ހަނގުރާމެވެރި ޖަމާއަތްތަކަށް އެހީވުން ހުއްޓާލުމަށް، ޔޫއޭއީއާއި އިންޑިއާއިން ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އަބޫ ދާބީގެ ކްރައުން ޕްރިންސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން -- ފޮޓޯ: ގަލްފުނިއުސް

ނިއުދިއްލީ (12 ފެބްރުއަރީ) -- ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށް، ނުދިނުމަށާއި އެއްވެސް މާނައެއްގައި ޓެރަރިޒަމަށް މަގުފަހިވާނޭ ކަމެއް ނުކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އިންޑިއާއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު، އަބޫދާބީގެ ކްރައުން ޕްރިންސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެގައުމުގެ ފަރާތުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވަނި، ދައުލަތްތަކުގެ ސިޔާސަތުގެ ގޮތުގައި ޓެރަރިޒަމަށް މަގުފަހިވާ ކަންކަން ނުހިމެނުމަށާއި، އެއްވެސް ގައުމެއްގެ ފަސްގަނޑުގައި އެފަދަ ހަރަކާތްތަކަށް ޖާގަ ނުދިނުމަށެވެ.

ވަކި ގައުމެއްގެ ނަން ބަޔާކޮށްފައި ނުވާ އެ ބަޔާނުގައި، ހައްދުފަހަނަޅައިދިއުމާއި އެނޫންވެސް ހަރުކަށި ފިކުރުތަކަށް ޖާގަދިނުމުގައި ބައެއް ފަރާތްތަކުން "ދީން" ބޭނުން ކުރަމުން ގެންދާތީ އެފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން، ކޮންމެ ގައުމަކުންވެސް އެގައުމެއްގައި ހަރަކާތްތެރިވާ ގޮތްނޭނގޭ ޖަމާއަތްތައް ކޮންޓްރޯލް ކުރަން ޖެހޭނޭކަމަށް ގޮވާލާފައި ވެއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުން ގައުމެއްގައި ބާރުގަދަކޮށް، އެހެން ގައުމަކަށް ޓެރަރިޒަމްގެ ނުރައްކާ ފޯރުވަފާނޭ ކުޑަވެސް ފުރުސަތެއް އެފަދަ ފަރާތްތަކަށް ނުދިނުމަށް އެބަޔާނުގައި ވެއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެގައުމުން ވެސް އެއް ގައުމު އަނެއްގައުމަށް އެކި ގޮތްގޮތުން އެހީތެރިވެދިނުމަށް އެއްބަސްވެފައިވާ އިރު، އޭގެ ތެރޭގައި ޚާއްސަކޮށް މެރިޓައިމް ސެކިއުރިޓީއާއި، ކައުންޓާ ޓެރަރިޒަމް، އަދި ސައިބަ ސެކިއުރިޓީ ފާހަގަކޮށްފައިވެއެވެ.

އިންޑިއާ އާއި ޔޫއޭއީގެ ވެރީންގެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އެނޫންވެސް ތަފާތު ދާއިރާތަކުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން ނުވަ އެއްބަސް ވުމެއްގައި ސޮއިކޮށްފައި ވާއިރު، އޭގެ ތެރޭގައި ރެއިލްވޭސް، ޕެޓްރޯލިއަމް، މަގުތައް ތަރައްގީކުރުން، އަދި ކުޅިވަރާއި ދަތުރުފަތުރުގެ ދާއިރާއިން އިންޑިއާގައި އިންވެސްޓްކުރުމަށް ޔޫއޭއީ އިން ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް