މީގެ ކުރިން އަނިޔާއެއް ނުކުރޭ، އެކަމަކު ރޭ ފެނުނީ މަރާލާފައި އޮއްވައި!

އުމުރުން ހަތަރު އަހަރުގެ ޝައިހާ ފެނިފައި ވަނީ ލެއިން ތަތްތެޅިފައި ވަނިކޮށެވެ. އެމައުސޫލް ކުއްޖާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިހަރައި އެކުއްޖާ މަރާލިކަމުގެ ތުހުމަތު މިކުރެވެނީ އެކުއްޖާ ބަނޑުއަޅައިވިހެއި މަންމަ އައިމިނަތު ޝާހިދާ، 29، އަށެވެ. އުފެދޭ ސުވާލަކީ ޝައިހާއަށް އޭނާގެ މަންމަގެ ފަރާތުން އަބަދު ވެސް އެއަނިޔާތައް ލިބިގެންދިޔަތޯ އެވެ.

ކުރިން ފެނުނީ ދަރިންދެކެ ލޯބިވާ މަންމައެއްގެ ގޮތުގައި!

ނަފްސާނީ މައްސަލައެއްގެ ސަބަބުން ކުއްޖާ އަށް އަނިޔާއެއް ލިބިދާނެކަން އެނގޭ އިރު އޭނާގެ ދަރިފުޅު ބެލުމުގެ ޒިންމާ އަދާކޮށް ދަރިޔާއި އޭނާ އާ ވަކިން ކޮޓަރިއެއްގައި ބޭއްވީ ކީކުރަންތޯ މިއީ މިއަދު ގިނަ ބަޔަކު ކުރަމުންދާ ސުވާލަކެވެ.

ނޫމަރާ މީހުންގެ ވާހަކަތަކަށް ބަލާ އިރު ނަފްސާނީ މައްސަލައެއް ހުންނަ ޝާހިދާ އޭނާގެ ދަރިފުޅު ޝައިހާއަށް އަނިޔާކުރާ ކަމުގެ މައްސަލައެއް މީގެ ކުރިން ފާހަގަ ކުރެވިފައެއްނުވެ އެވެ. އޭނާގެ ފަރާތުން ދަރިފުޅޭ ކިޔައިގެން މީގެ ކުރިން އަޑުއިވިފައި ވަނީ މައިވަންތަ ކަމުގެ ވާހަކަ އެވެ. އަދި ފެނިފައި ވަނީ ވެސް އެމަންޒަރުތަކެވެ. ނަމަވެސް ރޭގައި އެވަނީ އެކަން ބަދަލުކޮށްލާފަ އެވެ.

ރޭފަތިހު 5:30 އެހާކަންހާ އިރު ޝާހިދާ އޭނާ މަންމަކައިރީ "ދަރިފުޅު އޮންނާނެ މަރާލާފައި." މިހެން ބުނި ކަމަށް ކަމާ ބެހޭ މަސްދަރަކުން މައުލޫމާތުދެ އެވެ. އޭގެ ހަގީގަތް އޭނާގެ އާއިލާ އިން ބެލިއިރު އެކުއްޖާ އޮތީ ޒަހަމްތަކާ އެކު މަރުވެފަ އެވެ.

އެތައް ތަނަކަށް ވަޅިހަރާފައި!

މަރުވެފައި އޮއްވައި ފެނުނު ޝައިހާގެ ކަރުގެ ލަގޮނޑި ހިސާބުގެ ދެ ތަނަކަށާއި އަތުގެ ކޮނޑުހުޅާ އެކު އަތުގެ ތިންތާކަށް އަދި ބަނޑަށް ވަނީ ފުންކޮށް ވަޅިހަރައިފަ އެވެ.

"ކުއްޖާ ލޭ ހުސްވެގެން މަރުވެފައި އެއޮތީ، ލޭ ފައިބަމުން ފައިބަމުން ގޮސް، ދަންވަރު ކުރިކަމެއް، އަޅުގަނޑުމެންނާއި ހިސާބަށް ވެސް އައީ ފަތިހު، އެހާއިރުވީމަ ލޭތަކާ އެކު ހިކިފަތާ އޮންނާނީ ވެސް." ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާން ވިދާޅުވި އެވެ.

ޝާހިދާ އިއްޔެވެސް ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައި.

ވިޝާން ވިދާޅުވި ގޮތުގައި ޝާހިދާ އިއްޔެ ވެސް ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނަފްސާނީ މައްސަލައަކަށް ޑޮކްޓަރަށް ދައްކައި ބޭސް ނަގައިފަ އެވެ. އޭނާ އަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި ބުއްދިގޯސްވުމާއި ނިދިނުލިބުން ފަދަ މައްސަލަތައް ފާހަގަކުރެވެ އެވެ.

ނޫމަރާ އިން އެ އަތޮޅު ފުނަދު އަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޝާހިދާ މީގެ ކުޑަދުވަސްކޮޅެއް ކުރިން އެނބުރި ނޫމަރާ އަށް ބަދަލުވީ ނަފްސާނީ ބަލީގެ އުނދަގޫތައް ކުރިމަތިވާތީ އެކަން ހައްލަކަށް އެޅެންދެން އެރަށުގައި މައިންބަފައިންނާ އެކު ދިރިއުޅުމަށެވެ.

ދަރިފުޅު މަރާލުމަށް ފަހު ވެސް ކަންބޮޑުވުމެއް ފާހަގަނުވޭ.

ނޫމަރާ ކައުންސިލްގެ ރައީސް ވިޝާން ވިދާޅުވި ގޮތުގައި ދަރިފުޅު މަރާލުމަށް ފަހު ވެސް ޝާހިދާގެ ފަރާތުން ބިރުވެރިކަމާއި ހިތާމަވެރިކަން ފާޅުނުވާ ކަމަށެވެ. އޭގެ ބަދަލުގައި ޝަހީދާ ކިބައިން ފެންނަނީ "ގަބު" ކަމެއް ކަމަށް ވިޝާން ވިދާޅުވި އެވެ.

"ވަރަށް ހަމަޖެހިލާފައި އިންނަނީ އަނެއްހެން މީހަކާ ވާހަކައެއް ވެސް ނުދައްކާ." ވިޝާން ވިދާޅުވި އެވެ.

ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އެ ހާދިސާ ހިނގި އިރު އާއިލާ ކޮބާ؟

ކައުންސިލުން ބުނި ގޮތުގައި ރޭ އެގޭގައި ނިދީ އެ ދެމައިންނާއި އެ އަންހެން މީހާގެ މަންމަ އާއި ބައްޕަގެ އިތުރުން އެ އަންހެން މީހާގެ އެއްބަޑު އެއްބަފާ މީހެކެވެ.

އެ ހާދިސާ ހިނގި އިރު އެއިން މީހަށް އެއްވެސް އަޑެއް ނީވޭތޯ ދެންނެވުމުން ކައުންސިލްގެ ރައީސް ވިދާޅުވީ އެދެމައިން ނިދި ކޮޓަރިއަކީ ސީލިންގްކޮށް ވަރަށް ބޮޑަށް ބަންދުވާ ގޮތަށް ހުރި ކޮޓަރިއެއް ކަމުން އެއްވެސް އަޑެއް ބަޑެއް ނީވުނީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

ޝާހިދާގެ އިތުރު އަންހެން ދެ ކުދިން ތިބެ އެވެ. އެ ތަނުން އެއް ކުއްޖަކު، ރޭ އެ ހާދިސާ ހިނގި އިރު އޮތީ އެގޭގެ އެހެން ކޮޓަރިއެއްގަ އެވެ. ބޮޑު ކުއްޖާ ހުރީ އޭނާގެ ބައްޕަގެ ފަރާތު މާމަކައިރީ ފުނަދޫގަ އެވެ. ބައްޕަވީ ވަޑާމުގެ މަސައްކަތުގައި ހދ. އަތޮޅަށް ގޮހެވެ.

ޝައިހާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންދަނީ.

ވަޅިހެރުމުގެ ސަބަބުން ލެއާއި ތަތްތެޅިފައިވާ ޝައިހާގެ ހަށިގަނޑު އެރަށު ސިއްހީ މަރުކަޒަށް ގެނެސް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ސާފު ކުރުމަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތައް ހެދުމަށް ފަހު އެރަށުގައި ވަޅުލުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް