރަކާތްތެރިކަން ކުޑަ މީހުންގެ ތެރޭގައެވެ.

ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކޮށް ކަސްރަތު ކުރުމަކީ ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށް ވަރަށް ބޭނުންތެރިކަމެކެވެ. ކަސްރަތުކުރާއިރު އެމީހަކާ ގުޅޭ، ފަސޭހަ ކަސްރަތެއް ޚިޔާރުކުރެވިދާނެ އެވެ. ހިނގާލުން، ދުވުން، ފެތުން، ފުއްމުން، ހަށިގަނޑުގެ އެކިގޮތްގޮތަށް ލައްބައި ހެދުން ފަދަ ޖިސްމާނީ ހަރަކާތްތައް ކުރުން، ބައިސްކަލް ދުއްވުން، ދުވާމެޝިނުގައި ދުވުން، ފަދަ ކަންކަމަކީ ކަސްރަތުގެ ގޮތުގައި ކުރެވިދާނެ ތަފާތު ކަންތައްތަކެވެ. މިއިން ކޮންމެ ކަސްރަތެއް ކުރިނަމަވެސް އޭގެ ރާހަތު ހަށިގަނޑަށްކުރާ ވަރަށް ކަސްރަތު ކުރުން މުހިއްމެވެ. އެހެން ކަމުން ހަފްތާއަކު މަދުވެގެން 5 ދުވަހު، ދުވާލަކު މަދުވެގެން 30 މިނިޓް، ނުވަތަ ހަފްތާއަކު 3 ދުވަހު ދުވާލަކު މަދުވެގެން ގަޑިއެއްހާއިރު، ކޮންމެ ވެސް ކަހަލަ ކަސްރަތެއް ކޮށްލުމަކީ މުހިއްމު ކަމެކެވެ.

ދިވެހިންގެ ތެރޭގައި ގިނަ މީހުންނަކީ އޮފީސް މަސައްކަތްތަކުގައި ގިނަ ވަގުތު އިށީދެ އިދެގެން މަސައްކަތް ކުރަންޖެހޭ މީހުންނެވެ. މިފަދަ މީހުން ވެސް އޮފީހުގައި ހޭދަކުރާ ވަގުތުތަކުގައި ކޮންމެ ½ އިރަކުން އެއްފަހަރު ކޮޅަށް ތެދުވެ، ހަށިގަނޑު ދަމާލައި، ހިނގާލައި ހެދުމަކީ ލޭދައުރުވުން ރަނގަޅުވެ، ހަށިގަނޑަށް އެކަމުން މަންފާ ކުރާނޭ ކަމެކެވެ.

ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުން ލިބިދޭ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުން، މީހާގެ އުޅުމާއި މިޒާޖު ރަގަޅުވެ، ފިކުރުތަކާއި ދުރުހެލިކޮށްދީ، ހާސްވެ ކަންބޮޑުވުން ކުޑަކޮށްދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވުން، ހަށިގަނޑަށް ހަކަތަޔާ ބާރު ގެނެސްދިނުން، މުޅިދުވަސް ތާޒާކަންމަތީ ހަރަކާތްތެރިކަމާއެކު އުޅުމަށް އެހީތެރިވެދިނުން، މަސްތަކާއި، ކަށިތައް ވަރުގަދަކޮށްދިނުން، ނިދި ފުރިހަމަކުރުމަށް އެހީތެރިވެދިނުން، އަދި ޖިންސީ ހަޔާތަށް އާރޯކަމާ ތާޒާކަން ގެނެސްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. ހޯދިފައިވާ ގޮތުގައި ކަސްރަތު ކުރުމުން ހަށިގަނޑުން ބަރުދަން ލުއިވަނީ ކަސްރަތުކުރުމުން ހަށިގަނޑުން ހަކަތަ އަންދާ މިންވަރު އިތުރުވާތީ އެވެ.

ކަސްރަތު ކުރުމާއި، ހެލިފެލިވެއުޅުން އިތުރުވުމަކީ ގައިންގަޔަށްނާރާ ތަފާތު ބަލިތަކުން ދުރުވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ކަސްރަތު ކުރުމުން ހަކުރު ބަލި، މެޓަބޮލިކް ސިންޑްރޯމް، ލޭމައްޗަށްދިއުން، ސަރުބީ މަތިވުން ފަދަ ހިތާއި، ލޭހޮޅިތަކާއި ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި މިފަދަ ބަލިތައް ހުރުމުގެ ސަބަބުން ކުރިމަތިވާ ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ނިސްބަތް ވެސް ދަށްކޮށްދެއެވެ.

ކަސްރަތު ކުރުމަކީ ގޮހޮރުގެ ކެންސަރާއި، އުރަމަތީގެ ކެންސަރު ފަދަ ތަފާތު ކެންސަރުތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ކަސްރަތު ކުރުމަކީ ސުކޫލް މަދަރުސާތަކުގައި ދަރިވަރުންގެ ޕާފޮމެންސް ރަގަޅުކޮށްދީ، މަތީ މާކްސް ހޯދުމަށް އެހީތެރިވެދީ، އެކި ކަންކަމަށް ކުއްޖާ ހޭލައްވައިދިނުމަށް އެހީތެރިވެދޭ ކަމެއްކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވެ، ހެލިފެލިވެއުޅުން މަދުވުމަކީ ތަފާތު އެތަކެއް ޞިއްޙީ މައްސަލަތަކެއް ފެންމަތިވުމަށް މަގުފަހިކުރާ ކަމަކަށް ވުމާއެކު، އެންމެ ކުޑައިރުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ހެލިފެލިވެއުޅުން އިތުރުކޮށް، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުވާނޭ ފަދަ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަންޖެހެއެވެ. ގަވާޢިދުން ކަސްރަތުކުރުމަށް ސަމާލުކަންދީ، އަމަލީގޮތުން ކޮންމެ ދުވަހަކު ކަސްރަތުގެ ހަރަކާތްތަކުގައި ބައިވެރިވާންޖެހެއެވެ. އެއީ އަހަރެމެންގެ ދުޅަހެޔޮކަން އިތުރުވެ، އުފާވެރި، ހިތްހަމަޖެހޭ ހަޔާތެއް އާއިލާގެ ހުރިހާ މެންބަރުން އެކުގައި ވޭތިކުރުމަށްޓަކައެވެ.

comment ކޮމެންޓް