ރިޔާސީ ބަޔާނާއި ގުޅިގެން ބައެއް ވަޒީރުންނާއި ސުވާލުކުރުމަށް ރޮޒޭނާ މަޖިލީހަށް ހުށަހަޅައިފި

ރިޔާސީ ބަޔާނާއި ގުޅިގެން ބައެއް ވަޒީރުންނާއި ސުވާލުކުރެއްވުމަށް މަޖިލީހަށް ހުށަހަޅާފައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް: ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނާއި ގުޅިގެން ބައެއް ވަޒީރުންނާއި ސުވާލު ކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދާމް މަޖިލީހަށް ވަޒީރުންނާއި ސުވާލުކުރުމުގެ ނޯޓިސް ހުށަހަޅައިފި އެވެ.

ސުވާލު ކުރެއްވުމުގެ ނޯޓިސް ރޮޒެއިނާ ހުށަހަޅާފައި ވަނީ ހަތަރު ވަޒީރަކަށެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރާއި ހައުސިން މިނިސްޓަރާއި ފޮރިން މިނިސްޓަރުގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓަރާއި ސުވާލު ކުރެއްވުމަށް އޭނާ ވަނީ ހުށަހަޅާފަ އެވެ. އޭގެތެރޭގައި ފިޝަރީޒް މިނިސްޓަރާއި ތިން ސުވާލެއް ކުރެއްވުމަށް ރޮޒޭނާ ވަނީ ހުށަހަޅާފަ އެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ކުރެއްވުމަށް ރޮޒޭނާ ހުށަހަޅާފައިވާ ސުވާލަކީ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ތަސައްވަރު ރަނގަޅު ކުރެއްވުމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ ހަރަދުވި ފައިސާ އަދަދެވެ. އަދި ބޭރުގެ ލީގަލް ކުންފުނިތަކަށާއި މާކެޓިން ކުންފުނިތަކަށް ހަރަދުކޮށްފައިވާ ފައިސާގެ ތަފްސީލް ހޯދުމަށް ވެސް އޭނާ ވަނީ ހުށަހަޅާފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ކުރެއްވުމަށް ރޮޒޭނާ ހުށަހަޅާފައިވާ ސުވާލަކީ 20 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކޮށް އޭގެތެރެއިން 8 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވާ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވެފައިވާތީ އެ ރަށްރަށުގެ ތަފްސީލު ހޯދުމަށެވެ.

އެންވަޔަރަމަންޓު މިނިސްޓަރު ތާރިގް އިބްރާހިމަށް ކުރެއްވުމަށް ރޮޒޭނާ ހުށަހަޅާފައިވާ ސުވާލަކީ 13 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި އަދި 12 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އާ މަޝްރޫއުތައް މިއަހަރު ކުރިއަށް ދާނެ ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާތީ އެރަށްރަށުގެ ތަފްސީލް ހޯދުމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ކުރެއްވުމަށް ރޮޒޭނާ ހުށަހަޅާފައިވާ ސުވާލަކީ 84 ފަރާތަކަށް 5.7 މިލިއަން ރުފިޔާގެ ލޯނު މިދިޔަ އަހަރު ދަނޑުވެރިކަމުގެ ޒުވާނުން ނެރުމަށް ދޫކޮށްފައިވާ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވެފައިވާތީ އައްޑޫ މީދޫ ދާއިރާގެ އެއްވެސް ރައްޔިތަކަށް އެ ލޯން ލިބިފައިވޭތޯ ބެލުމަށެވެ. އަދި ލޯނު ދޫކޮށްފައިވާ އުސޫލާއި ފައިސާ ދޫކޮށްފައިވާ މިންވަރުގެ ތަފްސީލް ހޯދުމަށް ވެސް ރޮޒޭނާ ވަނީ ހުށަހަޅާފަ އެވެ.

ރިޔާސީ ބަޔާން އިއްވާފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް