ހަތަރު މިލިއަން ރުފިޔާ އަށް ހިތަދޫ ސްކޫލުގައި ދެބުރި އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ސ. ހިތަދޫ ސްކޫލުގެ ދެބުރި އިމާރާތް އެޅުމަށް ހަވާލުކުރުން ؛ ފޮޓޯ: އެޑިއުކޭޝަން

ސ. ހިތަދޫ ސްކޫލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހަ ކްލާސްރޫމުގެ ދެބުރި އިމާރާތުގެ މަސައްކަތް ހަތަރު މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށް، އެގްރީމަންޓުގައި މިއަދު ސޮއިކޮށްފި އެވެ.

ހިތަދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްއެސްބީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް އިބްރާހިމް އެވެ. އެމްއެސްބީ ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މޫސާ ނަސީރެވެ.

އެއް އަހަރު ތެރޭގައި ނިންމުމަށް ހަވާލު ކުރި މަސައްކަތުގެ އަގަކީ 4.64 މިލިއަން ރުފިޔާ އެވެ.

އަށް ސަތޭކަ ދަރިވަރުން ކިޔަވަމުން އަންނަ ހިތަދޫ ސްކޫލުގައި މިހާރު ހިންގަނީ 30 ކްލާސްރޫމުގެ އިމާރާތެއްގަ އެވެ.

އެޑިއުކޭޝަނުން ބުނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި، އަންނަ އަހަރު އިމާރާތުގެ ބޭނުން ކުރަން ފެށޭ ވަރު ވާނެ ކަމަށެވެ.

މިހާރު ވެސް ވޯލްޑްބޭންކުގެ 12 ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި އިތުރު ފަސް ޕްރޮޖެކްޓެއް އިއުލާނު ކުރާނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދެ ޕްރޮޖެކްޓެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

comment ކޮމެންޓް