އާސެނަލް މޮޅުވިއިރު ޗެލްސީއާ ޔުނައިޓެޑްގެ ކުރިމަތިލުން އެއްވަރު

އާސެނަލް އާއި ބޯންމައުތު ކުޅުނު މެޗުގައި އާސެނަލްގެ އޮޒިލް ބޯޅަ ހޯދަން މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް 2-0 ގެ ނަތީޖާ އަކުން އޭއެފްސީ ބޯންމައުތު އަތުން މޮޅުވިއިރު ޗެލްސީ އާއި މެންޗަސްޓާ ޔުނައިޓެޑްގެ ކުރިމަތިލުން 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެއްޖެއެވެ.

ރޭގެ އެ ނަތީޖާއާ އެކު އާސެނަލް ވަނީ 48 ޕޮއިންޓް ހޯދައިގެން، ތާވަލުގެ ދެ ވަނައިގައި އޮތް ޓޮޓެންހަމްއާ ޕޮއިޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް ލަނޑުގެ ތަފާތުން އާސެނަލްއަށް ލިބެނީ ތާވަލުގެ ތިން ވަނައެވެ. ބޯންމައުތު އޮތީ 28 ޕޮއިންޓާއި އެކު 15 ވަނައިގައެވެ. ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު ޖުމުލަ 41 ޕޮއިންޓް ލިބިގެން ޔުނައިޓެޑް ފަސް ވަނާގައި އޮތް އިރު ޗެލްސީ އޮތީ 30 ޕޮއިންޓާއި އެކު 13 ވަނައިގައެވެ. ލީގު ތާވަލުގެ އެއް ވަނައިގައި 53 ޕޮއިންޓް ހޯދައިގެން ފަސް ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލެސްޓާ ސިޓީއެވެ.

އާސެނަލް އާއި ބޯންމައުތު ކުޅުނު މެޗުގައި އާސެނަލްގެ ރަމްސޭ އަތުން ބޯޅަ ހޯދުމަށް ބޯންމައުތުގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ބޯންމަތުގެ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްއިން މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމުގެ ދެ ގޯލު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓްގައި މެސުޓް އޮޒިލްގެ ގޯލުން އާސެނަލް އަށް ލީޑް ލިބިގެންދިޔައިރު އޭގެ މިނެޓްފަހުން އެލެކްސް އޮކްސްލޭޑް ޗެމްބަލޭން ވަނީ އާސެނަލްގެ ދެވަނަ ގޯލް ކާމިޔާބުކޮށް ލީޑް ފުޅާ ކޮށްދީފައެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދައްކައި ޗެލްސީގެ ގޯލަށް ވަނީ ނުރައްކާކޮށްފައެވެ. އަދި ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު ޗެލްސީ އިން ވަނީ ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުގައި މޮޅު ކުޅުމެއް ދައްކާފައެެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީ އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެ މެޗުގައި ޔުނައިޓެޑަށް ލީޑް ލިބިގެންދިޔައީ 61 ވަނަ މިނެޓްގައި ވޭން ރޫނީ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖެސީ ލިންގާޑް ކާމިޔާބްކުރި ގޯލުންނެވެ. ޔުނައިޓެޑްގެ އެ ގޯލާއެކީ ޗެލްސީ ދިޔައީ އެ މީހުންގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށް ވެގްންދިޔައީ މެޗުގައި ގިނަ ސޭވް ތަކެއް ކުރި ޔުނައިޓެޑްގެ ގޯލު ކީޕަރު ޑޭވިޑް ޑެހެއާއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީ އާއި ޔުނައިޓެޑް ކުޅުނު މެޗުގައި ޗެލްސީގެ ކޯސްޓާ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ޗެލްސީއަށް އެ މެޗުގައި ޕޮއިންޓެއް ކަށަވަރުވެގެން ދިޔައީ މެޗުގެ ފުރިހަމަ ވުގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޑިއެގޯ ކޯސްޓާގެ ގޯލުންނެވެ.

comment ކޮމެންޓް