މޯލްޑިވިއަންގެ ސީޕްލޭނެއް ނައްޓާލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެއްޖެ

މޯލްޑިވިއަންގެ ސީޕްލޭނެއް: އެ ކުންފުނީގެ ސީޕްލޭނެއް މިއަދު ދ. އަތޮޅު ނިޔާމަ ރިސޯޓުން ފުރަން އުޅުމުގެ ތެރޭގައި ވަނީ އެކްސިޑެންޓެއް ހިނގާފައި -- ސަން ފައިލް ފޮޓޯ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ރިސޯޓަކުން ފަސިންޖަރުން ގޮވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ ބޯޓުގެ ފިޔަގަނޑަށް ގެއްލުންވެއްޖެ އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ސަންއަށް ވިދާޅުވީ، މިއަދު ހަވީރު ނިޔާމަ ރިސޯޓުން ފުރަން އުޅުމުގެ ތެރޭގައި މޯލްޑިވިއަންގެ ސީޕްލޭނެއްގެ ފިޔަގަނޑަށް ގެއްލުން ވުމުގެ ސަބަބުން އެ ބޯޓު ދަތުރު ކެންސަލްކޮށް، މިހާރު އެ ހާދިސާ ތަހުގީގުކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެހާދިސާގައި ބޯޓުން ދަތުރުކުރި ފަސިންޖަރަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއާކްރާފްޓް އިންޖިނިއަރުންގެ ޓީމެއް މިހާރު ވަނީ، ނިޔާމަ ރިސޯޓަށް ފޮނުވާފައި. މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގެ ނައްޓާލަން އުޅެނިކޮށް އެނގުނީ ފިޔަގަނޑަށް ޑެމޭޖެއް ލިބިފައިވާކަން. އެހެން ނަމަވެސް އެ ހާދިސާ ދިމާވާން މެދުވެރިވީ ކީއްވެކަން އަދި ސާފެއް ނުވޭ،" ނަޝާތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ހަވީރު 5:00 ކަންހާއިރު ހިނގި އެހާދިސާގައި ބޯޓަށް ލިބިފައިވާ ގެއްލުމާއި، އެ ހާދިސާގެ އިތުރު ތަފްސީލް ލިބޭނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ.

ނިޔާމަ ރިސޯޓްގެ އޮފިޝަލަކު ވިދާޅުވީ، މޯލްޑިވިއަންގެ ސީޕްލޭނެއް އެ ރިސޯޓުން ފަތުރުވެރީން ގޮވައިގެން ފުރަން އުޅުމުގެ ތެރޭގައި ބޯޓުގެ ފިޔަގަނޑު އެ ރަށުގެ ޖެޓީގައި ޖެހި ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި، "އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދޭނީ މޯލްޑިވިއަންއިން" ކަމަށެވެ.

މޯލްޑިވިއަން ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ދ. އަތޮޅުގެ އިތުރުން ތ. އަތޮޅަށާއި ބ. އަތޮޅަށް ވެސް ކުރަމުން ދާއިރު، އެ ދަތުރުތަކުގައި ބޭނުންކުރަނީ، "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ހަ ސީޕްލޭންއެވެ.

comment ކޮމެންޓް