ޓެރަރިޒަމްގެ ދައުވާ ކުރުމުގައި ރައީސްގެ ދައުރެއް އޮތް ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުމަށް ފަހު ރައީސް ނަޝީދު ކޯޓުން ނެރެނީ --- ސަން ފައިލް ފޮޓޯ

ުކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރެއް އޮތް ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އޮފީހަށް ލިބިފައިވާ ކަށަވަރު މައުލޫމާތުން، ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ސީދާ ރައީސް ޔާމީން ޕްރޮސިކިޔުޓަރު ޖެނެރަލް އަށް އެކަން އެހެން ކުރެއްވުމަށް އަމުރުކުރައްވައިގެން ކަން ޔަގީންވާ ކަމަށެވެ.

"މި އޮފީހަށް ލިބިފައިވާ ކަށަވަރު މައުލޫމާތުން ޔަގީންވާ ކަމަކީ، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާ އިން ކުރެވުނު ދައުވާ އަނބުރާ ގެންދަވައި، ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ ސީދާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕްރޮސިކިޔުޓާ ޖެނެރަލް އަށް އެކަން އެހެން ކުރެއްވުމަށް އަމުރުކުރައްވައިގެންކަމެވެ." ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހިފައި ހައްޔަރު ކުރި މައްސަލާގައި ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އުފުއްލެވީ ދައުލަތުގެ މުއައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހަކު ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަކި ކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އެ ދައުވާ ބަދަލު ކުރެއްވީ ޓެރަރިޒަމްގެ ދައުވާ އަކަށެވެ. އަދި ނަޝީދުގެ މައްޗަށް ވަނީ އެކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައީސްގެ ތަރުޖަމާނުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް